7 ސެޕްޓެންބަރު 2022 - 13:01 1
މުހައްމަދު އުޝާމް
7 ސެޕްޓެންބަރު 2022 - 13:01 1
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ސަކަރާތް ޖަހާތީ އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ދެއްވައިފި އެވެ.
ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ކުރާ ބައެއް ސުވާލުތަކަށް ދިފާއުން އިއުތިރާޒު ނަންގަވައި ތަކުރާރުކޮށް ހެކިވެރިޔާއަށް ދައުލަތުގެ ވަކީލުން "ފުރައްސާރަ ކުރަމުންދާ" ކަމަށް ވިދާޅުވި އެވެ. އެ ގޮތަށް ނެގުމުގެ އިއުތިރާޒެއްގެ ތެރެއިން ދައުލަތުގެ ވަކީލުން ހީ ހެދި އެވެ.
މި މައްސަލަ ބައްލަވާ، އިސް ގާޒީ ޝަކީލް ދެން ވިދާޅުވީ ޝަރީއަތުގެ މަޖިލީހަކީ ހީ، ސަކާރާތް ޖަހާ މަޖިލީހެއް ނޫން ކަމަށާއި ދައުލަތާއި ދިފާއުގެ ވަކީލުން ވެސް ވަކީލުންގެ ސުލޫކީ މިންގަނޑާ އެއް ގޮތަށް ޝަރީއަތުގެ މަޖިލީހުގައި އަމަލުތައް ބަހައްޓަވަން ވާނެ ކަމަށެވެ.
"ދައުލަތުގެ ވަކީލުން، މިއީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން އިނގޭތޯ. އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކޮއްޓާ، ހީ ސަރަކާތް ޖަހާ މަޖިލީހެއް ނޫން މިއީ. އެފަދަ ކަމެއް ކުރައްވާ ނަމަ ޝަރީއަތުން ޖެހޭނީ އެ ވަކީލަކާ ދޭތެރޭގައި ފިޔަވަޅު އަޅާ، އެ ވަގުތަކު އަމަލު ކުރަންޖެހޭ ގޮތަކަށް އަމަލުކުރަން" ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް ނެގުމެވެ. ނަރީޝް ހެއްކެއްގެ ގޮތުގައި ހުށަހެޅީ ޔާމީންގެ ފަރާތުންނެވެ. އެއީ ޔާމީނާއި ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ބުނެދިނުމަށެވެ.
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ފަދަ ބޭފުޅުން ވެސް މި މައްސަލައިގެ ޝަރީއަތަށް ހެކިބަސް ދީފައިވެ އެވެ.
Comment