15 ސެޕްޓެންބަރު 2022 - 19:38 1
އައިޝަތު ނުޒުހާ
އިންތިގާލީ އިންސާފު އޮފީހުގައި މިހާރު ތިއްބެވި ދެ އޮމްބަޑްޕާސަނުން-- ފޮޓޯ: އަދަދު ފައިލް
15 ސެޕްޓެންބަރު 2022 - 19:38 1
އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައިވާ ގާނޫނީ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާއިރު، މުއްދަތު އިތުރު ކުރުމާ މެދު މިހާތަނަށް އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުންނަމަ، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުންދާ މައްސަލަތައް ނިންމަން މިހާރު އޮތީ ހަތަރު މަހަށް ވުރެ ކުރު މުއްދަތެކެވެ. އެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ހުށަހެޅުނު މައްސަލަތަކުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މައްސަލަތަކުގެ ތަހުގީގު މަރުހަލާ ނިމިފައިވާއިރު، ބައެއް މައްސަލަތަކުގައި މީޑިއޭޝަން މަރުހަލާ ވެސް ވަނީ ނިމިފަ އެވެ.
މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ވިދާޅުވީ މުއްދަތު އިތުރުކުރުމާ މެދު މިހާތަނަށް ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
އެ އޮފީހުގެ މުއްދަތު ހަމަވާން ގާތް ވެފައިވާއިރު، އޮމްބަޑްސްޕާސަން ކަމުން މަރިޔަމް ލައިޒާ ވަނީ މި މަހުގެ ހަ ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން މިހާރު އެ އޮފީހުގައި ތިއްބަވަނީ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފްގެ އިތުރުން ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް އެވެ.
މިއުވާން ވިދާޅުވި ގޮތުގައި ހުސްވެފައިވާ އޮމްބަޑްސްމަންގެ ހުސްވެފައިވާ މަގާމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ބޭފުޅަކު އައްޔަން ކުރާނެ އެވެ.
އެ ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ 15 ދުވަސް ތެރޭގައި ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މުއްދަތު ހަމަވާން ބާކީ ހަ ދުވަސް އޮތްއިރު، މިހާތަނަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ނުވެ އެވެ.
އޮފީހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ގިނައީ ގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ. އަދި އޭގެ އިތުރުން ވެސް ކުރީގެ މުހައްމަދު އަމީން ހަވަރަށް ދިނުމާއި، ގދ. ތިނަދޫ ފަޅުކޮށްލުން ފަދަ ބޮޑެތި އަދި ތާރީހީ މައްސަލަތައް ވެސް އެ އޮފީހުގައި އެބަ އޮތެވެ. އެ މައްސަލަތައް މިހާރު އެ އޮފީހުން ތަހުގީގުކުރަން ފަށާފައިވާއިރު، ބައެއް މައްސަލަތަކުގައި ތާރީހީ ލިޔެކިޔުންތައް ނުބެލެހެއްޓި ހުރުމުން އެކި ކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށް އެ އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
Comment