26 ސެޕްޓެންބަރު 2022 - 10:09 0
މުހައްމަދު ނަސީމް
މަސްވެރިން، ދެ ދޯންޏެއްގައި މަސް ބާނަނީ. ބޭރު ބޯޓުފަހަރު ރާއްޖެއަށް އައިސް މަސްގަންނަން ހުޅުވާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވި. ފައިލް ފޮޓޯ/އަދަދު
26 ސެޕްޓެންބަރު 2022 - 10:09 0
ބޭރު ބޯޓު ފަހަރު ރާއްޖެއަށް އައިސް ރާއްޖޭގެ މަސްވެރިންގެ އަތުން މަސްގަތުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޭރު ބޯޓްފަހަރު ރާއްޖެއަށް އައިސް މަސް ގަތުމުގެ ފުރުސަތު ހުޅުވައިލީ ދާދި ފަހުން ކަމަށެވެ.
މިނިސްޓަރު މިއަދު މިހެން ވިދާޅުވި ނަމަވެސް ބޭރު ބޯޓް ފަހަރު ރާއްޖެއަށް އައިސް މަސް ގަތުމުގެ ފުރުސަތު ހުޅުވައިލިކަން ސަރުކާރުން ސީދާ ގޮތެއްގައި މީގެ ކުރިން އިއުލާނުކޮށްފައެއް ނުވެ އެވެ. އެކަމަކު އެގޮތަށް މަސް ގަތުމަށް ލައިސަން ދޫކުރުމުގެ ގަވާއިދެއް މިދިޔަ އޮގަސްޓް މަހު ގެޒެޓްކުރި އެވެ.
"މަސް ގަތުމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ދާދި ފަހުން ކުރި އެއް ކަމަކީ ބޭރުގެ މަސްގަންނަ ބޯޓުފަހަރަށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ދިވެހި މަސްވެރިން ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވައިލުން،" ހުސައިން ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. މަސްގަންނަން ބޭރު ބޯޓުފަހަރު ވަނުމުގެ ހުއްދަ ދީފަިއވާ ކަމަށް އޭނާ މިއަދު ވިދާޅުވި. ފޮޓޯ:މަޖިލީހުގެ އިދާރާ
އޭނާ ވިދާޅުވި ގޮތުގައި އެއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް ކަމަށެވެ.
ބޭރު ބޯޓްފަހަރު ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްގަތުމުގެ ހުއްދަ ދީފައިވާއިރު، އެގޮތަށް ވަންނަ ބޯޓު ފަހަރާއި ދާ އަޅާ ބޯޓު ފަހަރު ވަކިކުރާނީ ކިހިނެތްތޯ، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލުކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްގަންނަ ބޯޓްފަހަރު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭ އިރު، ދާ އަޅައިގެން މަސް ނެގުމަށް ބޭނުންވާ ވަސީލަތްތައް އެ ބޯޓު ފަހަރުގައި ނުހުންނާނެ ކަމަށެވެ.
"އެގޮތަށް އެ ވަންނަ ބޯޓުފަހަރަކީ ދާ އަޅާ ބޯޓުފަހަރެއް ނޫން. އެ ބޯޓުފަހަރުގައި ދާ އެޅުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުއްޓާ ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ވަދެ އެކަން ކުުރުމަކަށް ހުއްދައެއް ނުދެވޭނެ،" ހުސައިން ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެެރިކަން އަނެއްކާވެސް ވަރަށް ރަނގަޅުވެފައި ވާއިރު، މަސްވެރިން ބާނާ ގިނަ އަދަދެއްގެ މަސް ގަތުމުގެ ގާބިލުކަން، މަސް ގަންނަ ކުންފުނިތަކުގައި ނެތުމުގެ މައްސަލަ އަނެއްކާވެސް ވަނީ ބޮޑުވެފަ އެވެ.
މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން މިނިސްޓަރާ ކުރެއްވި ސުވާލުގައި އެއްސެވީ، މަސްފެކްޓްރީތަކުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ދާއިމީ ހައްލެއް ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު އެ ހައްލަކީ ކޮބައިތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސްގަތުމުގެ ގާބިލުކަން ނެތުމުގެ މައްސަަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން މަސައްކަތްކުރާ ފުރަތަމަ ސަރުކާރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ކަމަށެވެ. އެކަމަށް ޓަކައި ސަރުކާރުން ކުރަން ގަސްދުކުރާ ކަންތައްތަކެއްގެ ލިސްޓެއް ވެސް އޭނާ ދެއްވި އެވެ. އެހެން ނަމަވެސް އޭގެ ގިނަ ކަންތަކަކީ އަމަލީ މަސައްކަތް ނުފެށި ހުރި ކަންތައްތަކެކެވެ.
"ސައުދީ ޑިވެލޮޕްމެންޓް ފަންޑުގެ ލޯނުގެ ދަށުން، ކޫއްޑޫގައި އިތުރު 4،000 ޓަނު، ގދ. ތިނަދޫގައި 1،000 ޓަނު، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުންނާއި އިންޑިއަން އެގްޒިމް ބޭންކްގެ އެހީގައި ފެލިވަރުގައި އިތުރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ދުވާލަކު 100 ޓަނުގެ [މަސް ބަންދުކުރެވޭ ވަރުގެ] ކޭނަރީ ގާއިމްކުރުމުން، މަސް ނުގަނެވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ދެއްވި ޖަވާބުތަކާ މެދު ގިނަ މެމްބަރުން ނުރުހުން ފާޅުކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment