Advertisement

ހަ ލަވަ ހިމެނޭ އެމްއެންޑީއެފްގެ މި އަހަރުގެ ގައުމީ ލަވަ އަލްބަމް ޔޫޓިއުބަށް

27 ސެޕްޓެންބަރު 2022 - 10:35 0


ހަ ލަވަ ހިމެނޭ އެމްއެންޑީއެފްގެ މި އަހަރުގެ ގައުމީ ލަވަ އަލްބަމް ޔޫޓިއުބަށް

27 ސެޕްޓެންބަރު 2022 - 10:35 0

ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރޭ "ގައުމީ ލަވަ އަލްބަމް" ގެ މި އަހަރުގެ އަލްބަމް ރިލީސްކޮށްފި އެވެ.

ޖުމުލަ ހަތް ލަވަ ހިމެނޭ މި އަހަރުގެ ގައުމީ ލަވަ އަލްބަމް ހާއްސަކޮށްފައި ވަނީ "ދިވެހިރާއްޖެ" މި ތީމަށެވެ. މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގައި ނަން ހިނގާ މަޝްހޫރު އެކި ލަވަކިޔުންތެރިންނެވެ.

މިއަހަރުގެ އަލްބަމްގައި ހިމަނާފައިވާ ލަވަތަކަށް ޅެން ހަދާފައިވަނީ، އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރާއި ކޮމާންޑް ސާޖަންޓް މޭޖަ އަބްދުﷲ ސައީދާއި ޕްރައިވެޓް މުހައްމަދު މާހިދާއި (މާޓު)، ޖައުފަރު އަބްދުއްރަހްމާނާއި، ދިވެހި ބަހުގެ މާހިރު، އާދަމް ނަސީރު އިބްރާހީމާއި، ފާތިމަތު ޝަރީފް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.

އެމްއެންޑީއެފުން ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުގެ އަލްބަމްގައި ވެސް ގައުމީ ރޫޙާއި ގައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ގައުމިއްޔަތު ސިފަކޮށްދޭ ވާހަކަތައް ހިމަނާފައިވާނެ ކަމަށް ވެސް ބުންޏެވެ.

އަލްބަމްގައި ހިމެނެނީ އޮރިޖިނަލް ރާގުތަކެކެވެ. ރާގު ހެދުމުގެ މައްސަކަތް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި، ލެފްޓިނެންޓް ކާނަލް އަލީ މަނިކު (ދާރީ)، ވޮރަންޓް އޮފިސާ ދޭއް ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސާ އެކެއް އަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ވޮރަންޓް އޮފިސަރ އެކެއް ފަތުހުﷲ ޝަކީލް ހުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް، ޕްރައިވެޓް މުހައްމަދު މާހިދު (މާޓު) އަދި ޑީޓިއުން ބޭންޑު ހިމެނެއެވެ.

ފުރަތަމަ ފަހަރަށް ލައިވް ކޮންސެޕްޓަކަށް ހެދި މި އަލްބަމްގެ ރެކޯޑިންގއާއި މިކްސިން އަދި މާސްޓަރިން ހެދުމުގައި އެންމެ އިސް އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ވޮރަންޓް އޮފިސާ އެކެއް ފަތުހުﷲ ޝަކީލް ހުސައިންއެވެ.

ގައުމީ ދުވަހާ ގުޅުވައިގެން ނެރުނު މި އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓަށާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް ވަނީ އަޕްލޯޑު ކޮށްފަ އެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިންނެވެ.

އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ގައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އަދި، އެމްއެންޑީއެފުން ނެރޭ ގައުމީ ލަވަތަކަކީ، އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ލަވަތަކެކެވެ.