Advertisement

ދާރިސް ޓީވީގެ ނަމުގައި އާ ޓީވީ ޗެނެލެއް ލޯންޗުކޮށްފި

15 އޮކްޓޯބަރު 2022 - 18:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއަދު އިފްތިތާހު ކުރި ދާރިސް ޓީވީގެ ލޯގޯ އެ ޓީވީ ހިންގުމުގައި އުޅުއްވާނީ ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިން. -- ފޮޓޯ: ދިޔަރެސް


ދާރިސް ޓީވީގެ ނަމުގައި އާ ޓީވީ ޗެނެލެއް ލޯންޗުކޮށްފި

15 އޮކްޓޯބަރު 2022 - 18:03 0

މަޝްހޫރު ދީނީ އިލްމުވެރިންތަކެއްގެ އިސްނަގައިގެން ދާރިސް ޓީވީގެ ނަމުގައި މުޅިން އާ ޓީވީ ޗެނަލެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީ ބިޒްނަސް ހޯލުގައި މިއަދު ހެނދުނު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި އެ ޗެނަލް އިފްތިތާހުކޮށްދެއްވީ މަޝްހޫރު ލިޔުންތެރިޔާ (މަޑުލު) މުހައްމަދު ވަހީދާއި އެ ޗެނަލުގެ ހާއްސަ އެހީތެރިޔާ އަބްދުﷲ ނާފިޒެވެ.

ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މަޝްހޫރު ގިނަ އިލްމުވެރިންތަކެއްގެ އިސްނެންގެވުމާ އެކު މިއަދު އިފްތިތާހު ކުރެވިގެން ދިޔަ އެ ޗެނަލުގެ އެޑްވައިޒަރީ ކައުންސިލްގެ ޗެއާމަނަކީ ޑރ. އަލީ ޒާހިރު ބްނު ސައީދު ގާސިމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނުގެ ރީތި އަހުލާގީ ރިވެތި ގުޅުންތަކާއި ރީތި ގޮތްތައް ފަތުރާ އާއްމު ކުރުމަށް ބޭނުންވާ ތަފާތު ވަސީލަތްތައް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓީވީ ޗެނަލެއް ވުޖޫދަށް ގެނައުމަކީ ވަރަށް ކުރިން ފެށިގެން ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެކަމުގައި މިއަދު ހަގީގީ ކުލަ ޖެހިފައި މިވަނީ ވަރަށް ދީލަތި ހެޔޮ ބޭފުޅުންކޮޅެއްގެ އެހީއާ އެކުގައި ކަމަށެވެ.

ދިވެހިންގެ ތެރޭގައި އެންމެ އިތުބާރު ހިފޭ، އެއްމެ މަގުބޫލު ޗެނަލަކަށް ވުން. މި ވިޝަންއަށް އަޅުގަނޑުމެން ހުރިހާ އެންމެން މަސައްކަތް ކުރަމުން މިގެންދަނީ، - ޑރ. އަލީ ޒާހިރު

ޒާހިރު ވިދާޅުވީ އެ ޗެނަލުގެ ވިޝަންއަކީ އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ތެދު ހަބަރު އާންމުކުރުމާއި، ހުރިހާ އުމުރުފުރާއަކާއި ގުޅޭ ޕްރޮގުރާމުތައް އުފައްދައި ގެނެސްދިނުމާއި، ތަފާތު ދާއިރާތަކުގެ އިލްމީ ޕްރޮގުރާމުތައް އުފައްދާ ގެނެސްދިނުމުގެ އިތުރުން މުޖުތަމައުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުން ކަމަށެވެ.

މިއަދު ރަސްމީކޮށް އެ ޗެނަލް އިފްތިތާހު ކުރި ނަމަވެސް, އެ ޗެނަލުގެ ހިދުމަތް ވަނީ މިމަހުގެ 10 ވަނަ ދުވަހު އާއްމުކޮށް ދޭން ފަށާފަ އެވެ. މިވަގުތު އެ ޓީވީ ދައްކަމުން އަންނަނީ ހަމައެކަނި ދިރާގު ޓީވީގެ 13 ވަނަ ޗެނަލުންނެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި މީޑިއާނެޓު މެދުވެރިކޮށް ވެސް އެ ޗެނަލް ފެންނާނެ ކަމަށް ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު 'އަދަދު' ނޫހަށް ވިދާޅުވި އެވެ.

"އިންޝާﷲ ގާތްގަނޑަކަށް ދިހަވަރަކަށް ދުވަސް ތެރޭގައި ލިބޭނެ މީޑިއާ ނެޓުން ވެސް. އޭގެ މާނައަކީ ކައިރި މުސްތަގުބަލެއްގައި މުޅި ރާއްޖެއަށް އަޅުގަނޑުމެންގެ ޓީވީ ލިބިގެންދާނެ،" އަލީ ރަމީޒް ވިދާޅުވި އެވެ.

ޖަމިއްޔަތުއް ސަލަފުގައި ވެސް އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު ވިދާޅުވީ އެ ޗެނަލުގެ މަސައްކަތުގައި އުޅުއްވާ ދީނީ އިލްމުވެރިންނަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ތަފާތު އެހެން މީޑިއާތަކާއި ޓީވީތައް މެދުވެރިކޮށް އެކި ޕްރޮގުރާމުތަކުގައި ބައިވެރިވަޑައިގެންފައިވާ ކަމަށް ފަރިތަ ބޭފުޅުންތަކެއް ކަމަށެވެ. އަދި މިއަދު މި ހާސިލު ކުރެވުނީ އެތައް ޒަމާނެއް ވީއިރު ވެސް ހަމައެކަނި ނުވެ އޮތް ކަންތައް ކަމަށެވެ.

މުޅިން އަލަށް އިފްތިތާހު ކުރެވުނު އެ ޗެނަލުން ކުޅިވަރާއި މުނިފޫހިފުލުވުމާއި، އިޖުތިމާއީ ކަންކަމާއި ގުޅޭ ތަފާތު ޕްރޮގުރާމުތަކުގެ އިތުރުން ސިއްހަތާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގުރާމުތައް ގެނެސްދޭނެ އެވެ. މިވަގުތު އެ ޗެނަލް ދައްކަމުން އަންނަނީ ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށެވެ.