2 އޮކްޓޯބަރު 2022 - 14:05 0
ފާތިމަތު އަޖްފާން
އަލުންބަލުން މާކެޓް ހުޅުވުން--
2 އޮކްޓޯބަރު 2022 - 14:05 0
ބ. އަތޮޅުގެ ހަތް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަރްކުރާ ކޮމެޓީތަކުން އިސްނަގައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި ސޮނޭވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން ރީސޭލް މާކެޓެއް ފަށައިފި އެވެ.
"އަލުން ބަލުން" ގެ ނަމުގައި އިއްޔެ ފެށި އެ މާކެޓުގައި މާޅޮސް، ދަރަވަންދޫ، ކަމަދޫ، ދޮންފަނު، ކުޑަރިކިލު، މީދޫ އަދި ކެންދޫ ރައްޔިތުންނަށް ތަކެތި ހެޔޮ އަގެއްގައި ލިބިގެންދާނެ އެވެ.
މީގެ މަގުސަދަކީ ރަނގަޅު ހާލަތުގައި ހުރި ބޭނުން ނުކުރާ މުދާ އުކާލުމުގެ ބަދަލުގައި، އަލުން ބޭނުން ކުރުމުގެ ސަގާފަތެއް އުފެއްދުމަށް ފެށިގެން ދިޔަ މަސައްކަތެއް ކަމަށް އެ ކޮމެޓީން ބުންޏެވެ.
މި މާކެޓުގައި ބައިވެރިވާ ރަށްތަކުގެ ގޭބިސީތަކުން އުކާލާ ސާމާނުގައި ހިމެނޭ އަލުން ބޭނުންކުރެވޭނެ ޒާތުގެ ތަކެތި އެ ރަށެއްގެ އަންހެނުންގެ ކޮމިޓީން ފާހަގަކޮށް، ސާފުކޮށް އަދި މަރާމާތުކުރުމަށްފަހު ވިއްކުމަށްޓަކައި މި ޕްރޮގްރާމްގައި ބައިވެރިވާ އެހެން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ފޮނުވާނެ އެވެ.
މި ގޮތަށް އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ.
މި މާކެޓުން ލިބޭ ފައިސާ ބޭނުން ކުރާނީ ރަށްރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއިން ކުރާ ކަންކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި މުޅި ބ. އަތޮޅާއި އަދި ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް މި ރީސޭލް މާކެޓް ފުޅާވެގެންދިއުން،" ދޮންފަނު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު މަރިޔަމް ނިޝްރީން ވިދާޅުވި އެވެ.
މި މަހުގެ 8 ވަނަ ދުވަހު މި މާކެޓުގެ ދެވަނަ ބުރު ލޯންޗު ކުރާނީ ކިހާދޫގަ އެވެ. އެއަށްފަހު ކޮންމެ ހޮނިހިރު ދުވަހެއްގައި އެ ހަތް ރަށުން ކޮންމެވެސް އެއް ރަށެއްގައި މި މާކެޓް ކުރިއަށް ގެންދާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment