Advertisement

ޓެކްސް ބޮޑުކުރަން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތާއީދު

27 އޮކްޓޯބަރު 2022 - 12:18 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ވެލާނާ އެއާޕޯޓުގައި އެއާޕޯޓް ރެޕްތަކެއް މަޑުކޮށްލައިގެން. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޓެކްސް ބޮޑުކުރަން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތާއީދު

27 އޮކްޓޯބަރު 2022 - 12:18 0

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާ ދެކޮޅަށް ރިސޯޓު އަދި ގެސްޓުހައުސް ހިންގާ ފަރާތްތަކުން ދެކޮޅު ހަދަމުންދަނިކޮށް، ސަރުކާރުގެ އެ ނިންމުމަށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ޖަމިއްޔާއިން ތާއީދުކޮށްފި އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ.

އެ ކޮމިޓީއަށް މަޓީގެ އިތުރުން ގެސްޓްހައުސް އެސޯސިއޭޝަނުން ހިޔާލު ދީފައިވަނީ މިއީ ޓެކްސް ބޮޑުކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށާއި، އެކަމަށް މަދުވެގެން 12 މަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭ ކަމަށް ބުނެފަ އެވެ.

ނަމަވެސް، ޓެކްސް ބޮޑުކުރުމުގެ ނިންމުމަށް ތާއީދުކޮށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ އާމްދަނީ އާއި އިގުތިސޯދުގެ އިތުރުން މުވައްޒަފުންގެ މުސާރަ އާއި އަސާސީ ހިދުމަތްތައް ދިނުމަށްޓަކައި ޖީއެސްޓީ އަދި ޓީޖީއެސްޓީ އިތުރުކުރަން ހުށަހަޅާފައިވާ އިސްލާހަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަދި މި ޖަމިއްޔާއިން ދެކޭ ގޮތުގައި ޓޫރިސްޓުން އަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އާއި ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އާއި އަދި އެހެންމެ އާމްދަނީއިން ނެގޭ ޓެކްސް ޕްރޮގްރެސިވްކޮށް އިތުރުކުރުމަކީ މުޅި ގައުމުގެ އިގުތިސޯދަށް ނުހަނު މުހިންމު ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ،" ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން، ދައުލަތަށް ނުދައްކާ ހުރި ފައިސާ އާއި ބިމު ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާ ވެސް މިހާރުން މިހާރަށް ހޯދަން ވެސް ބަޔާނުގައި ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ޓޫރިޒަމަށް 50 އަހަރު ފާހަގަކުރާއިރު، އެ ބައި ގަރުނުގައި މުޅި ސިނާއަތާއި އިގުތިސޯދު ބިނާކޮށްފައިއޮތީ ރިސޯޓު އޯނަރުންނަށް ކަމަށް ތުހުމަތުކޮށް ޓީމް އިން ބުނީ ކުރިއަށް އޮތް ބައި ގަރުނު މި ސިނާއަތް ދެމެހެެއްޓެނެވި އަދި ޒިންމާދާރު ގޮތެއްގައި ރައްޔިތުންގެ މަންފާއަށް ހިންގޭ ސިނާއަތަކަށް ހަދަންޖެހޭ ކަމަށެވެ.

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައި، އިއުލާނުކޮށްފަ އެވެ.

ޓެކްސް ބޮޑުކުރުން އިތުރަށް ލަސްކުރަން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އެދުނު ނަމަވެސް، މިހާރު ވެސް އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އަމީރު ވިދާޅުވާ ގޮތުގައި، ދައުލަތުގެ ބަޖެޓު ފޫބައްދަން ބޭރުން ދަރަންޏަށް ފައިސާ ނެގޭނެ ދޮރުތައް ބަންދުވެ، ގައުމުގެ އެތެރެއިން އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދަން ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ.