Advertisement

ޝާއިރުގެ ހިޔާލު؛ ތަރުތީބެއް ނެތް ގާނޫނީ ނިޒާމު

11 ސެޕްޓެންބަރު 2022 - 09:58 9

އަބްދުﷲ ޝާއިރު

އަބްދުﷲ ޝާއިރު


ޝާއިރުގެ ހިޔާލު؛ ތަރުތީބެއް ނެތް ގާނޫނީ ނިޒާމު

11 ސެޕްޓެންބަރު 2022 - 09:58 9

ކޮންމެ ގާނޫނަކީ ވެސް އޭގެ ކުރިން ހިނގަމުންދިޔަ ކަމެއް ރަނގަޅުކުރުމަށް ތައާރަފްކުރެވޭ ގާނޫނެއް ކަމުގައި ބަލަންވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ލިޔެފައި އޮވެ އެވެ.

މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބުނެފައި އޮތް މިވާހަކަ ހޭޖެހޭ ސިކުނޑިއަކުން ވިސްނައި، ކަން ހިނގާ ގޮތުގެ މައްޗަށް ބަލާއިރު ފެންނަނީ އެދެވޭ ނަތީޖާތަކެއް ނޫނެވެ. ރާއްޖޭގެ ގާނޫނީ ނިޒާމުގައި މިހާރު އޮތީ އަމަލުކުރަމުންދާ 300 އެއްހައި ގާނޫނަކާއި އެތައް ގަވާއިދެކެވެ. އިސްލާހުތަކާއެކު ބެލީމާ ވަކިވަކި އެތިކޮޅުތަކުގެ ގޮތުގައި ހަތަރުސަތޭކަ އެތައް ގާނޫނެއް އެބައޮތެވެ. އެއިން ކޮންމެ ގާނޫނެއްގެ ދަށުން ހުރި ގަވާއިދުތައް ގުނާ އަދަދު ނުކުރެވެ އެވެ.

ގާނޫނަކީ އެއިރެއްގެ މުޖުތަމައުއަކަށް ބޭނުންވާ ގޮތަށް، އެ މުޖުތަމައުއަށް ފެއްސޭ ފޭރާމެކެވެ. މުޖުތަމައުގެ ގަބޫލުކުރުންތައް ފުޅާވެ ހަނިވާ ނިސްބަތަކުން އެ ފޭރާމުގެ މިނަށް ބަދަލު ގެންނަންޖެހޭނެ އެވެ. އެހެން ނަމަވެސް އެ ބަދަލު ގެނައުމުގެ ތެރޭގައި ކަތުރު ހިންގާލާ ގޮތަކުން އަރިމަތިންނާއި ފުރަގަހުން ކޮށައިގެން ގޮސް، އައުރަ ނިވާނުވާގޮތްވެ، ފޮތިމަތީ ފޮތި އަޅަންޖެހުމަކީ މިއަދުގެ ހިތި ހަގީގަތެވެ.

މިހާރު އަމަލުކުރާ ގޮތަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ ބިލުތައް ހުށަހަޅަނީ ސަރުކާރުންނެވެ. އެ ބިލުތައް ޑްރާފްޓްކޮށްދެނީ ބަންޑާރަނައިބެވެ. އެ އޮފީހުގެ ފަންނުވެރި ވަކީލުން އެ މީހުންގެ ދިރާސާތަކުގެ މައްޗަށް ބިލު ޑްރާފްޓްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުން އެ ބިލު މަޖިލީހަށް ހުށަހަޅައިދޭނޭ މެންބަރެއް މި ހޯދަނީ ސަރުކާރުންނެވެ. އެއީ ބިލުގެ ސްޕޮންސަރެވެ. ބިލު މަޖިލީހަށް ބަލައިގަތުމާއެކު ފުރަތަމަ ކިޔުން އިއްވައި، ބިލު ކޮމިޓީއަކަށް ފޮނުވައި، އެކޮމިޓީން ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކުރެ އެވެ. އޭގެ ފަހުން އެ ރިޕޯޓު ތަޅުމަށް ހުށަހަޅައި، މެންބަރުންގެ ވޯޓާއެކު ފާސްކުރުމުން ދެން ފޮނުއްވަނީ ތަސްދީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އެ އޮފީހުގައި އޮންނަ ބޮޑު ލީގަލް ޑިޕާޓްމަންޓަކުން ބިލު ބަލައި ދިރާސާކޮށް، އެ ބިލު ތަސްދީގުކުރުން ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަ އެވެ. ބިލު ގާނޫނަކަށް ވަނީ މި ހުރިހާ މަރުހަލާއެއް ކަނޑައްތުކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރުމުންނެވެ.

މަތީގައި މި ބުނެވުނު އިޖުރާއަތުގެ ތެރެއިން ގޮސް، ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވެ، ތަސްދީގުކުރެވުނުއިރު އޮތީ ގްރީންޓެކްސް ނެގުމަށް ދައުލަތަށް އޮތް ބާރަށް ލޮޅުންއަރާފަ އެވެ. އެ ބިލު ތަސްދީގުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮތީ ބިލު އިސްލާހުކުރަން އަލުން މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. މިހާރު ރައްޔިތުންގެ މަޖިލީހުން ކުރަމުން އެ ގެންދަނީ ކުރިން ކުރި މަސައްކަތެވެ.

މި 'ބްލަންޑަ' ގައި ކުށްވެރިވަނީ މުޅި ދައުލަތެވެ. މުޅި ދައުލަތުގެ އިހުމާލު މިކަމުގައި ފެންނަން އެބައޮތެވެ. ބިލު ޑްރާފްޓްކުރިއިރު ބަންޑާރަނައިބުގެ އޮފީހަށް އޮތީ ގޯހެއް ހެދިފަ އެވެ. ބިލު ދިރާސާކުރުމާއި ރިޕޯޓު އެކުލަވާލައި ބިލު ފާސްކުރުމާ ހަމައަށްވެސް ރައްޔިތުންގެ މަޖިލީހުގެ 85 މެންބަރުންނަށްވެސް އެ ގޯސް ފާހަގައެއް ނުކުރެވުނެވެ. އެ މަޖިލީހުގައި ތިބި ފުންނާބު އުސް ވަކީލުންގެ ލޮލުގައިވެސް އެ އައިބެއް އަޅައެއް ނުގަތެވެ. ދެން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހެވެ. އެ އޮފީހުގައި ތިއްބެވި ފުންނާބު އުސް ގާނޫނީ ވަކީލުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވީ ބިލު ތަސްދީގުކުރުމަށެވެ. އެތަނުގައި ތިބީ މި ކުށް ފާހަގަކުރެވޭ ވަރުގެ ގާބިލު ވަކީލުންނެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ އިންކުއަރީއެއް ހިންގަންޖެހޭ މައްސަލައެކެވެ. ބިލުތައް މަޖިލީހަށް ފޮނުވުމުގެ ކުރިން އެ ބިލުތައް ޑްރާފްޓްކުރުމުގެ މަރުހަލާ ނިންމާ ގޮތާއި، މަޖިލީހުގެ މެންބަރުން ބިލު ދިރާސާކުރުމުގައި ހަގީގަތުގައި ބައިވެރިވާ މިންވަރާއި، ބިލު ތަސްދީގުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުގައި ރައީސްގެ މުވައްޒަފުން އަމަލުކުރާގޮތް ދިރާސާކުރެވި ދެނެގަނެވެން ޖެހެ އެވެ. އެކަން ބަލަންޖެހެނީ ބަޔަކު ކުށްވެރިކުރުމަކަށް ނޫނެވެ. އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށެވެ.

ދެން އޮތީ ގަވާއިދުތަކުގެ އޮޅުންބޮޅުމުގެ މައްސަލަ އެވެ. ކޮންމެ ގާނޫނެއްގެ ދަށުން އެތައް ގަވާއިދެއް ހެދިފައި ހުންނައިރު، ކޮންމެ ގާނޫނެއްގެ ދަށުން ހެދިފައިވާ ގަވާއިދުތަކަކީ ކޮބައިކަން އެނގޭގޮތަށް އެ ގަވާއިދުތައް އެއްތަނަކުން ފެންނާނޭ ގޮތެއް ނެތެވެ. މިވަގުތު ބަންޑާރަނައިބުގެ އޮފީހުން ގާނޫނާއި ގަވާއިދު ޕަބްލިޝްކުރާ ވެބްސައިޓަކީ މި ޒަމާނާ އެކަށޭނަ ވެބްސައިޓެއް ނޫނެވެ. ސަރުކާރުގެ އިންތިޒާމުތަކުގެ ތެރޭގައި ޓެކްނޮލޮޖީއަށް ހާއްސަ ވުޒާރާއެއް ހުރިއިރު، އެ ވުޒާރާގެ އެހީތެރިކަމާއެކު މި އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖައްސަންޖެހެ އެވެ.

ގާނޫނުތަކަށް މީހުން އަހުލުވެރިކުރުވޭނީ އެއީ ފަސޭހައިން ފެންނަން އޮންނަ އެއްޗަކަށް ވެގެންނެވެ. ގާނޫނު ނޭނގުމަކީ އޭގެ ޒާތުގައި ދިފާއުއަކަށް ނުވިނަމަވެސް، ހަމަ ހަގީގަތުގައި ގާނޫނު ނޭނގުމުގެ ސަބަބުން ހެދޭ ގޯސްތައް ބައިވަރެވެ. އެކަށީގެންވާ، އަދި މާނަހުރި ގޮތެއްގައި ގާނޫނުތައް އާންމު ކުރެވުމަކީ މުޅި ގައުމުގެ މަސްލަހަތުގައި ލިބިގެންދާނޭ ކުރިއެރުމެކެވެ.