Advertisement

ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު؛ ހދ. އަށް ރައީސްގެ ޔަގީންކަމާއި އުއްމީދު

26 ސެޕްޓެންބަރު 2022 - 12:42 0

ހދ. ނާވައިދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް, މިއަދު ނާވައިދޫގައި ވާހަކަ ދައްކަވަނީ


ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު؛ ހދ. އަށް ރައީސްގެ ޔަގީންކަމާއި އުއްމީދު

26 ސެޕްޓެންބަރު 2022 - 12:42 0

ހދ. ނާވައިދޫ

ބޮޑުތިލަދުންމަތީގެ ހދ. އަތޮޅުގައި ތަރައްގީގެ 100 އަށްވުރެ ގިނަ މަޝްރޫއުތައް އެބަ ހިނގަ އެވެ. ދައުރު ނިމެން ގާތްވިއިރު, އެއް ބިލިއަނެއްހާ ރުފިޔާ މި ތޭރަ ރަށަށް ކޮށްފި އެވެ.

އެ އަތޮޅަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަނެއްކާވެސް ދެއްވީ ޔަގީންކަމާއި އުއްމީދެވެ; ރަށްރަށުގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އެމަނިކުފާނު ފުއްދަވާނެ ކަމެވެ.

ހދ. ނައިވާދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެނުގެ ނިޒާމު އިފްތިތާހުކޮށް ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި, މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެމުން އަންނަނީ ވަކި ރަށެއް، ވަކި އަތޮޅެއް ތަފާތުކުރުމެއް ނެތި އެވެ.

"އަޅުގަނޑުމެން ވީ ވައުދަކީ އެއީ، ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި އިންސާފުން އެންމެންނަށް ކަންކަން ކޮށްދިނުން، އިރާދަކުރެއްވިއްޔާ އެ ބޮޑު ވައުދު އަޅުގަނޑުމެން ފުއްދަމުން ގެންދާނަން،" ހދ. އަތޮޅުގައި މާބޮޑު ސަމާލުކަމެއް ތަރައްގީގެ ގޮތުން ނުލިބޭ, ނާވައިދޫގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.

މި ދައުރުގައި ރައްޔިތުން އެދުނު ގިނަ ކަންކަން ކޮށްދެމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހދ. އަތޮޅުގައި އެކި ބާވަތުގެ 199 ތަރައްގީގެ މަޝްރޫއު ހިނގަމުންދާ ކަމަށެވެ. އޭގެ އަގު އެއް ބިލިއަނެއްހާ ރުފިޔާއަށް އަރަ އެވެ.

"ގާތްގަނޑަކަށް މިހާތަނަށް ހަރަދު ކުރެވިއްޖެ 970 މިލިއަން ރުފިޔާ ހަމައެކަނި ހދ. އަތޮޅަށް، އަދި ކުރިއަށް ހުރި މަޝްރޫއުތައް ނިމޭއިރުގައި މި އަދަދު ބޮޑުތަނުން އިތުރުވެގެން ދާނެ، މިއީ ހަނިމާދޫ އެއާޕޯޓު ނުލާ އެކިއެކި މަޝްރޫއުތަކަށް ކުރެވިފައި ހުރި ހަރަދު،" ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. ސަރުކާރުން އަމާޒުކުރާ ގޮތުގައި, މި މަޝްރޫއުއާ އެކު ބޮޑުތިލަދުންމައްޗަށް ބޮޑު އިންގިލާބީ ތަރައްގީއެއް އަންނާނެ އެވެ.

އެ ތަރައްގީގެ އަސަރު ހެޔޮ ގޮތުގައި ފޯރާނެ, ނައިވާދޫގައި ވެސް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަން އަދި ބައެއް މަޝްރޫއުތައް ނިމިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި، މިހާތަނަށް ނުފެށިވާ ބަނދަރުގެ މަޝްރޫއު ވަރަށް އަވަހަށް ތަރައްގީކުރަން ފަށާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވެވި އެވެ.

ނާވައިދޫގެ ފެނުގެ ނިޒާމް ރައީސް އިފްތިތާހު ކޮށް ދެއްވަނީ


ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް އަބަދުވެސް އިތުރަށް ބޭނުންވާ ކަންކަން ހުންނާނެ ކަން ގަބޫލުކުރައްވާ ކަމަށާއި އެކަންކަން ކޮށްދެއްވާނެ ކަމަށެވެ.

"...އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮންމެ ރަށަކަށް ވެސް އެ ބޭނުންވާ ކަންކަން ދެނެގަނެ، އެ ކަންތައްތައް ކުރުމުގައި ދެމިތިބޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ގުދުރަތީ ގޮތުން ރީތި, ނާވައިދޫގެ ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވަމަށް ފަހު ރައީސް ވަނީ އެ ރަށުގެ އާރްއޯ ފެން ޕްލާންޓު އިމާރާތް ވެސް ބައްލަވާލައްވާފަ އެވެ.

ނައިވާދޫ ފެނުގެ ނިޒާމު ގާއިމުކޮށްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ. އޮކްޓޫބަރު 2019 ގައި ފެށުނު އެ މަސައްކަތް އެ ކުންފުނިން ނިންމީ މިދިޔަ ޖޫން މަހުގަ އެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 15,398,304.77 ރުފިޔާ އެވެ.

އެ މަސައްކަތުގެ ދަށުން ދުވާލަކު 40 ޓަނުގެ ފެން އުފައްދާ އާރްއޯ ދެ ޕްލާންޓާއި 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުމާއި ފެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާންގީ އަދި ވާރޭފެން ރައްކާ ކުރުމަށް 150 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފަ އެވެ.

ރައީސް ދެން މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ, ހދ. ފިނޭއަށެވެ. އެއަށްފަހު ދެން މިސްރާބު ޖައްސަވާނީ ރާއްޖޭގެ އެންމެ އުތުރު އަތޮޅު, ހއ. އަތޮޅަށެވެ. އެ އަތޮޅުގެ އުތީމް އަދި ދިއްދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.