Advertisement

އަލެގްރީ ވަކިކުރުމުގެ ވިސްނުމެއް ނެތް: ޔުވެންޓަސްގެ ރައީސް

12 އޮކްޓޯބަރު 2022 - 10:05 0

ޔުވެންޓަސްގެ ރައީސް އަގްނެލީ (ވ) އާއި ކޯޗު އަލެގްރީ.


އަލެގްރީ ވަކިކުރުމުގެ ވިސްނުމެއް ނެތް: ޔުވެންޓަސްގެ ރައީސް

12 އޮކްޓޯބަރު 2022 - 10:05 0

ހައިފާ (އޮކްޓޫބަރު 12) - ޔުވެންޓަސްގެ ކޯޗުކަމުން މެސިމޯ އަލެގްރީ ވަކިކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެ ޓީމުގެ ކޯޗުގެ މަގާމުގައި އަލެގްރީ ދެމިހުންނާނެ ކަމަށް އެ ކްލަބުގެ ރައީސް އަންޑްރެއާ އަގްނެލީ ވިދާޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި އިޒްރޭލުގެ މެކަބީ ހައިފާ އަތުން 2-0 އިން ޔުވެންޓަސް ބަލިވުމުން، އެލެގްރީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ އެންމެ ދަށް ރެކޯޑެއް އޮތް ސީޒަނެވެ. މިއީ އެ ކްލަބްގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅު އިޓާލިއަން ލީގުގައި ވެސް އެ ޓީމު ފޯމު ދަށެވެ.

ރޭގެ މެޗަށް ފަހު ސްކައި އިޓާލިއާ އަށް ދެއްވި އިންޓަވިއުއެއްގައި، އެލެގްރީ މަގާމުން ވަކިކުރާނެތޯ ނޫސްވެރިން ސުވާލުކުރުމުން އަގްނެލީ ވިދާޅުވީ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ޒިންމާ ހަމައެކަނި ކޯޗުގެ ބޮލުގައި އެޅުވެން ނެތް ކަމަށެވެ. އަދި އަލެގްރީ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

"މިފަދަ ހާލަތެއްގައި، ޒިންމާވާންޖެހޭނީ އެންމެ މީހެއް ނޫން. މިއީ (ކްލަބުގެ) އެންމެން ވެސް ޝާމިލްވާ ކަމެއް. އަހަރަމެން ލަދުގަނޭ މި ހާލަތާމެދު. އަދި ސަޕޯޓަރުންގެ ކިބައިން މާފަށް ވެސް އެދެން. އެކަމަކު ކޯޗުގެ މަގާމުގައި އަލެގްރީ ދެމިހުންނާނެ،" އަގްނެލީ ވިދާޅުވި އެވެ.

"މިއީ ވަރަށް އުނދަގޫ ހާލަތެއް. މި ފަދަ އުނދަގޫ ހާލަތެއްގައި، ޓީމުގެ ނަތީޖާތަކާމެދު ޒިންމާ ނެގުމަށް އަހަރެން މި މަގާމުގައި މިހުރީ."

މެޗަށް ފަހު މީޑިއާއާ އަލްގްރީ ވާހަކަދެއްކިއިރު، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް އެބައޮތްތޯ ނޫސްވެރިން ސުވާލުކުރި އެވެ.

އެކަމަކު، އަލެގްރީ ބުނީ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

"އިސްތިއުފާ؟ ތިއީ ދުވަހަކު ވެސް އަހަރެން ކުރާނެކަމެއް ނޫން. ޗެލެންޖެއް ކުރިމަތިވާއިރު، އެކަމުން އަރައިގަންނަންޖެހޭނީ ހިތްވަރާއި ކެރުމާއެކު. ޗެލެންޖާ ކުރިމަތިލާންޖެހޭ،" އަލެގްރީ ބުންޏެވެ.

އަލެގްރީ ބުނީ ރޭގެ މެޗުގައި ޔުވެންޓަސްގެ ފަރާތުން ފެނުނީ "އިންޑިވިޑުއަލް ގޭމެއް" ކަމަށާއި ޓީމުގެ ފަރާތުން ޖޯޝެއް ނުފެނުނު ކަމަށެވެ.

"މިފަދަ ނަތީޖާއެއްގެ ފަހުން ސުވާލު އުފައްދަންވީ ޓެކްނިކަލް ނުވަތަ ޓެކްޓިކަލް ކަމަކާމެދުއެއް ނޫން. ހިތްވަރާއި ޖޯޝެއް މިރޭގެ މެޗުގައި ނުފެނުނު،" އަލެގްރީ ބުންޏެވެ.

މީގެ ކުރިން އަލެގްރީ ވަނީ 2014 އިން 2019 އަށް ޔުވެންޓަސް އަށް ކޯޗުކޮށްދީފަ އެވެ. އަލެގްރީ، އެ ފަހަރު ވަނީ ޔުވެންޓަސް ފަސް ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީ އިޓާލިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްދީފަ އެވެ. ދެ ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި އެވެ. އެކަމަކު، މިދިޔަ އަހަރު އަލުން ޔުވެންޓަސްއާ ހަވާލުވެ، އަލެގްރީ އަށް ކުރިމަތިވެފައިވަނީ މާ އުނދަގޫ ޗެލެންޖެކެވެ.