Advertisement

މަޖިލިސް ނަވާރަ؛ އިހުހުރި ފޯރި ގެއްލި، "ތަފާތެއް ނުވި"

25 ސެޕްޓެންބަރު 2022 - 09:31 4

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލިސްގެ އިދާރާ: މަޖިލިސް 19 އާ މެދު މިހާރު ކުރަން އޮތީ ހުސް ޝަކުވާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މަޖިލިސް ނަވާރަ؛ އިހުހުރި ފޯރި ގެއްލި، "ތަފާތެއް ނުވި"

25 ސެޕްޓެންބަރު 2022 - 09:31 4

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރު ފެށުނީ "ތަފާތުވާނެ" ކަމުގެ ޔަގީން ކަން ދެމުންނެވެ. އެ މަންޒަރު އަމަލުން ވެސް އޭރު ދެއްކި އެވެ. މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގެންނެވި މުހައްމަދު ނަޝީދު ވެސް ދެއްވީ "ތަފާތު ވާނެ" ކަމުގެ ޔަގީން ކަމެވެ. ނަވާރަ ވަނަ މަޖިލީހުގެ ފުރަތަމަ އަހަރު ތެރޭގައި "މުޅި ދުނިޔެ ފިތްކަނޑައިގެންދާ" ވަރަށް މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންނަމަވެސް މަންޒަރު މިއަދު ބަދަލުވެއްޖެ އެވެ. މަޖިލީހުގެ "ހަނީމޫނު ދުވަސްތައް" ނިމި ހަގީގީ ކުލަތައް ފެންނަން ފަށައިފި އެވެ. މިހާރު ނަޝީދު އެ މެންބަރުން ސިފަ ކުރައްވަނީ "ގާނޫނީ ވާޖިބަށް ފަރުވާތެރި ނުވާ" ބައެއްގެ ގޮތުގަ އެވެ.

"87 އިއްޒަތްތެރި މެމްބަރުންގެ މަޖިލީހެއްގައި އަދި ގަވައިދުން މުސާރަ ލިބެމުންދާ ތަނެއްގައި، ހެނދުނުގެ ޖަލްސާ ފަށާއިރު 24 މެމްބަރުން ތިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ގާނޫނީ ވާޖިބަށް އަޅުގަނޑުމެނަށް ފަރުވާތެރިކަން ނުބެހެއްޓެނީ،" މަޖިލީހުގެ މެންބަރުންނަށް ފާޑުވިދާޅުވެ މިފަހުން ނަޝީދު ވިދާޅުވި އެވެ.

މެމްބަރުންނަށް ތައުރީފް ކުރެއްވުމުގެ ބަދަލުގައި ނަޝީދަށް ދައްކަން މިހާރު ޖެހިވަޑައިގަންނަވަނީ މެމްބަރުން ހާޒިރުނުވާ ވާހަކަ އާއި ސަލާމުގެ ދުވަސްތައް ގިނަވުމުގެ ވާހަކަ އާއި މަޖިލީހުގެ މަސައްކަތްތައް ލަސްވެ ދިގުލައިގެންދާ ވާހަކަ އެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް ތަފާތުނުވެ، ކުރިން ވެސް އެ މަޖިލީހުން ފެނުނު މަންޒަރު އަލުން އިއާދަވުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟

ބަދަލުވީ ކޮން ކަމެއް؟

ކޮވިޑްގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ބަންދުކޮށްފައި ވަނިކޮށް ވެސް މަސައްކަތުގައި ދެމިތިއްބެވި މެންބަރުންގެ ފަރާތުން އެ ޖޯޝު މިހާރު ނުފެންނަކަމީ ދެބަސް ވެވޭނެ ކަމެއް ނޫނެވެ.

މަޖިލީހުގެ އިދިކޮޅު ތަމްސީލު ކުރައްވާ މަދު މެންބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެންބަރުން އާދަމް ޝަރީފް ވިދާޅުވީ 19 ވަނަ މަޖިލިސް ފެށިގެން މަޖިލީހުގެ މަސައްކަތްތައް އެހާ ބާރުމިނުގައި ކުރިއަށް ދިޔައީ ރިޔާސަތުން އެކަމަށް ދެއްވި އެއްބާރުލުމެއްގެ ސަބަބުންނެވެ.

"މަޖިލިސް ފެށިގެން ދިޔައިރު މަޖިލީހުގެ ރައިސް ހަގީގަތުގައި ވެސް ވަރަށް ފޯރީގައި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުން ގެންނަން ބޭނުންވާ ބަދަލުތައް ގެންނަން މަސައްކަތް ފައްޓަވައިގެން ކުރިއަށް ގެންދިޔަ ތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ގަބޫލުކުރައްވާ ގޮތުގައި މި ފޯރި ގެއްލި، މަޖިލީހުގެ މަސައްކަތްތަކަށް ބަދަލު އަންނަން ފެށީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ. ފެކްޝަންގެ ހިޔަނި އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަށް އެޅި، "ވަކި ބައެއްގެ ކޮންޓްރޯލް ދަށަށް" މަޖިލިސް ދިޔަ ކަމަށް އާދަމް ޝަރީފް ގަބޫލުކުރައްވަ އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު---


"ރައީސް ނަޝީދަށް ޓެރަރިޒަމްގެ ހަމަލާ ދިނުމާ ހަމައަށް ދެން ފާހަގަކުރެވިގެން ދިޔައީ ވަރަށް ފޯރިގަދަކޮށް، އޭގެ ފަހުން އެ ތަން ފޫބެއްދުމަށް ނައިބު ރައީސް އީވާ ވެސް ވެސް ވަރަށް މަސައްކަތް ކުރެއްވި، އެހެންނަމަވެސް އަޅުގަނޑުމެންނަށް ފަހުން ފެނިގެން ދިޔައީ މަޖިލީސް އެމްޑީޕީ މެންބަރުން ތެރޭގައި ވަރަށް ބޮޑު ރެފްޓެއް ފެތުރިގެން ދިޔަ ތަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެންނަމަވެސް މަޖިލިސް މިހާރު އޮތީ ސަރުކާރުން "ޕެރެލައިޒް" ކޮށްލާފައި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގައި އެންމެ ހިންގުންތެރި އެއް މެންބަރު ކަމަށްވާ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން ތިބީ ކޮންމެވެސް ނުފޫޒެއްގައި ޖެހިފައި ކަމަށެވެ. ނަތީޖާ ނުފެންނަނީ އެހެންވެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ބޮންޑެ: އޭނާއަކީ ބައެއް ބިލްތަކަށް ތަކުރާރުކޮށް ބަހުސް ކުރައްވާ މެންބަރެއް-- ފޮޓޯ: މަޖިލިސް


"ރައީސް ނަޝީދު މި މީހުން ކޮނޑަށް ލައިގެން އައިސް މަޖިލީހަށް ވެއްދީ، އެކަމަކު ވެއްދީމާ ރައީސް ނަޝީދާ އެއްވަރަށް މަސައްކަތެއް ނުކުރޭ،" ގިނަ ބިލުތަކަކަށް ތަކުރާރުކޮށް ބަހުސް ކުރައްވާ ރަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ނުފޫޒު މަޖިލީހުގައި؟

އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތައް އެންމެ ބޮޑުވި ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނާ އެކީ ކަމަށާއި އެ މެޖޯރިޓީ ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ވެރިކަމުގައި ހުންނައިރު މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުން، އެކަން އަޅުގަނޑު ކުރާނަން، މިއަދު މަޖިލީހުގެ މެޖޯރިޓީއާއެކީގައި މި ހުރީ،" ރައީސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ ދެ ފެކްޝަނުގެ ވާހަކަ ރައީސް ނުގެންނެވި ނަމަވެސް ސިޔާސީ ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ރައީސް ދެއްވެވީ މަޖިލީހުގެ ފުލް ކޮންޓްރޯލް އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމުގެ ޔަގީން ކަމެވެ.

މަޖިލީހުގެ މިދިޔަ ހަފުތާގެ ޖަލްސާއެއްގައި ގައްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޒާހިރު ވަނީ ފެކްޝަންގެ ހިޔަނި މަޖިލީހަށް އެޅި، ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން އުދާސްތައް ބޭރުކޮށްލައްވާފަ އެވެ.

ޒާހިރު ވިދާޅުވީ ދާއިރާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ މަޖިލީހުގައި ދެއްކި ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށެވެ. މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ނަމަވެސް، މެންބަރުންނަށް ބާރެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ހިނގަނީ "ވަކި މީހަކު ބުނާހާ" ގޮތަކަށް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"އެއްކޮޅު މި އޮންނަނީ އެކަކުގެ އަތަށް ދީގެން، އެ ބޭފުޅާ ބުނާހާ ގޮތަކަށް މިތާނގައި ވޯޓު މި ލަނީ، ވަކާލާތު ކުރަނީ ވެސް، ރަނގަޅު ޕީޖީ ބައްދަލުވުމެއް ހިންގާ ނުލެވޭ އަޅުގަނޑުމެންނަށް، ބަހުސެއް ކޮށްނުލެވޭ އަޅުގަނޑުމެންނަށް،" ޒާހިރު ވިދާޅުވި އެވެ.

ވަރަށް ނުސީދާކޮށް އެހެންނަމަވެސް ވަކި ބޭފުޅެއްގެ ނަން ނުގެންނަވައި ޒާހިރު ހާމަކުރެއްވީ ސަރުކާރުގެ ނުފޫޒު މަޖިލީހަށް ކުރަމުން އަންނަ މިންވަރެވެ.

ކުރިން ވާހަކަ ދެއްކެވި، އާދަމް ޝަރީފް ވެސް ވިދާޅުވީ މަޖިލީހުގެ ހާޒިރީއަށް އެންމެ ބޮޑަށް އަސަރު ކުރަނީ ސަރުކާރުގެ ނުފޫޒު ފޯރާފައިވާތީ ކަމަށެވެ. އެހެން ކަންތައް ވަނީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން މާ މުހިންމު ނުވެ، ހަމައެކަނި ސަރުކާރުން ބުނާހާ ގޮތަކަށް ކަން ކޮށްލަން މަޖިލީހަށް ހާޒިރުވުން މުހިންމު ނުވާތީ ކަމުށް އޭނާ ގަބޫލުކުރައްވަ އެވެ.

"ހާޒިރުނުވުމުގެ ރެކޯޑު ވެސް ބޮޑަށް މި އޮންނަނީ ސަރުކާރު ފަޅީގެ މެންބަރުން، އެ ބޭފުޅުން ހާޒިރުނުވާ މައްސަލަ ބޮޑުވެގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ސަރުކާރުން މަޖިލީހަށް ސީދާ އަދި ނުސީދާކޮށް ވެސް ނުފޫޒު ފޯރުވާ ކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގު ކުރެ އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވި ގޮތުގައި އެފަދަ އެއްވެސް ނުފޫޒެއް ޕީޖީ ގްރޫޕަށް ފޯރުވަމުން ނުދެ އެވެ.

ގަވާއިދު ހަރުކަށި ކުރަން ޖެހޭ؟

ރައްޔިތުންގެ މަޖިލީހަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މެންބަރުން ޖަލްސާތަކަށް ހާޒިރުނުވުމާއި ގަޑި ޖެހުމެވެ.

މިހާރު އަމަލު ކުރަމުންގެންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި އެ މަހެއްގެ ތެރޭގައި ބާއްވާ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެންބަރަކު ހާޒިރުނުވެއްޖެ ނަމަ އެ މެންބަރެއްގެ މުސާރައިން 50 ޕަސެންޓް ކެނޑޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ނަމަވެސް ސަލާމުގައި ހުރުމަށް މި ގަވާއިދުގައި ވަކި މުއްދަތެއް ކަނޑައެޅިފައި ނެތުމުން ދިގު މުއްދަތައް ސަލާމްގައި ތިބެ މުސާރައިގެ 50 ޕަސެންޓް ނުކެނޑޭނެ ގޮތަކަށް ޖަލްސާއަށް ހާޒިރު ނުވެ ތިބުމުގެ ފުރުސަތު ލިބިދެ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ގަވާއިދު ކޮމިޓީ މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ މަޖިލީހުގެ ކަންކަމަށް ގިނަ މެންބަރުންގެ ސަމާލުކަން ކުޑައީ ޖަލްސާތަކަށް ހާޒިރުވި ނަމަވެސް އަދި ހާޒިރުނުވި ނަމަވެސް "ވާ ކަމެއް" ނޯންނާތީ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން އެހެން އޮތުމަކީ އެގޮތަށް އުޅުމަށް ދެވޭ ލައިސަންސެއް ކަމަށް. މަޖިލީހަށް ހާޒިރުވުމަށް ވެސް އެބަހުރި ވަގުތުތަކެއް ކަނޑައެޅިފައި. ފެށޭ ގަޑިއަކާއި ނިމޭ ގަޑިއަކާ، އެހެންކަމަށް ވަންޏާ އުސޫލެއްގެ ގޮތުން އެއޮތީ ބުނެވިފައި ދާން ޖެހޭނެ ކަމަށް،" އާމިރު ވިދާޅުވި އެވެ.

މިކަން ހައްލު ކުރުމަށް ގަވާއިދަށް ހަރުކަށި އުސޫލުތަކެއް ބޭނުންވާ ކަމަށް އާމިރު ފާހަގަކުރެއްވި އެވެ. އަދި އެފަދަ ސުލޫކީ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މީގެ ކުރިން ވެސް ކުރެވުނު ނަމަވެސް އެ މަސައްކަތް އޮތީ މަޑުޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުލޫކީ ގަވައިދެއް ހަގީގަތުގައި އޮންނަންވާނެ، މިހާރު ކަންތައް މިދާ ގޮތުން އަޅުގަނޑަށް ހީވަނީ އެބަ ޖެހޭ ކަންނޭނގެ ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި މިކަންކަން ވަކި ހަމައަކަށް ފެއްތޭނެ އަދި ލާޒިމް ކުރާނެ ގަވާއިދެއް،" އާމިރު ވިދާޅުވި އެވެ.

އެހެންނަމަވެސް އާދަމް ޝަރީފް މިކަމަށް އެއްބަސްވެ ނުލައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަކީ ޕްރީސުކޫލެއް ނޫނެވެ. އަދި މެންބަރުން މިތަނަށް ހޮވާފައި ތިބީ ތަރުބިއްޔަތު ދޭކަށް ވެސް ނޫނެވެ. ވީއިރު މެންބަރުން ވާން ޖެހޭނީ އެއަށް ވުރެ ޒިންމާދާރު ބަޔަކަށެވެ.

"ހަމަ ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގައި ރަނގަޅު މަސައްކަތްތަކެއް ކުރާނޭ ވަރުގެ ޒިންމާދާރު މީހުންތަކެއް މަޖިލީހަށް އިންތިހާބުވެގެން މިކަން ހައްލު ވާނީ، އެއީ އެންމެ ބޮޑަށް ކުރެވޭނެ ކަމަކީ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މަޖިލީހަށް ކުރިމަތިލާ މީހުންގެ ފެންވަރު ނުވަތަ ޝަރުތުތަކެއް ކަނޑައަޅަން ޖެހެ އެވެ.

"އެ މީހުންނަކީ މަސައްކަތްތެރި ކަމުގެ ރޮނގުން ނުވަތަ ތައުލީމީ ގޮތުން ވަކި މިންވަރަކަށް ކުރިއަށް ދެވިފައިވާ، މުޅި ގައުމުގައި ހިނގަމުންދާ ކަންތައްތަކާ މެދުގައި ލޯ ހުޅުވިފައިވާ ބަޔަކަށް ވާންޖެހޭ، ކޮންމެހެން މާސްޓާސް އޮންނަ މީހުން ހޮވާށެކޭ ނޫން، އެކަމަކު ކޮންމެވެސް ފެންވަރެއް އެބަ ހުންނަން ޖެހޭ މެންބަރުންގެ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފްގެ މި ވާހަކައަށް ތާއީދުކުރައްވަމުން ރަޝީދު ވެސް ވިދާޅުވީ މަޖިލީހަށް ބޭނުންވަނީ ހަމައެކަނި ސަރުކާރަށް އިހުލާސްތެރިވުމުގެ ބަދަލުގައި ރައްޔިތުންނަށް ކަންކަން ކޮށްދޭނެ އަދި ސަރުކާރު ޖަވާބު ދާރީ ކުރުވަން ކެރޭނެ ބޭފުޅުންތަކެއް ކަމަށެވެ.

މިހާރު މަޖިލީހުން ހިންގަމުން އަންނަ ޕާލިމެންޓަރީ އެޑިއުކޭޝަން ސެޝަންތަކަކީ މިގޮތުން އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަ އެވެ.

ޕްރެކްޓިސް ޕާލިމެންޓް ސެޝަނެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް


ޕާލަމެންޓްރީ އެޑިއުކޭޝަން ހަދާ ޒުވާނުންނާ، މި ކަންކަމުގައި ބައިވެރިވާ ޒުވާނުން، މިއީ މުސްތަގުބަލަކީ، މިހާރު ދެން [ތިބި މެންބަރުން] މި ތިބީ ހުލިވެފައި،" ރަޝީދު ވިދާޅުވި އެވެ.

ނަވާރަ ވަނަ މަޖިލިސް ފެށުނުއިރާ މިއަދާ ބޮޑު ބަދަލެއް އައިސްފައިވާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. މަޖިލީހަށް އެޅުނީ ވެރިކަން ހިންގާ ޕާޓީގެ ތެރޭގައި ލާފައިވާ ރެނދުގެ ހިޔަނި ކަމަށް އެއް ބަޔަކު ގަބޫލު ކުރެ އެވެ. އެކަން ބަދަލުކުރުމަށް ރައްޔިތުންނަށް އިހުލާސްތެރިވާނެ ބަޔަކު މަޖިލީހަށް ހޮވަން ޖެހެ އެވެ. ހަގީގީ ތަފާތު ފެންނާނީ އޭރުންނެވެ.