Advertisement

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް މުސްތަފާ ހަމީދު އައްޔަނުކޮށްފި

20 ސެޕްޓެންބަރު 2022 - 10:23 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ކަމުގެ މަގާމަށް އައްޔަންކުރެއްވި މުސްތަފާ ހަމީދު--


އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް މުސްތަފާ ހަމީދު އައްޔަނުކޮށްފި

20 ސެޕްޓެންބަރު 2022 - 10:23 0

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ކަމުގެ ހުސްވެފައިވާ މަގާމަށް އެ އޮފީހުގެ އިންވެސްޓިގޭޓަރެއްގެ މަގާމުގައި ހުންނެވި މުސްތަފާ ހަމީދު އައްޔަންކޮށްފި އެވެ.

މި މަގާމަށް މުސްތަފާ އައްޔަންކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އޮމްބަޑްސްޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވުމުންނެވެ. ލައިޒާ އިސްތިއުފާ ދެއްވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ 15 ދުވަސް ތެރޭގައި ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މުއްދަތު މިއަދު ހަމަވާނެ އެވެ.

މުސްތަފާއާ އެކު މިހާރު އެ އޮފީހުގެ އޮބްޕަޑްސްޕާސަނުންގެ ގޮތުގައި ތިއްބަވާނީ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފްގެ އިތުރުން ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް އެވެ.

އޭނާ އަންނަނީ ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީއާ ޕޮލިސީގެ ދާއިރާއިން އިސްލާމިކް މިނިސްޓްރީން މާސްޓާސް ފުރިހަމަކުރަމުންނެވެ. އަދި ޝަރީއާ އެންޑް ލޯގެ ދާއިރާއިން ބެޗެލާސް ޑިގްރީ ވަނީ ފުރިހަމަކޮށްފަ އެވެ. އަދި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދާއިރާއިން މުސްތަފާ ހަމީދު ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުންނަމަ، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުންދާ މައްސަލަތައް ނިންމަން މިހާރު އޮތީ ހަތަރު މަހަށް ވުރެ ކުރު މުއްދަތެކެވެ. އެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ހުށަހެޅުނު މައްސަލަތަކުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މައްސަލަތަކުގެ ތަހުގީގު މަރުހަލާ ނިމިފައިވާއިރު، ބައެއް މައްސަލަތަކުގައި މީޑިއޭޝަން މަރުހަލާ ވެސް ވަނީ ނިމިފަ އެވެ.

އެހެންނަމަވެސް އެ އޮފީހުގެ ގާނޫނީ މުއްދަތު އިތުރުކުރުމާމެދު މިހާތަނަށް ގޮތެއް ނިންމާފައި ނުވެ އެވެ.