އެއްބަސްވުމާ ހިލާފުވުމުން އެފްއޭއެމުން އެސްޓީއޯ އަށް 1.5 މިިލިއަން ރުފިޔާ ދޭން ޖެހިއްޖެ

އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބައްސާމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބައްސާމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް އިން މުޅި ރާއްޖެ އަށް ފުޅާކޮށް، ދިވެހި ޕްރިމިއާ ލީގު ބާއްވަން ބުނެ، ސައުތު ލީގުގެ ސްޕޮންސަރުންގެ ގޮތުގައި އެސްޓީއޯ ހަމަޖައްސައި، ސޮއިކުރި އެއްބަސްވުމާ ހިލާފުވެފައިވާތީ، އެސްޓީއޯ އަށް 1،5 މިލިއަން ރުފިޔާ ދޭން ޖެހިއްޖެ އެވެ.

މީގެ އެއް އަހަރު ކުރިން، 2022 ވަނަ އަހަރު، އެފްއޭއެމުން ވަނީ 2023/24 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު އޮންނާނީ މުޅި ރާއްޖެ އަށް ފުޅާކުރެވިގެންދާ ގޮތަށް ކަމަށް ބުނެ، އާ ފޯމެޓެއް އިއުލާނުކޮށްފަ އެވެ.

އެ ފަހަރު، އިއުލާނުކުރި ފޯމެޓްގައިވާ ގޮތުން، ރާއްޖެ ބެހިގެންދަނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ. މި ޒޯންތަކުން އަންނަ ޗެމްޕިއަން ޓީމުތައް ހިމެނޭ ގޮތަށް، 2023/24 ވަނަ އަހަރު، ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާނީ މިހާރު ފުރަތަމަ ޑިވިޝަންގައި ހިމެނޭ ޓީމުތަކާ (8 ޓީމާ) އެކު، ޖުމްލަ 12 ޓީމުގެ ލީގެއް ކަމަށް އޭރު އެފްއޭއެމުން ހާމަކުރި އެެވެ.

އެކަމަކު، މިހާރު މި ލީގުގެ އެއްވެސް ހިލަމެއް ނެތެވެ. އެފްއޭއެމް އޮތީ މާލީ ގޮތުން އަޑިގަނޑެއްގައި، ބަނގުރޫޓްވާ ހާލަތުގަ އެވެ.

އެފްއޭއެމުން ވަނީ މީގެ ކުރިން، ނޯތު ޒޯން އާއި ސެންޓްރަލް ޒޯންގެ މެޗުތައް ކުރިއަށްގެންގޮސްފަ އެވެ. މުބާރާތް ހުއްޓުނީ ސައުތު ޒޯން ބާއްވަން އިއުލާނުކޮށްފައި އޮއްވަ އެވެ.

ސައުތު ޒޯންގެ ލީގުގެ ސްޕޮންސަރަކަށް އެސްޓީއޯއާ އެކު، 18 އޮކްޓޫބަރު 2022 ވަނަ އަހަރު އެފްއޭއެމުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެކަމަކު، އެ މުބާރާތަށް މިހާތަނަށް ވެސް ފެށިފައިނުވެ އެވެ. އެއީ، މާލީ ގޮތުން އެފްއޭއެމް ނާޒުރު ފައްތަރެއްގައި އޮތުމުންނެވެ.

18 އޮކްޓޫބަރު 2022 ގައި އެފްއޭއެމް އާއި އެސްޓީއޯއާ ދެމެދު ވެވުނު ސްޕޮންސަޝިޕް އެއްބަސްވުމުގެ ތެރެއިން.

އެސްޓީއޯ އިން ސައުތު ލީގުގެ ސްޕޮންސަޝިޕް ފައިސާ ހަމަޖައްސައިދީފައިވަނިކޮށް، އެ މުބާރާތް މިހާތަނަށް ނުބޭއްވި އޮތީ، އެ މުބާރާތް ސްޕޮންސަކުރުމަށް އެ އެސޯސިއޭޝަނަށް ދިން ފައިސާ ވެސް އެހެން ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް ތުހުމަތުތަކެއް އަމާޒުވި އެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ވަނީ އޮގަސްޓް މަހު ތެރޭގައި ސައުތު ލީގު ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އެ ތާރީހު ފަހަނައަޅައި ދިޔައީ އެއްވެސް ކަމެއް ނުފެށި އެވެ.

އެސްޓީއޯ އިން މި މަހު ހަ ވަނަ ދުވަހު، އެފްއޭއެމް އަށް ވަނީ ސްޕޮންސަޝިޕް އެގްރީމެންޓް އުވާލިކަމުގެ ލިޔުން (ސްޕޮންސަޝިޕް ޓާމިނޭޝަން ނޯޓިސް) ފޮނުވައިފަ އެވެ. އެ ލިޔުމުގައި ބުނެފައިވަނީ، އެފްއޭއެމް ސައުތު ލީގު ސްޕޮންސަކުރުމަށް އެސްޓީއޯއާ އެކު އެފްއޭއެމުން ވި އެއްބަސްވުމާ އެއްގޮތަށް އެ އެސޯސިއޭޝަނުން އަމަލުކޮށްފައިނުވާ ކަމަށެވެ.

އެހެންވެ، އެގްރީމެންޓްގައި ބަޔާންކޮށްފައިވާ ގޮތަށް، އެއްބަސްވެވުނު ކަންކަން އެފްއޭއެމަށް ފުރިހަމަ ނުކުރެވިއްޖެ ހިނދު، 1.5 މިލިއަން ރުފިޔާ (ސްޕޮންސަޝިޕްގެ ގޮތުގައި އެފްއޭއެމް އަށް ކުރިން ދެވުނު ފައިސާ)، މި ނޯޓިސް ލިބޭތާ 15 ދުވަސް ތެރޭ އަނބުރާ ދެއްކުމަށް އެސްޓީއޯ އިން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ.

އެފްއޭއެމުން އެއްބަސްވުންތަކާ ހިލާފުވެގެން ގިނަ ކުންފުނިތަކަކުން ވަނީ އެ އެސޯސިއޭޝަން ގޮވައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ބައެއް މައްސަލަތަކުގައި އެފްއޭއެމާ ދެކޮޅަށް ހުކުމްކޮށް ފައިސާ ދައްކަން އެންގި ނަމަވެސް އެ އެސޯސިއޭޝަންގެ މާލީ ހާލަތު އޮތްގޮތުން ކޯޓުގެ އަމުރާ އެއްގޮތަށް އަމަލުކުރެވެން ވެސް ނެތެވެ.

ފީފާ އާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން، ރާއްޖޭގެ ފުޓްބޯޅަ އަށް ހަރަދުކުރަން ފޮނުވާ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް އާއި އެ އެސޯސިއޭޝަންގެ އެކި ވެރިން ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަމުރަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި ވަރަށް އަވަހަށް އެފްއޭއެމްގެ ރައީސް ބައްސާމް އާއި އެ ތަނުގެ ބައެއް ވެރިންނަށް ދައުވާ ކުރަން ފޮނުވާނެ ކަމަށާއި، އެކަން ކުރަން އެކަށީގެންވާ މިންވަރަށް ހެކިތަކެއް ލިބިފައިވާ ކަމަށް ފުލުހުންނާއި ޕީޖީ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox