Advertisement

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރާ އިސްލާހު އަނބުރާ ގެންދަން ގޮވާލައިފި

11 ސެޕްޓެންބަރު 2022 - 12:01 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް ސިމެންތި ބަސްތާއެއް އުފުލަނީ. -އަދަދު ފައިލް ފޮޓޯ


ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރާ އިސްލާހު އަނބުރާ ގެންދަން ގޮވާލައިފި

11 ސެޕްޓެންބަރު 2022 - 12:01 1

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ބިދޭސީންނަށް ދިނުން ލާޒިމުވާ ދެ އަހަރު ދުވަސް، އިގުތިސޯދީ ހާލަތާ ގުޅުވައި، މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ގާނޫނު އިސްލާހުކުރަން އުޅޭތީ ކަންބޮޑުވުންފާޅުކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ވަޒީފާ އަދާކުރާ ކޮންމެ ދިވެއްސަކަށް މަދުވެގެން 4،500ރ. ގެ މަހު މުސާރައެއް ލިބޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނު އިސްލާހު ކުރިއިރު، ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމުގެ ބައި ކަނޑައަޅަން ދެ އަހަރު ދުވަހުގެ މުއްދަތެއް ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވަނީ އެ މުއްދަތު ފަސްކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އެ އިސްލާހުގައި ބުނަނީ އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމުގެ ގޮތުން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް ބިދޭސީ މުވައްޒަފުން ގެންގުޅޭ ފަރާތްތަކުން ގިނަވެގެން ދެ އަހަރުގެ ތެރޭގައި އަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދުނިޔޭގެ އިގުތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާތީ ހާލަތު އެކަމަށް އަދި ތަންނުދޭ ކަމަށެވެ.

"...އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި އެކަން ކުރަން ލާޒިމުވާނީ، ރާއްޖޭގެ އިގުތިސޯދީ ހާލަތާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާއަތްކޮށް، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅާ އާންމުކުރާ ތާރީހެއްގައި ކަމުގައި ކަނޑައެޅުމަށްޓަކައި،" ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެ އިސްލާހު އެއް މަސައްކަތެއް ކުރާ މަސައްކަތް ތެރީންނަށް ހަމަހަމަ ގޮތުގައި މުސާރަދޭން ލާޒިމުކުރާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވާ ކަމަށެވެ.

"ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރައިގެ ގާނޫނު ނުހިގާނަމަ ވަޒީފާގެ ބާޒާރުގައި ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރީން ލައްވާ މަސައްކަތް ކުރުވާ ނާޖާއިޒު ފައިދާ ނެގުމަށް އިތުރަށް މަގުފަހިކުރާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

އަދި މީގެ ސަބަބުން ދިވެހި މަސައްކަތް ތެރީންނަށް ވަޒީފާ މިހާރުވެސް ދަތިވެފައިވާކަމުގެ ޝަކުވާ އިތުރުވެ, ވަޒީފާ ދޭ ފަރާތަށް ދިވެހި މަސައްކަތް ތެރިޔަކަށް މަސައްކަތް ދިނުމުން އިތުރު ތަކުލީފަކަށްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންކަމުން، ބިދޭސީ އަދި ދޭސީ މަސައްކަތްތެރިންގެ މެދުގައި އޮތް ފަރަގުތައް ނައްތާލައި، ދައުލަތުން ސޮއިކޮށްފައިވާ މުއާހަދާ ތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކަށް ބޯލަނބާ، ހަމަހަމަކަމަށް މަސައްކަތްކުރާ، އިންސާފުގެ މަގުން ހިނގާ ދައުލަތެއް ބިނާކުރުމަށް، މިހާރު ވަޒީފާ އާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް އެ ބަޔާނުގައި މަޖިލީހަށް ވަނީ ގޮވާލައިފަ އެވެ.

މިނިމަމް ވޭޖުގައި ހިމެނޭނެ އުޖޫރަ

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ މާނައިގެ ތެރޭގައި ހަމައެކަނި ހިމެނޭނީ މުވައްޒަފަކަށް ދެވޭ އަސާސީ މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސްތަކެވެ.

މީގެ މާނައަކީ މުވައްޒަފުންނަށް ލިބޭ އިތުރު ގަޑީގެ ފައިސާ އާއި، ރަމަޟާން މަހުގެ އިނާޔަތާއި، ސާވިސް ޗާޖު ފަދަ ނޮން ފިކްސްޑް އެލަވަންސް ނުހިމެނޭނެ އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުދި ވިޔަފާރިތަކުން މަހަކަށް 4،500ރ.، މެދު ފަންތީގެ ވިޔަފާރިތަކާއި ޕަބްލިކް ސެކްޓަރުގެ ވަޒީފާތަކަށް 7،000ރ. އަދި ބޮޑެތި ވިޔަފާރިތަކަށް 8،000ރ. އެވެ.

ޕަބްލިކް ސެކްޓަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ކަނޑައަޅާފައިވަނީ ގަޑިއިރަކަށް 33.65ރ. އެވެ.

ނަމަވެސް، އެ ފަރާތްތަކުގެ ތެރެއިން ހަފްތާއަކު މަދުވެގެން 30 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ ގޮތުގައި މަހަކު 7،000ރ. ވަނީ ކަނޑައަޅައިފަ އެވެ.