4 ސެޕްޓެންބަރު 2022 - 11:32 0
އެމްޓީސީސީ ނޯތު ލީގު ދެ ވަނަ ޑިވިޝަން ފަހު މެޗުގައި އަލިފުށްޓާއި އުނގޫފާރު ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)
4 ސެޕްޓެންބަރު 2022 - 11:32 0
އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީގެ ފަހު މެޗުގައި ރ. އަލިފުށި ރެކްރިއޭޝަން ކްލަބާ 0-0 އިން އެއްވަރުކޮށް، އުނގޫފާރު އެފްސީން އެއް ވަނަ ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުުޅުނު މެޗަށް ނުކުތްއިރު ވެސް އަލިފުށްޓާއި އުނގޫފާރަށް ވަނީ ނޯތު ލީގު ފުރަތަމަ ޑިިވިޝަނުގެ ފުރަތަމަ ދެ ޖާގަ ޔަގީންވެފަ އެވެ.
މަޝްހޫރު ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ކުޅުނު އުނގޫފާރުން ގްރޫޕް މެޗުތައް ނިންމާލީ މެޗަކުން ބަލިނުވެ، ހަތަރު މެޗުން ހަ ޕޮއިންޓާ އެކު އެވެ. އަލިފުށްޓަށް ދެ ވަނަ ލިބުނީ ހަތަރު މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. އަހުމަދު ނިމާދު (ނިމާ)ގެ ކޯޗުކަމުގައި ކުޅުނު ދުވާފަރު ޓީމު ތިން ޓީމުގެ ގްރޫޕުގެ ފުލުން ނިންމާލިއިރު، އެ ޓީމަށް ވަނީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ.
އެމްޓީސީ ނޯތު ލީގުގެ ފުރަތަަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ ޓީމުތަކަށް ބަލާއިރު، އަލިފުށްޓާއި އުނގޫފާރުގެ އިތުރުން ދެން ހިމެނެނީ، ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ޔުނިޓީ ސްޕޯޓްސް، ކެނދިކުޅުދޫ ފުޓްބޯލް ކްލަބް އަދި ޓީމު ހޮޅުދޫ އެވެ.
އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.
ކޮންމެ ޒޯނެއްގައި ވެސް އެއް ވަނަ ޑިވިޝަނާއި ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނާނެ އެވެ.
އެފްއޭއެމުން ދެން އެންމެ އަވަހަށް ފަށާނީ ސެންޓްރަލް ޒޯންގެ މެޗުތަކެވެ. އެންމެ އަވަހަށް ކުޅެން ރޭވިފައި އޮތީ ސެންޓްރަލް ޒޯންގެ ބ. އަތޮޅުގެ މެޗުތަކެވެ. މެޗުތައް ހޯސްޓްކުރަން ހަމަޖައްސާފައިވަނީ އޭދަފުށީ ޓާފް ދަނޑެވެ.
Comment