17 އޮކްޓޯބަރު 2022 - 14:34 1
މުހައްމަދު ވިޝާމް
މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިމާރާތް. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
17 އޮކްޓޯބަރު 2022 - 14:34 1
ކުއްޔަށް ދީފައިވާ ތަންތަނުގެ ފެނާއި ކަރަންޓަށް ބިލުކުރާއިރު، ގޭގެ ވެރި ފަރާތުގައި ބަދަލުގައި، އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ މީހާއަށް ބިލުކުރެވޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އެ ބިލު ހުށަހެޅުއްވީ ފެނާއި ކަރަންޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ބޭނުމުގަ އެވެ.
އެ ބިލު ދިރާސާކުރި މަޖިލީހުގެ އެންވަޔަރަމަންޓު އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ވަނީ ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް، ލަފާ ހޯދައިފަ އެވެ.
އެ މަޝްވަރާތަކުގެ އަލީގައި ކޮމިޓީން ވަނީ ސަރުކާރުން ހުށަހެޅި ބިލަށް މައިގަނޑު ދެ އިސްލާހެއް ގެނެސްފަ އެވެ.
މިގޮތުން، ފެނާއި ކަރަންޓުފަދަ އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށްވީ ނަމަވެސް، އެ ހިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުން ނޫން ނަމަ، އެ ހިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވޭ ގޮތަށް ބިލު ވަނީ އިސްލާހުކޮށްފަ އެވެ.
އެކަން ކުރުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކުރާ ގަވައިދެއް އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާ އެކު އޮތޯރިޓީން އެކުލަވާލަން ޖެހޭ ކަމަށް ހިމަނާފައިވާއިރު، ރަޖިސްޓްރީ ކުރި މުއްދަތަކަށް އެ ހިދުމަތްތަކަށް ހިނގާ ހަރަދުގެ ޒިންމާ އުފުލަން ޖެހޭނީ އެ ހިދުމަތް ރަޖިސްޓްރީކޮށްދެވިފައިވާ ފަރާތްތަކުން ކަމަށް އެ ބިލުގައި ކޮމިޓީން ހިމެނި އެވެ.
އޭގެ ސަބަބެއް ކަމަށް ކޮމިޓީން ބުނީ، ހާއްސަކޮށް މާލޭގައި ގިނަ މީހުން ދިރިއުޅެނީ ކުއްޔަށް ކަމަށްވާއިރު، ތަން ދޫކޮށް ދާއިރު ބިލު ނުދެއްކުމާއި ކުއްޔަށް އުޅޭ ފަރާތުގެ ނަމުގައި މީޓަރު ނުހުންނާތީ ސަބްސިޑީ ހޯދުން ފަދަ ކަންކަމަށް ވެސް ދަތިވާ ކަމަށެވެ.
ކޮމިޓީން ގެނައި ބަދަލުތަކާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment