2 ސެޕްޓެންބަރު 2022 - 07:03 0
އުނގޫފާރާއި ދުވާފަރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)
2 ސެޕްޓެންބަރު 2022 - 07:03 0
އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީން ރ. އުނގޫފާރު އެފްސީ އާއި އަލިފުށި ރެކްރިއޭޝަން ކްލަބް އެ ޒޯނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދިއިރު، ދުވާފަރު ސްޕޯޓްސް ކްލަބް ކަޓައިފި އެވެ.
ބާކީ އެއް މެޗު އޮއްވައި، އުނގޫފާރާއި އަލިފުށްޓަށް ނޯތު ލީގުގެ ފުރަަތަމަ ޑިވިޝަނުން ފުރުސަތު ލިބުނީ، އިއްޔެ އުނގޫފާރާއި ދުވާފަރު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވުމުންނެވެ. ތިން ޓީމު ވާދަކުރާ ގްރޫޕް ޑީގައި އިއްޔެ ކުޅުނު މެޗަށް ފަހު ދުވާފަރަށް ވަނީ މެޗުތައް ނިމިފަ އެވެ.
ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓް ހޯދާފައިވާ އުނގޫފާރެވެ. ހަތަރު ޕޮއިންޓް ހޯދާފައިވާ އަލިފުށި ދެ ވަނައިގައި އޮތްއިރު، ތިނެއްގައި އޮތީ ދެ ޕޮއިންޓް ހޯދާފައިވާ ދުވާފަރެވެ. މި ގްރޫޕްގައި ދެން އޮތީ މާދަމާ ހަވީރު އަލިފުށްޓާއި އުނގޫފާރު ކުޅޭ މެޗެވެ. އުނގޫފާރު ޓީމުގެ ކޯޗަކީ، ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަކަށް އިރުޝާދުދީފައިވާ ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ. ކޮންމެ ޒޯނެއްގައި ވެސް އެއް ވަނަ ޑިވިޝަނާއި ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނާނެ އެވެ.
އަލިފުށްޓާއި އުނގޫފާރާ އެކު، ޒޯން އެކެއް (ނޯތު ޒޯން)ގެ ފުރަތަމަ ޑިިވިޝަންގެ ޖާގަތައް މި ވަނީ ފުރިހަމަވެފަ އެވެ. އެމްޓީސީ ނޯތު ލީގުގެ ފުރަތަަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ ޓީމުތަކަށް ބަލާއިރު، އަލިފުށްޓާއި އުނގޫފާރުގެ އިތުރުން ދެން ހިމެނެނީ، ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ޔުނިޓީ ސްޕޯޓްސް، ކެނދިކުޅުދޫ ފުޓްބޯލް ކްލަބް އަދި ޓީމު ހޮޅުދޫ އެވެ.
އެފްއޭއެމުން ނޯތު ޒޯންގެ މެޗުތައް ނިންމާލުމަށް ފަހު ދެން ފަށާނީ ސެންޓްރަލް ޒޯންގެ މެޗުތަކެވެ.
Comment