19 ސެޕްޓެންބަރު 2022 - 18:11 2
އައިޝަތު ނުޒުހާ
ގައްދޫ ދާއިރާގެ މެންބަރު ޒާހިރު؛ އޭނާ ވަނީ މެޖޯރިޓީ ބޭނުން ހެޔޮ ގޮތުގައި ނުހިފާ ކަމަށް ވިދާޅުވެފައި-- ފޮޓޯ: މަޖިލިސް
19 ސެޕްޓެންބަރު 2022 - 18:11 2
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ފުރިހަމަ މެޖޯރިޓީއެއް ލިބިފައި އޮތް ނަމަވެސް، ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަށް ނުކުޅެދިފައިވާ ކަމަށް ވިދާޅުވީ ގައްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޒާހިރުގެ އުދާސްތައް މިއަދު ބަންޑުންކޮށްލައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ޒާހިރު ވިދާޅުވީ ދާއިރާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ މަޖިލީހުގައި ދެއްކި ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށެވެ. އަދި، ހުރިހާ ކަމެއް ވެސް ހިނގަނީ ވަކި މީހަކު ބުނާހާ ގޮތަކަށް ކަމަށެވެ.
"އެއްކޮޅު މި އޮންނަނީ އެކަކުގެ އަތަށް ދީގެން، އެ ބޭފުޅާ ބުނާހާ ގޮތަކަށް މިތާނގައި ވޯޓު މި ލަނީ، ވަކާލާތު ކުރަނީ ވެސް، ރަނގަޅު ޕީޖީ ބައްދަލުވުމެއް ހިންގާ ނުލެވޭ އަޅުގަނޑުމެންނަށް، ބަހުސެއް ކޮށްނުލެވޭ އަޅުގަނޑުމެންނަށް،" ޒާހިރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ހޮވޭއިރުގައި ވެސް މި އޮންނަނީ ކަރުގައި މަޅިއެއް އަޅާފައި."
ޒާހިރު ވިދާޅުވި ގޮތުގައި މިހާރު މަޖިލީހުގެ ކަންކަން ހިނގަމުން އަންނަ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ޖާގައެއް ވެސް ނުލިބެ އެވެ.
"ހަމައެކަނި މިހާރު މިތާނގައި އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ ސަރުކާރުން ބިލެއް ފޮނުވިމާ އެ ބިލެއް ހަދާލަ ދިނުން އެކަނި، ޖަވާބުދާރީ ވެސް ރަނގަޅަށް ކުރެވެނީކީ ނޫން މިހާރު މިތާނގައި މިއޮތް މެޖޯރިޓީއެއްގެ ސަބަބުން،" ޒާހިރު ވިދާޅުވި އެވެ.
އެކަމުގެ ހައްލަކީ ބަރުލަމާނީ ނިޒާމު ކަމުގައި އޭނާ ތަކުރާރުކޮށް ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ބޭނުންވާ ކަންކަން މަޖިލީހުން ކޮށްދިނުމަށް ރިޔާސީ ނިޒާމު ހުރަސް އަޅާ ކަމަށެވެ.
"އެންމެ މީހަކަށް 87 ދާއިރާގައި ހުރި ކަންކަމާ ދޭތެރޭގައި ހުރި ކަންތަކާ ދޭތެރޭގައި ނުވިސްނޭނެ، އެންމެ މީހަކަށް އެކަމެއް ނުވާނެ، އިސްކަމެއް ނުވެސް ދެވޭނެ އެކަންކަމަކަށް، ހަމައެކަނި އިސްކަން ދެވޭނީ ދެ ވަނަ ދައުރެއް ހޯދުމަށް،" ޒާހިރު ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ޒާހިރު އިޝާރާތް ކުރެއްވި "އެންމެ މީހަކީ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމްޑީޕީ ތެރޭގައި އުފެދިފައި އޮތް ހިޔާލު ތަފާތުވުންތަކުގައި މެންބަރު ޒާހިރު ހުންނަވަނީ ރައީސް މުހައްމަދު ނަޝީދުގެ ފަޅިއަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment