Advertisement

ނެއްލައިދޫ އަންހެނުންގެ ދިވެހިވަންތަ ހީވާގި މަސައްކަތް ބަލަން ވެސް ޓޫރިސްޓުން ދާނެ

25 އޮކްޓޯބަރު 2022 - 09:40 1

ހދ. ނެއްލައިދޫ

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނެއްލައިދޫ ގޮނޑުދޮށުގައި އަންހެނަކު ބޮނބިފާކުރުމުގެ މަސައްކަތުގައި؛ މިއީ ވެސް ޓޫރިޒަމްގައި ބައިވެރިކުރެވޭނެ ކަމެއް - ފޮޓޯ: މިރާޝް ނާޝިމް | އަދަދު


ނެއްލައިދޫ އަންހެނުންގެ ދިވެހިވަންތަ ހީވާގި މަސައްކަތް ބަލަން ވެސް ޓޫރިސްޓުން ދާނެ

25 އޮކްޓޯބަރު 2022 - 09:40 1

ހދ. ނެއްލައިދޫ

ހެނދުނުގެ ވަރަށް ވެސް އިރާކޮޅުގެ ވަގުތެކެވެ. ބޮނބި ތަޅަން ދެ އަންހެނަކު ބުރަ މަސައްކަތުގައި ތިއްބެވެ. ބޮނބި ތެޅުމުގެ ބޭނުމަކީ ފާކުރި ބޮނބިން ކުނޑި ފިލުވައި ލީލި އެޅުމަށާއި ރޯނު ވެށުމަށް ބޭނުން ކުރުމެވެ. މިއީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމު މަންޒަރަކަސް ނެއްލައިދޫގައި މިފަދަ މަންޒަރެއް ފެނުމުން ހައިރާންވާން ޖެހުނެވެ.

ރޯނު ވެށުމުގެ މަސައްކަތަށް ކުޅި އާއި ޗަސްބިމަކީ މުހިންމު ދެ ގުދުރަތީ ވަސީލަތެވެ. މި އަތޮޅުގެ ގިނަ ރަށްރަށުގައި ކުޅި އާއި ޗަސްބިމުގެ ސަރަހައްދުތަކުގައި ތިބެގެން އަންހެނުން މަސައްކަތް ކުރާ މަންޒަރު ފެންނާނެ އެވެ. އެކަމަކު ހދ. ނެއްލައިދޫގައި ކުޅިއެއް ނެތެވެ. ޗަސްބިމެއް ވެސް ނެތެވެ. ވަލަކީ ވެސް ރަށް ވަށައިގެން އޮތް މަދު ގަސްތަކެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ނެއްލައިދުއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރެއްވި ދަތުރުފުޅުގައި، ގުދުރަތީ ވަސީލަތްތައް މަދު ނެއްލައިދޫގައި ވެސް ޓޫރިޒަމް ކޮންސެޕްޓް ހިންގޭނެ ގޮތް ސާފުކޮށްދެވިގެން ދިޔަ އެވެ.

"އަންހެނުން އެހާ އުފެއްދުންތެރި. މި ރަށުގަ ވަލުތެރެއެއް ވެސް ނޯންނާނެ. އެކަމަކު ވެސް ފަތިހު ހޭލައިގެން ޑިންގީގަ ގޮސް ފަޅުރަށްތަކުން ބޮނބި ހޮވައިގެން، ފަން ހޮވައިގެން އަންނާނެ،" ނެއްލައިދޫގެ ހާއްސަކަން ސިފަކޮށްދީ، އެ ރަށް ހިމެނޭ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު, "ފިއްޓޭ" ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވަފުދު ނެއްލައިދޫ ރައްޔިތުންނާ ކުރެއްވި ބައްދަލުވުމުގައި މެންބަރު ފިއްޓެ ވާހަކަ ދައްކަވަނީ - ފޮޓޯ: މިރާޝް ނާޝިމް | އަދަދު


ޒިޔާދު އެހެން ވިދާޅުވީ މިނިސްޓަރު ނެއްލައިދުއަށް ވަޑައިގެންނެވި ރޭ އެ ރަށު ޕްރީސްކޫލްގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ މަގުސަދަކީ، ނެއްލައިދޫގައި ފަތުރުވެރިކަން ކުރިއަށް ގެންދެވޭނެ މޮޑެލެއް ހޯޑަން ނެއްލައިދޫ ރައްޔިތުންގެ ހިޔާލުތައް ހޯދުމެވެ.

ޒިޔާދު އިތުރަށް ފާހަގަ ކުރެއްވީ ނެއްލައިދޫގައި ތައްޔާރުކުރާ ކުޑަ ބަޖިޔާ އާއި މަދު މެޓާގެ ވާހަކަ އެވެ. ނެއްލައިދުއަށް ހާއްސަ އެ ކެއުންތައް އެ އަތޮޅުގެ އެހެން ރަށްރަށުގައި ވެސް ވިއްކަން ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ފާހަގަކުރެއްވީ ހަގީގީ ވާހަކަތަކެއް ކަން ޖެހިގެން އައި ދުވަހުގެ ހެނދުނު އެނގުނެވެ. ޓޫރިޒަމް ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅޭނެ ނެއްލައިދޫގެ ބިންތައް ބެލުމަށް މިނިސްޓަރުގެ ވަފުދު ވަޑައިގަތް ވަގުތު އެ މަންޒަރުތައް ފެނިގެން ދިޔަ އެވެ.

"ކައިރީގަ މި ހުރި ފަޅުރަށުން އަޅުގަނޑުމެން ބޮނބި ގެންނަނީ، ބޮނބި ފާކޮށް ރޯނު ވެށުމަށް ފަހު އާންމުކޮށް މި ރަށު މީހުންނަށް ވިއްކަނީ. ސްކޫލް ނެތް ދުވަހެއް ނަމަ ވަރަށް ގިނަ އަންހެން ވެރިން ޑިންގީއެއް ހިފައިގެން ދާނެ،" ގޮނޑުދޮށުގައި ބޮނބިފާކުރަން އިން އަންހެނަކު ކިޔައިދިނެވެ.

ނެއްލައިދޫ ގޮނޑުދޮށުގައި އަންހެނަކު ބޮނބި ތެޅުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ނެއްލައިދުއަށް ހާއްސަ މަދުމެޓާ ތައްޔާރުކުރާ ގޮތް ވެސް މި ދަތުރުގެ ތެރެއިން ދައްކައިލި އެވެ. ނެއްލައިދޫގެ އެތައް ގެއެއްގައި މަދުމެޓާ ތައްޔާރު ކުރެ އެވެ. ދަތުރުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުގެ ވަފުދުގެ ބައެއް ބޭފުޅުން އެއިން އެއް ގެއަކަށް ވަޑައިގަތެވެ.

މި ރަށު ފާތިމަތު ރަޝީދާ އާއި އޭނަގެ މަންމަ ރާމިޒާ މުހައްމަދު އެ މެޓާ ތައްޔާރުކުރަމުން، ވިޔަފާރި ކުރިއަށްދާ ގޮތް ވެސް ކިޔައިދިނެވެ. އެ މީހުން ކިޔައިދިން ގޮތުގައި ރަށު ފިހާރަތަކުގެ އިތުރަށް އަތޮޅުގެ އެހެން ރަށްރަށަށް ވެސް އެ މެޓާ ފޮނުވަ އެވެ.

"މެޓައެއް ފިހާރަތަކަށް މި ވިއްކަނީ 50 ރުފިޔާއަށް، މެޓާ ތައްޔާރުކުރަން ބޭނުންވާ މަދު ގެންނަނީ ކައިރި ފަޅުރަށްރަށުން. މި ރަށު އަންހެންވެރިން ދާނެ ޑިންގީގަ މަދު ހޮވަން އެ ރަށްރަށަށް،" އެ މަސައްކަތް ކުރާތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވީ ރާމިޒާ ބުންޏެވެ.

ނެއްލައިދޫ ގެއެއްގައި މަދު މެޓާ ތައްޔާރުކުރާނެ ގޮތް މިނިސްޓްރީގެ ވަފުދަށް ދައްކާލަނީ - ފޮޓޯ: މިރާޝް ނާޝިމް | އަދަދު


މިނިސްޓްރީގެ ވަފުދުގައި ހިމެނޭ އަންހެން ބޭފުޅުން ކޮންމެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އަންހެނުންނާއި އެ ރަށެއްގައި މިފަދަ ހީވާގި މަސައްކަތްތައް ކުރާ އަންހެނުންނާ ބައްދަލުކޮށް، އެ މީހުންގެ އެ މަސައްކަތްތައް ޓޫރިޒަމް ހަރަކާތެއްގައި ބައިވެރިކުރެވޭނެ ގޮތްތައް ކިޔައިދެ އެވެ.

"މިހާރު ނަމަ ވަރަށް ނުއަގުގަ މެޓައެއް ވެސް މި ވިއްކެނީ. ރަށަށް އަންނަ ފަތުރުވެރިން އަދި ދިވެހިންނަށް ވެސް މެޓާ ތައްޔާރުކުރާ ގޮތް ދައްކައިދީގެން، ނޫނީ މެޓާ ތައްޔާރު ކުރުމުގައި ބައިވެރިކޮށް ދަސްކޮށްދީގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ،" މިނިސްޓްރީގެ ސްޓޭކްހޯލްޑާ ރިލޭޝަން އޮފިސަރު މަރިޔަމް މާޔާ އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ނެއްލައިދޫ މަދު މެޓާ ހުންނާނެ ޑިޒައިން މިނިސްޓްރީގެ ވަފުދަށް ދައްކާލުމުގެ ތެރެއިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހދ. އަތޮޅަށް ފަތުރުވެރިއަކު ގެންނަން ހަރަދު ބޮޑުވެ، އެތައް ގޮންޖެހުމެއް ކުރިމަތިވާތީ އެވެ.

މިިނިސްޓްރީގެ ދަތުރުގެ މަގުސަދަކީ ހދ. އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމި ބައިނަލްއަގްވާމީ ދަތުރުތައް ފެށެންވާ އިރަށް ފަތުރުވެރިން އެ އަތޮޅަށް އައިސް ތިބޭނެ އިންތިޒާމުތައް ރަށްރަށުގައި ގާއިމްވެފައި އޮތުމެވެ.

ދުނިޔޭގެ ޓޫރިޒަމަކީ ވަރަށް ބޮޑަށް ތަޖުރިބާގެ ދަތުރުތަކަށް ބަދަލުވެފައި އޮތުމުން ރާއްޖޭގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޮތް ތަޖުރިބާކުރަން އަންނަ ޓޫރިސްޓުންނަށް އަމާޒުކޮށް، ރަށްރަށުގެ އަންހެނުންގެ އުފެއްދުންތެރި މަސައްކަތްތައް ދައްކުވައިދީގެން އެ ވިޔަފާރި ހިންގޭނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެ އެވެ.

ދަތުރުގެ ދެން އޮތް މަގުސަދަކީ ރަށްރަށުގައި ރަށު ޓޫރިޒަމް ހިންގުމުގެ ޝައުގު އޮތް ވަރު ވެސް އަޖުމަ ބަލާލުމެވެ. މުޅި ދަތުރުގައި ނެއްލައިދޫ މީހުންގެ ހާއްސަކަން ކިޔައިދޭން މަސައްކަތް ކުރި ވަރާއި، ރަށުން މިނިސްޓަރަށް މަރުހަބާ ކީ ތަފާތު އުކުޅާއެކު އެ ޝައުގު ހުރި މިންވަރު ނިކަން ރަނގަޅަށް ވެސް ދައްކައިދިނެވެ.