Advertisement

އާރުޓީއެލް ޕްރޮޖެކްޓާ އެކު އާ ވަޒީފާތަކާއި ތަރައްގީގެ އިންގިލާބެއް އަންނާނެ: އާޒިމް

27 ސެޕްޓެންބަރު 2022 - 22:54 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އާރްޓީއެލް ފެރީގައި މަސައްކަތް ކުރާ މުވައްޒަފުން --


އާރުޓީއެލް ޕްރޮޖެކްޓާ އެކު އާ ވަޒީފާތަކާއި ތަރައްގީގެ އިންގިލާބެއް އަންނާނެ: އާޒިމް

27 ސެޕްޓެންބަރު 2022 - 22:54 0

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު، ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް)ގެ މުޅި ޕްރޮޖެކްޓް އެއްކޮށް ނިމިގެންދާއިރު އާ ވަޒީފާތަކާއި ދަތުރުފަތުރާ ގުޅުން ހުރި އުމްރާނީ ތަރައްގީގެ އިންގިލާބެއް ފެނިގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ފަށާފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ. އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ނުވަ މަހު ހުރިހާ އަތޮޅެއްގައި ހިދުމަތް ފެށުމަށް ފަހު، ދެ އަހަރު ތެރޭގައި އެއް ވިއުގައަކުން ހުރިހާ ރަށެއް ގުޅުވައިލުމެވެ.

ފުރަތަމަ ޒޯންގައި އެ ހިދުމަތް ފެށުން ރަސްމީކޮށް އިފުތިތާހުކުރަން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ "ޑްރީމް ޕްރޮޖެކްޓް"އެއް ކަމަށެވެ.

އާޒިމް ވަނީ ސަރުކާރާއި އެ ކުންފުނީގެ އަމާޒު ސާފުކޮށްދީފަ އެވެ.

ޕްރޮޖެކްޓް ނިމިގެންދާއިރު ޒަމާނީ ފެރީގެ ހިދުމަތް ދެވޭ 82 އުޅަނދެވެ. އެ ހިދުމަތް ރަށްރަށުގައި ދިނުމަށް ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެކެވެ. އެއީ ޖުމުލަ 188 ފެރީ ޓާމިނަލެވެ. އަދި ތިން ސަރަހައްދެއްގައި، ފެރީގެ އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓު ޔާޑެކެވެ.

އޭގެ އިތުރަށް އުޅަނދުފަހަރު ދުއްވާ ކައްޕިންނާއި އުޅަނދުތަކުގައި މަސައްކަތްކުރާނެ ފަޅުވެރިންނާއި ފެރީ ޓާމިނަލްތަކުގައި މަސައްކަތް ކުރާނެ ޖުމުލަ 800 ވަޒީފާ އުފެދިގެން ދިއުމެވެ. އެއީ އެކަށީގެންވާ މުސާރައެއް ލިބޭ، އަދި ހިދުމަތަށް ތަމްރީން ވެފައިވާ ބަޔަކަށް ވެގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ގެސްޓު ހައުސްތަކަށް އަންނަން ބޭނުންވާ ކޮންމެ ފަތުރުވެރިއަކަށް، މި ހިދުމަތް، އޭރު ފަހިވެފައި އޮންނާނެ، ދަތުރުވެރިޔާ އެ އަންނަ އެއާޕޯޓަކުން، ދާން ބޭނުންވާ ރަށަކަށް، އާރުޓީއެލްގެ ލިންކުން، އެޑްވާންސްކޮށް، ޓިކެޓު ބުކްކޮށްގެން، ދަތުރު ކުރެވޭނެ، އެއީ ދަތުރުވެރިއާގެ ޖީބަށްވެސް ލުއި، އަދި ގެސްޓު ހައުސް ހިންގާ ފަރާތްތަކަށް ވެސް ލިބިގެންދާނެ، ވަރަށް ފަހި ދުވަހެއް،" އާޒިމް ވިދާޅުވި އެވެ.

އާރުޓީއެލްގެ ފެރީތަކަކީ ދަތުރުކުރާ މީހުންނަށް ލުއި، ހިތްފަސޭހަ އުޅަނދުތަކެއް ކަން ވެސް އާޒިމް ފާހަގަކުރެއްވި އެވެ.

އެ ގޮތުން އުޅަނދުފަހަރުތަކުގައި އިށީންނަން ހުންނާނީ މަތިންދާ ބޯޓު ފަހަރުތަކުގައި ހުންނަ ފަދަ ލެނގިލައިގެން ތިބެވޭ ގޮނޑިތަކެވެ. ލޯންޗުގައި ޓީވީ ބާލައިލެވެ އެވެ. އަދި ފޯނު ޗާޖުކުރެވޭ ގޮތަށް ޔޫއެސްބީ ޖެހެން ހުރެ އެވެ.

ކޮންމެ ފެރީއެއްގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، ވީލް ޗެއާގައި، ފަސޭހަ ކަމާއެކު ލޯންޗަށް، އަރައިފޭބޭނެ އިންތިޒާމް ހުންނާނެ އެވެ. އަދި އެ، ވީލްޗެއާގައި ފާޚާނާއަށް ވަދެވޭ ފެންވަރުގެ ފާޚާނާ ނިޒާމުވެސް ހުންނާނެ އެވެ.

އެއްރަށުން އަނެއް ރަށަށް ސްޓްރެޗަރުގައި ގެންދެވޭ ބަލި މީހުންނަށް އެ ޚިދުމަތް ވެސް މި އުޅަނދު ފަހަރުގައި ލިބެން ހުންނާނެ އެވެ.

"މިއީ، ރާއްޖޭގެ މޫސުމާއި، އޮއިވަރާއި، ބާންޏާއި، ރާޅަށް ރިއާޔަތް ކުރެވިގެން، ދެ މޫސުމަށް ވެސް، ފަހިވާނޭހެން ބަނދެފައިވާ، ކަނޑަށް ވެސް ގަދަ، އުޅަނދުތަކެއް،" އާރުޓީއެލްގެ އުޅަނދުތަކަށް ތައުރީފް ކުރައްވަމުން އާޒިމް ވިދާޅުވި އެވެ.