Advertisement

ތަހުގީގަށް ދެ އަހަރު، ކަނޑޫދޫ މެޖިސްޓްރޭޓްގެ މައްސަލައެއް ނެތް ކަމަށް ނިންމައިފި

13 ސެޕްޓެންބަރު 2022 - 19:52 0


ތަހުގީގަށް ދެ އަހަރު، ކަނޑޫދޫ މެޖިސްޓްރޭޓްގެ މައްސަލައެއް ނެތް ކަމަށް ނިންމައިފި

13 ސެޕްޓެންބަރު 2022 - 19:52 0

ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު އަބްދުއްސަމަދާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން ބުނި ގޮތުގައި, އެ މެޖިސްޓްރޭޓްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރުމަށް އޭނާއަށް ނޯޓިސް ދިނީ އޮކްޓޯބަރު 22، 2020 ގަ އެވެ.

ތަހުގީގުކޮށް ގޮތެއް ނިންމުމަށް ގާތްގަނޑަކަށް ދެ އަހަރު ހޭދަވިއިރު، ބެލި މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ނިންމީ މިދިޔަ އާދީއްތަ ދުވަހު ކަމަށް މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

މިހާރު އޮތް ޖޭއެސްސީ އެކުލަވާލި ފަހުން އެ ކޮމިޝަނުން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ ގިނަ ޝަކުވާތައް ބަލަމުންނެވެ. ފަނޑިޔާރަކު ވަކިކުރުމަށް ގާނޫނުގައި އޮންނަ އިޖުރާއަތުގެ ތެރެއިން މަޖިލީހަށް އެފަދަ މައްސަލައެއް ފޮނުވައިގެން ފަނޑިޔާރަކު ފުރަތަމަ ފަހަރަށް ވަކިކުރީ ވެސް މިހާރު ހިނގަމުންދާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.

ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން ސަރުކާރު ބަދަލުވުމުންނާއި، މަޖިލީހުގެ ދައުރު ބަދަލުވުމުން ޖޭއެސްސީއަށް ބަދަލު އާދެ އެވެ. އެއީ އެ ކޮމިޝަނުގައި ރައީސްގެ މެންބަރަކާއި، ބަންޑާރަ ނައިބާއި، މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ހިމެނޭތީ އެވެ.

މިހާރު އެ ކޮމިޝަނުގެ ރައީސްއަކީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. ނަައިބު ރައީސްއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެންބަރެއް ގޮތުގައި އިންނަވާ މަސްތޫރު ހުސްނީ އެވެ.