Advertisement

މިދިޔަ 24 ގަޑިއިރުތެރޭގައި ކެންދޫގެ އެކި ސަރަހައްދުން 38 ފަހަރު ކަރަންޓު ކެނޑިއްޖެ

ބ. ކެންދޫގައި މީގެ ކުރިން ކަރަންޓު ކެނޑިގެން ބަޔަކު މަގުމަތީގައި: އެ ރަށުން މިދިޔަ 24 ގަޑިއިރު ތެރޭގައި 38 ވަރަކަށްފަހަރު ކަރަންޓު ވަނީ ކެނޑިފައި


މިދިޔަ 24 ގަޑިއިރުތެރޭގައި ކެންދޫގެ އެކި ސަރަހައްދުން 38 ފަހަރު ކަރަންޓު ކެނޑިއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭގައި ބ. ކެންދޫގެ އެކި ސަރަހައްދުތަކުން 38 ވަރަކަށް ފަހަރު ކަރަންޓުގެ ހިދުމަތް ކެނޑި، ރައްޔިތުން ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއް ރަހްމާން އަދަދު އަށް ވިދާޅުވީ އެ ރަށުގެ އެކި ސަރަހައްދުތަކުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަމުންދާތީ މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 38 ވަރަކަށް ފަހަރު ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

"މިދިޔަ 24 ގަޑިއިރު ތެރޭގައި 38 ވަރަކަށް ފަހަރު ކަރަންޓު ކެނޑިއްޖެ. ރަށުގެ އެކި ސަރަހައްދުތަކުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަމުންދަނީ. ކަރަންޓު ލިބެނީ މުށި މަސް ދަށަށް ހަނދި އަންނަހެން،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް އަބްދުއް ރަހްމާން ވިދާޅުވީ ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަމުންދާ ސަބަބެއް ހިދުމަތް ދެމުން އަންނަ ފެނަ ކޯޕަރޭޝަނަށް ސާފުކޮށްވެސް ނުދޭ ކަމަށާއި ކުރީބައިގައި އަންގާ ނުލައި ކަރަންޓު ކަނޑާތީ ގޭގޭގައި ހުރި ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް ހޯދުމަށް މި ނޫހުން މަސައްކަތް ކުރި ނަމަވެސް، އެ ކުންފުނިން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ކެންދޫއަށް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އައު ޖެނެރޭޓަރެއް ގެނައި ނަމަވެސް، އޭނާ ވިދާޅުވީ އެ ޖެނެރޭޓަރަކީ އައު ޖެނެރޭޓަރެއްނަމަ ކަރަންޓު މައްސަލަ ދިމާނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވެގެން އުޅޭތާ އަށް ވަރަކަށް މަސް ދުވަސް ވެފައިވާ ކަމަށާއި މައްސަލަ ހައްލުކުރަން ފެނަކައާ މަޝްވަރާކުރިޔަސް އެކަން ހައްލުނުވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ހައްލުނުވެ ދަނީ ދިގުލައިގެންނެވެ. އެގޮތުން މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަން ތާރީހުތައް ދީފައިވީ ނަމަވެސް، މިހާތަނަށް މައްސަލަތައް އެއްކޮށް ހައްލުކުރެވިފައެއް ނުވެ އެވެ.