11 އޮކްޓޯބަރު 2022 - 11:27 0
ގަތަރު ވޯލްޑް ކަޕަށް އައިސް ޓީވީން އެކުލަވާލި ކަވަރޭޖް ޓީމު.
11 އޮކްޓޯބަރު 2022 - 11:27 0
އަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް އައިސް ޓީވީން ގެނެސްދޭ ކަވަރޭޖްގައި ބައިވެރިވާ ޕްރެޒެންޓަރުންނާއި އެނަލިސްޓުން ވަނީ ހަމަޖައްސައިފި އެވެ.
އައިސް ޓީވީގެ ވޯލްޑް ކަޕް ކަވަރޭޖްގައި ޕްރެޒެންޓަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރިން ވެސް މި ފަދަ ބޮޑެތި މުބާރާތްތަކުގެ ކަވަރޭޖުން ފެނިފައިވާ ރިމާހު އަހުމަދު، އިސްމާއިލް އަޒްމީން، ހަމްޒާ ރަޝީދު އަދި އައްޒާމް އަލިފުޅު އެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް އައިސް ޓީވީން ހާއްސަ ކުރާ ކަވަރޭޖްގައި އެނަލިސްޓުންގެ ގޮތުގައި މަސައްކަތް ކުރާނީ ރާއްޖޭގެ ފުޓްބޯޅައިގައި ފުންނާބު އުސް ކޯޗުން ކަމަށްވާ އަލީ ސުޒޭން އާއި މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި ސޮބާހު މުހައްމަދު (ސޮބާ)ގެ އިތުރުން ބޭރު ދުނިޔޭގެ ކުޅިވަރާއި އެހެނިހެން ހަބަރުތައް ދިރާސާ ކުރުމުގައި ތަޖުރިބާކާރު ފަރާތެއް ކަމަށްވާ ޝިމާޒް އަލީ އަދި މުހައްމަދު ނަޖީލް އެވެ.
މީގެ އިތުރުން، އައިސް ޓީވީގެ ވޯލްޑް ކަޕް ޝޯތަކުގެ ތެރެއިން ގެސްޓް އެނަލިސްޓުންގެ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އާއި ކުޅިވަރުގެ ތެރޭގައި މަސައްކަތް ކުރާ ފުންނާބު އުސް އެކި ފަރާތްތައް ބައިވެރިވާނެ އެވެ.
އައިސް ޓީވީގެ ވޯލްޑް ކަޕް ކަވަރޭޖްގައި ބައިވެރިވާ އެނަލިސްޓުންނަށް ބަލާއިރު، ސުޒޭނަކީ ދުނިޔޭގެ އެކި ފުޓްބޯޅަ މުބާރާތްތަކުގެ ކަވަރޭޖް ރާއްޖޭން ގެނެސްދޭއިރު ނުވަދިހައިގެ އަހަރުތަކުން ފެށިގެން ހާއްސަކޮށް ޓީވީއެމްގެ އެނަލިސްޓުންގެ ތެރެއިން ގަވާއިދުން ފެންނަ ފަރާތެކެވެ. މި ފަހަރު ސުޒޭން ފެންނާނީ އައިސްގެ ކަވަރޭޖްގެ ތެރެއިންނެވެ.
މިދިޔަ އަހަރުތަކަށް ބަލާއިރު، ސޮބާ އާއި ނިޒާމްބެ އަކީ ވެސް އެނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެ، ރާއްޖޭގެ އެކި ޗެނަލްތަކުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކެކެވެ. ދިވެހި ގައުމީ ޓީމުގެ މުބާރާތްތަކާއި ބައިނަލްއަގުވާމީ އެކި ބައްރުތަކުގެ މުބާރާތްތަކުގައި ވެސް ރާއްޖޭގެ އެކި ޗެނަލްތަކުން ގެނެސްދިން ކަވަރޭޖްގައި ސޮބާ އާއި ނިޒާމްބެ ވަނީ ބައިވެރިވެފަ އެވެ.
މީގެ އިތުރުން ނަޖީލް އާއި ޝިމާޒް ވެސް ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޓީވީ ބެލުންތެރިންނަށް އެނގެން ބޭނުންވާނެ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމުގައި ތަފާތު މަސައްކަތްތަކެއް ކޮށްފަ އެވެ.
އަންނަ މަހު 20 އިން ޑިސެމްބަރު 18 އަށް ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މި ފަހަރު ބެލުމުގެ ފުރުސަތު ދިވެހިންނަށް އޮތީ ލޯކަލް ޗެނަލަކުންނެވެ. މިއީ ފަހުގެ ތާރީހެއްގައި މި ގޮތަށް ވޯލްޑް ކަޕް ތަޖުރިބާ ކޮށްލަން ލިބޭނެ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕްގެ ރައިޓްސް މި ފަހަރު ރާއްޖޭން ގަނެފައިވަނީ މީޑިއާނެޓުންނެވެ.
މީޑިއާނެޓްގެ އައިސްގެ ޗެނަލްތަކަކީ މި ވަގުތު ވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ޗެނަލްތަކެކެެވެ. ދުނިޔޭގެ މަގުބޫލު ފުޓްބޯޅަ ލީގުތައް ކަަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގު، ފްރެންޗް ލީގު އަދި ސްޕެނިޝް ލީގުގެ މެޗުތަކުގެ އިތުރުން ކުޅިވަރުގެ މުހިންމު މުބާރާތްތަކުގެ މެޗުތައް ވެސް އައިސް އިން ވަގުތުން ފެނެ އެވެ.
Comment