Advertisement

ވަޒީރަށް ނެއްލައިދޫން ތަފާތު މަރުހަބާއެއް؛ ޝަކުވާތަކުގެ ތަމްސީލް ކުޅުމެއް!

21 އޮކްޓޯބަރު 2022 - 20:34 0

ހދ. ނެއްލައިދޫން

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނެއްލައިދޫން މިނިސްޓަރު މައުސޫމަށް މަރުހަބާ ދެންނެވީ ހދ. އަތޮޅު މީހުންގެ ޝަކުވާތައް ދައްކުވައިދޭ ތަމްސީލް ކުޅުމަކުން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ވަޒީރަށް ނެއްލައިދޫން ތަފާތު މަރުހަބާއެއް؛ ޝަކުވާތަކުގެ ތަމްސީލް ކުޅުމެއް!

21 އޮކްޓޯބަރު 2022 - 20:34 0

ހދ. ނެއްލައިދޫން

ކޮބައިތޯ މި އަތޮޅަށް ލިބެން އޮތް ތަރައްގީ،

ކޮބައިކަން ބުނެލަދޭށޭ އޮތް ގޮތް ހަގީގީ،

މި ރާއްޖޭގެ ސާޅީސް އަހަރު ޓޫރިޒަމުގައި،

ނެތޭ ހެދިފައޭ އެއްވެސް ރިސޯޓެއް އަތޮޅުގައި.

މިއީ މިރޭ އިރާކޮޅު ހދ. އަތޮޅު ނެއްލައިދޫން ވަށައިގެން އިވެމުން ދިޔަ ލަވައިގެ އަޑެވެ. އެއީ ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މި ވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެއްލައިދުއަށް ވަޑައިގެންނެވި ވަގުތެވެ.

އެ ލަވައަކީ މީގެ 10 އަހަރު ކުރިން ހދ. އަތޮޅުގައި ޓުއަރިޒަމް ފެށިފައި ނެތުމުން "ޓުއަރިޒަމް ނެތް ހދ." ކެމްޕޭން ހަރަކާތެއްގެ ތެރެއިން އުފެއްދި ލަވައެކެވެ. އެއަށްފަހު ޓުއަރިޒަމަށް 50 އަހަރު ވެގެން ދިޔައިރު ވެސް އަދިވެސް ހާލަތަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

މިއީ މިނިސްޓަރު ހދ. އަތޮޅުގެ އެހެން ރަށްރަށަށް ވަޑައިގަތުމުން ވެސް އިވުނު ޝަކުވާތަކެވެ. ރިސޯޓް ހަދަން ދޫކުރި ރަށްރަށް ނުނިމެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހދ. އަތޮޅަށް ޓުއަރިސްޓުން ގެންނަން ހުރި ދަތުރުފަތުރުގެ ގޮންޖެހުންތަކެވެ.

ނަމަވެސް ނެއްލައިދޫން މި ޝަކުވާތައް އޮއްސައިލީ ބަނދަރު ސަރަހައްދުންނެވެ. މިނިސްޓަރު މިހާތަނަށް ކުރައްވާ މަސައްކަތަށް ދެއްވަން ޖެހޭ އިހުތިރާމު ވެސް ދެއްވަމުންނެވެ. މިނިސްޓަރުގެ ވަފުދު ރަށަށް ވަޑައިގަންނަވަންވާއިރަށް ނެއްލައިދޫ މީހުން ތިބީ ތަމްސީލް ކުޅުމަކަށް ތައްޔާރުވެގެންނެވެ.

މިނިސްޓަރު ބަނދަރުން ރަށަށް ފައި ބީއްސަލާ ވަގުތު ފުރަތަމަ ވެސް ބަނދަރު ސަރަހައްދުގައި ތައްޔާރުކޮށްފައި ހުރި "ރިސޯޓް ރެސެޕްޝަނެއް" ފެންނާނެ ގޮތަކަށް ބަހައްޓާފައި ހުއްޓެވެ. ހުދު ގަންޖުފަރާހާއި ފޭއްޔެއް ލައިގެން ހުރި މީހެއް "ރެސެޕްޝަނިސްޓެއް" ގޮތުގައި އެ ތަނުގައި ހުއްޓެވެ.

އެ ފިރިހެން މީހާ ކައިރިއަށް މިނިސްޓަރު ވަޑައިގެން އިރުކޮޅަކަށް ވާހަކަ ވެސް ދެއްކެވި އެވެ. އެއީ ނާގޮޅި، ކުޑަމުރައިދޫ، އަދި ވައިކަރަމުރައިދޫ، އެ ތިން ރަށުގެ ރެސެޕްޝަން ކަމަށް އެ ތަނުގައި ހުރި ފިރިހެން މީހާ މިނިސްޓަރު އަރިހުގައި ބުންޏެވެ.

އެއިން ނާގޮށި ލިޔެފައި އޮތީ މައި ރަށެއްގެ ގޮތުގަ އެވެ. އަނެއް ދެ ރަށް ލިޔެފައި އޮތީ އޭގެ ދަށުން ހިންގާ ދެ ރަށެއް ގޮތަށެވެ.

އެއީ މީގެ ކުރީގައި ރިސޯޓް ހަދަން ދޫކުރި ހދ. އަތޮޅުގެ ތިން ރަށެކެވެ. މި ސަރުކާރުން ނާގޮށި ހަދާނެ މަގެއް ހޯދައިގެން މަސައްކަތް ފެށިޔަކަސް، ދިގު އިންތިޒާރު ނިމެން މި އަތޮޅު މީހުން ތިބީ ކެތް މަދުވެފަ އެވެ.


މީގެ ކުރިން ސަރުކާރުތަކުން ހދ. އަތޮޅުގައި ޓުއަރިޒަމް ތަރައްގީކުރަން ހުށަހެޅި ހިޔާލުތައް އަދިވެސް "ހިޔާލީފޮލާތަކެއް" ގޮތުގައި އޮތުމުން، އެއިން ބައެއް ހިޔާލުތައް ވެސް ތަމްސީލް ކުޅުމުގައި ދައްކުވައިދިނެވެ.

އެ ގޮތުން ވައިކަރަމުރައިދޫގެ ޑައިވިން ސެންޓަރާއި، ހދ. އަތޮޅުގެ އެކި ރަށްރަށުގައި ވޯޓާ ސްޕޯޓްސް ހަރަކާތްތަކާއި، އަތޮޅުގެ ރަށްތަކުގައި ހުރި ރީތި ކުޅިތަކުގައި ކެނޯ ދުއްވުމާއި، އެ ހަރަކާތްތަކުން ޖީބަށް ޑޮލަރު ވަންނަ މަންޒަރުތައް މިނިސްޓަރަށް ދައްކުވައިދިނެވެ.

މި ސަރުކާރުގައި ވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމާއެކު 8،000 އެނދު މި ސަރަހައްދަށް ގެނެވޭނެ ކަމަށް ވިދާޅުވެފަ އެވެ. މިހާރު ވެސް އެނދުތައް ފުލްވެފައި ކަމަށް ބުނެ އެ ކަން ހަނދުމަކޮށްދިނެވެ.


ޝުއޫރުތައް ލިޔެފައިވާ ބެނާތައް ވެސް ބަނދަރުގެ އެކި ސަރަހައްދުތަކުގައި ދަމާފައި ހުއްޓެވެ. އެ ބެނާތައް ކައިރީ ހުއްޓިލައިގެން، ރަށުގެ ކައުންސިލަރުންނާއެކު މިނިސްޓަރާއި ވަފުދުގެ ބައެއް އިސް ބޭފުޅުން ވެސް ފޮޓޯ ނެންގެވި އެވެ.

މި ޝުއޫރުތަކާއެކު، ބަނދަރު ސަރަހައްދަށް ޖަމާވެ ތިބި ނެއްލައިދޫ ރައްޔިތުން ބުނަމުން ދިޔައީ މިރޭ ތާރީހުގައި ލިޔެވިގެން ދާނެ އެވެ.

"ޓުއަރިޒަމަށް 50 އަހަރު، ހދ. އަށް އަންނަ އަހަރު، މިއީ ހައްގު މިންވަރުތޯ،" ނެއްލައިދޫގައި ދަމާފައިވާ ބެނާއިން މުޅި އަތޮޅުގެ ޝުއޫރު ދައްކުވައިދިނެވެ.