Advertisement

ފަތުވާ ކޮމިޓީ އެކުލަވާލުން ލަސްވަނީ ފިގުހު އެކަޑަމީ އުފައްދަން

8 ސެޕްޓެންބަރު 2022 - 14:36 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި އެ މަޖިލީހުގެ ރައީސް ޝައިޚު މުހައްމަދު ރަޝީދު އިބްރާހީމާއި އެހެން ބައެއް އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް.


ފަތުވާ ކޮމިޓީ އެކުލަވާލުން ލަސްވަނީ ފިގުހު އެކަޑަމީ އުފައްދަން

8 ސެޕްޓެންބަރު 2022 - 14:36 0

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުން ގާނޫނީ ގޮތުން ހަވާލުކޮށްފައިވާ ފަތުވާ ކޮމިޓީއަށް އާ މެންބަރުން އައްޔަން ކުރުން ލަސްވަނީ، އެ ކޮމިޓީގެ ޒިންމާތައް ފިގުހު އެކަޑަމީ އާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ.

ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އަލުން އައްޔަން ކުރި ފަހުން އެ މުއްދަތު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެކަންޏެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީއަށް މެންބަރުން އައްޔަން ކުރުން ލަސްވާތީ "އަދަދު" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ފަތުވާ ކޮމިޓީން ކުރަމުން އައި މަސައްކަތްތައް ފިގުހު އެކަޑަމީއާ ހަވާލުކުރުމަށް ކަމަށެވެ.

"ގުޅިފައިވާ ޕާޓީތަކުގެ އަޅުގަނޑުމެން ސަރުކާރުގެ މެނިފެސްޓޯގައި ފާހަގަކުރައްވާފައިވާނެ ފިގުހު އެކަޑަމީއެއްގެ ވާހަކަ، ފިގުހު އެކަޑަމީ އެކުލަވާލުމަށް ޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން މިދަނީ،" މިއުވާން ވިދާޅުވި އެވެ.

ގާނޫނަށް ބަދަލު ގެނެސް، މާ ގިނަ ދުވަސްތަކެއް ނުވެ އެ އެކަޑަމީގެ މަސައްކަތްތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިފަހުން ދީނީ ގޮތުން މުޖުތަމައު ތެރޭގައި ގިނަ ހިޔާލުތަފާތުވުންތަކެއް އުފެދި ހަމަނުޖެހުންތަކެއް ހިނގައިދިޔައިރު ވެސް ފަތުވާ މަޖިލީހުގެ ކޯރަމް ހަމަނުވާތީ އެ މަޖިލީހުން އެއްވެސް ފަތުވާއެއް ނެރެފައި ނުވެ އެވެ.

ގާނޫނުގައި މިހާރު އޮތް ގޮތް

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ (7) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ދިނުމަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. އެ މާއްދާގެ (ށ) ގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކަށް ވެސް އިސްތިޝާރީ ލަފާ ދޭނީ އެ މަޖިލީހުންނެވެ.

ފިގުހީ މައްސަލަތަކުގައި ދިވެހިންނަށް ފަތުވާ ދޭން ޖެހޭ މައްސަަލަތަކަކީ ކޮބައިކަން ދެނެގަތުމަކީ ވެސް އެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. ކޮވިޑް ދުވަސްވަރު ނެރުނު ފަތުވާތަކާއި އެނޫން ބައެއް ފަތުވާ ވެސް އެ މަޖިލީހުން ނެރުނީ އެ އުސޫލުންނެވެ.

ހިޔާލުތަފާތުވާ މައްސަލަތަކުގައި ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތަކީ ހަމަ އެކަނި ފަތުވާ ނެރުމެއް ވެސް ނޫނެވެ. ދީނީ ހިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކައި ހިޔާލު ހޯދައި މަޝްވަރާކުުރުމަކީ ވެސް ފަތުވާ މަޖިލީހުގެ ގާނޫނީ މަސްއޫލިއްޔަތެކެވެ.