8 އޮކްޓޯބަރު 2022 - 12:27 0
ފާތިމަތު އަޖްފާން
ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: މަތިކޮމަންޑު ހިއްކާ މި ދެ ރަށް ފާލަމަކުން ގުޅާލަން ހަވާލުކުރީ އެމްޓީސީސީއާ. -- ފޮޓޯ: އެމްޓީސީސީ
8 އޮކްޓޯބަރު 2022 - 12:27 0
ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އަލުން ފަށަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ކޮމަންޑޫއާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އިއުލާނުކުރީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖެނުއަރީ 12 ވަނަ ދުވަހު އެވެ.
އެ މަސައްކަތް އޭރު ފެށި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެ މަސައްކަތް މަޑުޖެހިފަ އެވެ. އޭރުވެސް ބުނެފައި ވަނީ މަސައްކަތްތައް ހުއްޓިފައި ވަނީ ބިން ހިއްކުމަށް ބޭނުންވާ އެމްޓީސީސީގެ މަހާޖައްރާފު ހަލާކުވެފައި އޮތުމުން ކަމަށެވެ.
ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން "އަދަދު" އަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ މަހާޖައްރާފު ހެދުމުގެ މަސައްކަތް ކަމަށެވެ. ޑިސެމްބަރަށް އެ ހެދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހާ ތަނުގައި އަލުން މަސައްކަތް ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރާނެ އެއް މަސައްކަތަކީ 16.7 ހެކްޓަރުގެ ބިން ހިއްކުމެވެ. އެއާއެކު ދެ ކޮމަންޑޫ ގުޅާލަން އަޅާ ފާލަމުގެ ދިގުމިނުގައި 200 މީޓަރުގެ (656.1 ފޫޓްގެ) އަދި ފުޅާ މިނުގައި ހުންނާނީ 9.6 މީޓަރު (31.4 ފޫޓު) އެވެ. އެ ފާލަން ގޮސް ގުޅޭނީ ދެ ކޮމަންޑޫގެ ވެސް ހިއްކި ބިމާ އެވެ.
ގުޅާލައި ސަރަހައްދާއި ހިއްކާ ސަރަހައްދު ހިމާޔަތްކުރަން 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓަކާއި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ޖެހުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. މަތިކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖަހާނީ 112 މީޓަރުގެ ޖިއޯ ބޭގް ތޮށްޓެކެވެ.
މަތި ކޮމަންޑޫ ހިއްކަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ އީއައިއޭ ރިޕޯޓު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އީއައިއޭ ފާސްކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަމާ ގުޅުން އޮންނަ ޖަމިއްޔާތަކުންވެސް ވަނީ ބުނެފަ އެވެ.
ބިންހިއްކުމާއި ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ އިތުރުން ނިމުނު ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓަކާއި އެ ރަށާ ކައިރިން އޮންނަ ތިން ރަށެއްގައި ރިސޯޓު ހަދަން ބީލަން ވެސް ހުޅުވާލި އެވެ.
ނަމަވެސް ފަހުން ވަނީ ރިސޯޓު ހެދުމަށް އެ ރަށްތައް ކުއްޔަށް ދޫކުރުން ފަސްކޮށްލުމަށް ސިވިލް ކޯޓުން އެންގުމާ ގުޅިގެން، އެ ރަށްތައް ބިޑު ޑޮކިމެންޓުން އުނިކޮށްފަ އެވެ.
Comment