Advertisement

ނޭކުރެންދުއަށް ޓޫރިޒަމް ގެންނަން ވަރަށް މަސައްކަތްކުރި، ތިއްތިގެ މާޔޫސްކަމަށް ކުޑަ ތަސައްލީއެއް!

24 އޮކްޓޯބަރު 2022 - 09:24 1

ހދ. ނޭކުރެންދޫ

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނޭކުރެންދޫގައި ގެސްޓްހައުސް ވިޔަފާރިއެއް ފަށަން އިންވެސްޓްކޮށްފައިވާ ތިއްތި އަދި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ނޭކުރެންދުއަށް ޓޫރިޒަމް ގެންނަން ވަރަށް މަސައްކަތްކުރި، ތިއްތިގެ މާޔޫސްކަމަށް ކުޑަ ތަސައްލީއެއް!

24 އޮކްޓޯބަރު 2022 - 09:24 1

ހދ. ނޭކުރެންދޫ

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފަލުގެ ބޭނުން ހިފައިގެން އާމްދަނީއެއް ހޯދަން ނޭކުރެންދޫ މީހުން ވެސް ބޭނުންވެ އެވެ. ރާއްޖޭގެ ޓުއަރިޒަމަށް ބައި ގަރުނު ވެގެން ދިޔައިރު ވެސް ނޭކުރެންދުއަށް އޭގެ ފައިދާ ހިފޭނެ މަގެއް ނުފެނުނެވެ. މިހާރު ކަނޑޫފަލުގެ ބޮޑު ބައެއް ވެސް މަރުވެގެން ދަނީ އެވެ.

ހދ. އަތޮޅުގައި ރިސޯޓެއް ނެތުމުގެ މާޔޫސް ކަމުގައި ނޭކުރެންދޫ މީހުން ވެސް އެތައް އަހަރެއް ވެފައި ވަނިކޮށް، ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް ވަޑައިގަތެވެ. ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފެށުމަށް ނޭކުރެންދޫ މީހުންގެ ހިޔާލުތައް ހޯދުމަށެވެ.

ދަތުރުގެ މައިގަނޑު އެއް މަގްސަދަކީ ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރަން ޝައުގު އޮތް ވަރު ބަލައިލުމެވެ. އެކަމަކު ނޭކުރެންދޫގައި ޓުއަރިޒަމް ނުފެށި އޮތީކީ، އޭގެ ޝައުގު ނެތިގެނެއް ނޫނެވެ. އެ ވިޔަފާރިއަށް އިންވެސްޓްކޮށްފައި ހުރި މީހުން ވެސް ނެތީއެއް ނޫނެވެ.

މިނިސްޓަރު ވަޑައިގެންނެވިއިރު، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރި އެ ރަށުގެ މީހަކަށް ރަށުގައި އެ ވަގުތު ހުރީ އަހުމަދު ޒާހިރު (ތިއްތި), 49 އެވެ. އަމިއްލަ މަސައްކަތްކޮށްގެން ރައްކާކުރި ފައިސާއިން، މީގެ ފަސް އަހަރު ކުރިން ގެސްޓްހައުސް އަޅަން ފެށި ނަމަވެސް, މިހާރު އޮތީ މަސައްކަތް ހުއްޓިފަ އެވެ.

ޒާހިރަށް ރަށު މީހުން ކިޔައި އުޅެނީ ތިއްތި އެވެ. ނޭކުރެންދޫ ސްކޫލްގައި އޮތް ބައްދަލުވުމުގައި ހިޔާލުފާޅުކުރަން ދިން ފުރުސަތުގައި ފުރަތަމަ ވެސް ވާހަކަ ދެއްކީ އޭނާ އެވެ. 3,200 އަކަފޫޓުގެ ބިމެއްގައި އަށް ކޮޓަރީގެ ތަނެއް އެޅުމުގެ މަސައްކަތް ހުއްޓިފައި އޮތް ސަބަބުތަކެއް ކިޔައިދޭން ފެށި އެވެ.

"އަޅުގަނޑަކީ ސަރުކާރު މުވައްޒަފެއް ނޫން، އަޅުގަނޑު އަބަދުވެސް ފައިސާ ހޯދަނީ އަމިއްލަ މަސައްކަތުން، އެކަމަކު ބޭންކުން ވެސް، އެސްއެމްއީ އިން ވެސް ވަޒީފާއެއްގަ ނޫޅޭތީ ލޯނެއް ނުލިބޭ،" ކޮންސްޓްރަކްޝަން މަސައްކަތާއި ދަނޑުވެރިކަން ވެސް ކުރާ ތިއްތިއަށް ދިމާވި ގޮންޖެހުންތައް އޭނާ ކިޔައިދޭން ފެށި އެވެ.

ނޭކުރެންދޫ ރައްޔިތުންނާ މިނިސްޓަރު މައުސޫމް ކުރެއްވި ބައްދަލުވުމުގައި ތިއްތި ވާހަކަ ދައްކަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


-- ވިޔަފާރިތައް ފެށުމަށް ބާރު އަޅަން ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ އިން ވަޒީފާއެއް ނެތް މީހުންނަށް ލޯނު ދޫނުކުރާތީ، ހދ. އަތޮޅުގެ އެހެން ރަށްރަށުން ވެސް އެ ޝަކުވާ ކޮށްފައިވެ އެވެ. --

ތިއްތި ގެސްޓްހައުސްގެ މަސައްކަތް ފެށުމަށް ރަށުގެ އެހެން ޒުވާނުން ދިޔައީ ދެވެން އޮތް އެހީތެރިކަމެއް ދެމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ބައްދަލުވުމުގައި، އެ ޒުވާނުން ވެސް ތިއްތިގެ ހައްގުގައި އަޑު އުފުލި އެވެ. އަދި އެ މަސައްކަތް ކާމިޔާބުކޮށްދެވިއްޖެ ނަމަ ނޭކުރެންދުއަށް ޓޫރިޒަމް ވެސް ގެެނެވުނީ ކަމަށް ބުންޏެވެ.

"ހޯމްސްޓޭ ލޯކަލް ޓޫރިޒަމް ވިޔަފާރި ފަށަން ދޫކުރާ ލޯނުގެ ކްރައިޓީރިއާތައް ހުންނަ ގޮތުން ވެސް ދަތިތަކެއް އެބަ އުޅޭ، ހދ. އަތޮޅަށް މާލެ އަތޮޅުން ދަތުރުފަތުރުގެ ވިއުގަ އޮތް ގޮތުން ވެސް ވަރަށް ދަތި ލޯނެއް ހޯދަން ވެސް، ގެސްޓް ހައުސް ވިޔަފާރި ފަށައިގެން ކުރަން ވެސް،" ޒުވާނަކު ބުންޏެވެ.

"އަޅުގަނޑު ވަރަށް އުފާވާނެ ތިއްތިއަށް އެ ކަން ވެއްޖެއްޔާ، މި ރަށު އެންމެން ވެސް އުފާވާނެ، ތިއްތި އެ އުޅޭހާ ހާލު، ދިހަވަރަކަށް، ބާރަވަރަކަށް އަހަރު އެވީ،" ތިއްތިގެ ފަހުން ވާހަކަ ދެއްކި އެހެން ޒުވާނަކު ބުންޏެވެ.

ނޭކުރެންދޫގައި ތިއްތި ފަށާފައިވާ ގެސްޓް ހައުސް އިމާރާތުގެ މަސައްކަތް ހުއްޓިފައި - ފޮޓޯ: މިރާޝް ނާޝިމް | އަދަދު


ތިއްތި ވަނީ ގެސްޓްހައުސްއަށް ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކޮށްފަ އެވެ. އޭނަ އެދުނީ އެ ވަރުގެ ލޯނެއް ދިނުމަށެވެ. ނަމަވެސް ހދ. އަތޮޅުގައި ޓޫރިޒަމް ނެތުމުން، ލޯނު އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެ ލޯނު ލިބިފައި ނުވާ ކަމަށް ތިއްތި ވެސް ބުންޏެވެ.

ނޭކުރެންދޫގެ ގޮނޑުދޮށް ސަރަހައްދު ޒީނަތްތެރިކޮށްފައި - ފޮޓޯ: މިރާޝް ނާޝިމް | އަދަދު


މިނިސްޓަރު ވިދާޅުވީ އުންމީދު ދޫކޮށްނުލަން؛ މި ކަން އަދި ވާނެ

ބައްދަލުވުމަށް ފަހު ތިއްތިއާއެކު މިނިސްޓަރުގެ ވަފުދު ގެސްޓް ހައުސް ހަދަން ފަށާފައިވާ ތަނަށް ވެސް ދިޔަ އެވެ. އަދި އެތައް އިރެއް ވަން ދެން މިނިސްޓަރު މައުސޫމް ވަނީ ތިއްތިއާ ވާހަކަ ދައްކަވައިފަ އެވެ.

އެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު މިނިސްޓަރު މައުސޫމް ވިދާޅުވީ، ނޭކުރެންދުއަށް އިންވެސްޓްކުރަން ބޭނުންވާ ބަޔަކު ހޯދުމަށް އެހީތެރިވެ ދެއްވާނެ ކަމަށެވެ.

"މުޅި އެތި އިންވެސްޓްކުރަން ވެސް އެ މީހުން އެއްބަސްވާނެ، ދިވެހިންނަށް 51 އިންސައްތަ ލިބޭ ގޮތަށް. އެ ކަމަށް ޝައުގު ހުރި އިންވެސްޓަރުންނާ އަޅުގަނޑުމެންނަށް ހުށަހެޅިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ބޭންކުން ލޯނު ހޯދުމުގައި ލުއި ގޮތެއް ހަމަޖެއްސެމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލޯނު ހޯދުމުގައި އެއްވެސް ލުއި އުސޫލެއް އޮތް ނަމަ، އެ ކަން ވެސް ސާފުކޮށް އަންގަވާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމް ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


"މި ރަށުން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ޓޫރިޒަމް ޒޯންގެ ގޮތުގައި، އަދި ގެސްޓް ހައުސް ހިންގާ އޭރިއާ ގޮތުގައި ދައްކައިދޭންވީ، ވަރަށް އަވަހަށް އޮތް އިންވެސްޓަރުންގެ ފޯރަމެއްގައި އަޅުގަނޑުމެން އެ ޒޯންތައް ވިއްކަން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ދެން ކޮންމެ ވެސް ވަރަކަށް ގެސްޓް ހައުސްގެ މަސައްކަތް ކުރެވިފަ އޮތް ތަނެއް ވިއްޔާ، ދެން ކުރަން ޖެހޭ އިންވެސްޓް ކުޑަވާނެތީ އެ ކަމަށް ޝައުގު ހުރި އިންވެސްޓަރުންތަކެއް ހޯދަން ފަސޭހަ ވެސް ވެދާނެ,"

ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖު ވިދާޅުވީ، ތިއްތިގެ އިތުރުން އަދި އެހެން މީހެއް ވެސް ގެސްޓް ހައުސެއް އިމާރާތް ކުރަން ފަށައި އެ މަސައްކަތް ހުއްޓިފައި އޮތް ކަމަށެވެ. ތިއްތި އާއި އެ މީހާގެ ޝައުގު އެ ވިޔަފާރިއަށް ބޮޑުއިރު އެ ފުރުސަތު ތަނަވަސްކޮށްދޭން އެދިވަޑައިގެންނެވި އެވެ.

"ކަނޑޫފާ ވެސް އެހާ ބޮޑު ބައެއް ހަލާކުވެގެން ދިޔައިރު މާ ބޮޑު ވަސީލަތެއް ވެސް ދެން ނެތް، އެކަމަކު ވެސް ރީތި ރަށެއް، އަޅުގަނޑު ވަރަށް އުފާވާނެ ޓޫރިޒަމް ވިޔަފާރީގެ ޝައުގު މި އޮތް މީހުންގެ ތެރެއިން ކޮންމެ ވެސް އެކަކަށް ލޯކަލް ޓުއަރިޒަމްގެ މަގެއް ކޮށައިދިނިއްޔާ،" ސިރާޖު ވިދާޅުވި އެވެ.

ނޭކުރެންދޫ ބަނދަރު ސަރަހައްދުގައި ހަދާފައިވާ އެ ރަށުގެ ނަން ފެންނަ މޮނިއުމަންޓެއް - ފޮޓޯ: މިރާޝް ނާޝިމް | އަދަދު


ނޭކުރެންދޫގައި ޝައުގު ނެތީއެއް ނޫނެވެ. އެ ކަމަށް ތިއްތި ވެސް އެ ވަނީ ބޮޑު ހަރަދެއް ކޮށްފަ އެވެ.

އަތޮޅުގައި ޓުއަރިޒަމް ވިޔަފާރިއެއް ފެށުމަށް ގޮންޖެހުންތައް ގިނައީ އެވެ. މިހާރު ބޭނުން ވަނީ އެހީތެރިކަމެކެވެ. އެ އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވުމަކީ ވެސް ލިބުނު ކުޑަ ތަސައްލީއެކެވެ. އެކަމަކު އެންމެ ބޮޑު ތަސައްލީއެއް އޮންނާނީ އެ ކަން ހާސިލްވުމުގަ އެވެ.