21 ސެޕްޓެންބަރު 2022 - 20:07 0
އާމިނަތު އިބްރާހިމް
21 ސެޕްޓެންބަރު 2022 - 20:07 0
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ތަރައްގީކުރުމަށް، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން، ވޯޓާ ފްރޮންޓް ހޮޓެލް އެންޑް ލެޝާ ޕްރއިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން އަތުލުމަށް އެޗްޑީސީން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ތީމް ޕާކަކާއެކު ހޮޓަލެއް ވެސް ހިމެނޭ 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) މަޝްރޫއު މެލޭޝިއާގެ ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރުގެ ޖުލައި 31 ގަ އެވެ.
މި އެއްބަސްވުމުގެ ދަށުން ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމާއި ބިމު ކުލި ދެއްކުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ހިލާފު އުފެދި ހައްލެއް ހޯދިފައިނުވާތީ، ހައްލު ހޯދުމަށް ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދަނިކޮށް، އެއްބަސްވުން ބާތިލުކޮށް، މި އަހަރުގެ 22 ސެޕްޓެމްބަރުގެ ނިޔަލަށް ތަން ހުސްކޮށް، ތަން ހަވާލުކުރަން އެޗްޑީސީން ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެއާ ގުޅިގެން ވޯޓާ ފްރޮންޓް ހޮޓެލް އެންޑް ލެޝާ ޕްރއިވެޓް ލިމިޓެޑުން ވަނީ، އެ ސިޓީއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި އެވެ. ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެނުދެވޭނެ ކަމަށެވެ. އަދި ސިވިލް ކޯޓުގެ މި ނިންމުން، ވޯޓާ ފްރޮންޓް ހޮޓެލް އެންޑް ލެޝާ ޕްރައިވެޓް ލިމިޓެޑުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.
އެޗްޑީސީގެ ސިޓީ އަށް އަމަލުކުރުން ފަސްކުރަން ހައިކޯޓުން މިއަދު އަމުރު ނެރެފައިވަނީ އެ މައްސަލަ ހައިކޯޓުން ބަލައި ނިންމަން ދެނެވެ.
ހައިކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، ކޯޓުން ގޮތެއް ކަނޑައަޅަންދެން އެޗްޑީސީގެ ސިޓީއަށް އަމަލުކުރަން ފަސްކުރުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްފަ އެވެ.
Comment