Advertisement

ހަދީޖާ: އަލިކަން ނެތް ހަޔާތުގައި ބަނަކަމުގެ އިހުސާސެއް ނެތް

3 ސެޕްޓެންބަރު 2022 - 09:39 1

ށ. ފީވައް

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ހަދީޖާ މި ނޫހުގެ ނޫސްވެރިންނާ ވާހަކަ ދައްކާއިރު ހިނިތުންވެފައި: އޭނާގެ ލޮލުގެ ފެނުން ގެއްލުނީ އުމުރުން 27 އަހަރުގައި ސިކުނޑިއަށް ދިމާވި މައްސަލައެއްގެ ސަބަބުން -- ފޮޓޯ: އައިމިނަތު އިބްރާހިމް/އަދަދު


ހަދީޖާ: އަލިކަން ނެތް ހަޔާތުގައި ބަނަކަމުގެ އިހުސާސެއް ނެތް

3 ސެޕްޓެންބަރު 2022 - 09:39 1

ށ. ފީވައް

ށ. ފީވަކު ބުލޫރެސްޓް ގޭ މަގަށް ލަނބައިލި އިރު، އެގޭގައި، މަގަށް ކުރިމަތިލައިގެން އިނދެވޭގޮތަށް ހަދާފައިވާ އަސްކަނީގައި މޭޒަކާއި ގޮނޑިއެއް އަޅައިގެން، ކިލައިން ތެތްވެފައިވާ ދެ އަތުން ފަރިތަކަމާއެކު ފަންގި ވިނުމުގެ މަސައްކަތުގައި ބުރަކޮށް އިން ޒުވާނާ، އަހަރެމެންގެ އަޑު ޖެހުމުން ދިމާއަށް ބަލާލާފައި ހިނިތުންވެލި އެވެ.

އެއީ، 32 އަހަރުގެ މިރަށު ހަދީޖާ މުހައްމަދެވެ. ކުރަން އިން މަސައްކަތުގެ ގޮތުންނާއި، ދިމާއަށް ބަލާފައި ވާހަކަ ދައްކަން ފެށި ގޮތުން، ނުދަންނަ މީހަކަށް އޭނާއަކީ ލޯފަން މީހެކޭ ބުނަން ފަސޭހައެއް ނުވާނެ އެވެ. އެކަމަކު ލޮލުގެ ނޫރު ގާތްގަނޑަކަށް މުޅިން ގެއްލި، މި ދުނިޔެއެއްގެ ކުލަ އާއި ތަސްވީރު ދެ ލޮލަށް ފަހުމް ނުވާތާ މިހާރު، އޭނާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅަށް ދޮޅު އަހަރުން ފެށިގެން މިހިނދަށް ވީހައި ދުވަހެއް ވެއްޖެ އެވެ.

"އަލިކަން ނެތް" ހަޔާތެއްގައި "ބަނަ" ކަމުގެ އިހުސާސް ނެތި ދިރިއުޅެން ޖެހުމަކީ މިދުނިޔޭގައި ހަދީޖާ އަށް ކުރިމަތިކުރެއްވި އިމްތިހާނެވެ. ކުރަމުން އެދަނީ، މި އިމްތިހާނެއްގައި ވަރުބަލި ނުވެ، އިންޗިއަކަށް ނަމަވެސް ހިތްވަރު ދޫނުކޮށްލަން ކުރާ މަސައްކަތެވެ. ދަރިއަކަށް ހެޔޮ މުސްތަގުބަލެއް ހޯދައިދޭން މަޔަކު ކުރާނެ ހިއްމަތެވެ.

ހަދީޖާ ކިޔައިދިން ގޮތުން ނަމަ، އޭނާގެ ލޮލަށް، ކުރިން ނުވާ އުނދަގޫތައް ވާން ފެށީ 2017 ވަނަ އަހަރު ފެށިގެން މާގިނަ ދުވަހެއް ނުވެ އެވެ. ކުއްލިއަކަށް އެއް ރެއަކު ލޮލުން ފެން އަންނަން ފެށި ގޮތަށް، އެކަން ނުހުއްޓި، މަޑުމަޑުން ފެނުން ދަށްވަމުން ގޮސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލޮލުގެ އަލިކަން އެއްކޮށް ކަހަލަ ގޮތަކަށް ފަނޑުވީ އެވެ.

"ކުރިމަތީގައި މީހަކު އިންނައިރު ހިޔަނި އެނގޭ. އަލި ތަނަކަށް ނިކުމެވުނީމަ އަލިކަން އެނގޭ. އަނދިރި ތަނަކަށް ދެވުނީމަ އަނދިރިކަން އެނގޭ. އެކަމަކު ހުދު ކުލައެއް، ކަޅު ކުލައެއް ވަކިކުރާކަށް ނޭނގޭ،" ހަދީޖާ ކިޔައިދިނެވެ.

ލޮލުން ފެން އައިސް، ވަރަށް ބޮޑަށް ހިރުވާފައި ފެނުން މާ ބޮޑަށް ފުސްވާން ފެށުމުން މާލެއަށް އައިސް ޑޮކްޓަރަށް ދެއްކުމުން ބުނީ ސިކުނޑީގެ ތެރޭގައި ފެން ހެދޭތީ ވާ ގޮތެކޭ އެވެ. އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަށް އޮޕަރޭޝަނެއްކޮށް، އެ ފެންތައް ބޭރުވާނެ ގޮތް ހެދުމަށް ސިކުނޑިއަށް އާލާތެއް ލެއްވުން ކަމަށް ވެސް ޑޮކްޓަރުން އިރުޝާދު ދިނެވެ.

"އެހެންވެ އަވަހަށް ބޭރަށް ފުރަން އުޅުނީމަ، މާލެ ކޮޅުން ވެސް އޮޕަރޭޝަން ކުރެވޭނެކަމަށް ޑޮކްޓަރުން ބުނީ، ދެން މާލޭން އޮޕަރޭޝަނަށް ތައްޔާރުވީ. ހެދުން ވެސް ބަދަލުކޮށްގެން ރެޑީވެގެން އޮއްވާ ޑރ. ނިޔާފް އައިސް ވިދާޅުވީ، ސިކުނޑިއަށް ލައްވާނެ ޝަންޓެއް މިތާކު ނެތޭ. އެހެންވީމަ، މިއޮތީ އާސަންދަ ދީފައޭ، ދާށޭ ބޭރަށް. ދެން ދިޔައީ ރާއްޖޭން ބޭރަށް،" ހަދީޖާ ބުންޏެވެ.

"ދެން ގޮސް، އޮޕަރޭޝަން ކުރީ ސިކުނޑީގައި ފެން އުފެދޭތީ، ގިނަވާ ފެން ބޭރުކޮށްދިނުމަށް ޝަންޓް (ހޮޅިއެއް) ލައްވަން. އެއަކުން ފެނުމަށް އައި ހެޔޮ ބަދަލެއް ނެތް. ފެނުން ހަމަ ގޯސްވަމުން ދިޔައީ."

އޭނާ ބުނީ، ލޮލުގެ ފެނުން އަނބުރާ އިއާދަކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. އިންޑިއާ އިން ވެސް، ބެންކޮކުން ވެސް ދިނީ އެ ޖަވާބު ކަމަށެވެ. ރެޓިނާ ޓްރާންސްޕްލާންޓްކޮށް ލޮލުގެ ނާރުތައް ފަސޭހަކުރެވޭނެ ވަރުގެ ކުރިއެރުމެއް އަދި ޒަމާނީ ބޭސްވެރިމުގައި ހޯދިފައި ނުވާ ކަމަށެވެ.

ހަދީޖާ އޭނާގެ ބަދިގޭގައި: ގޭގެ ކަންކަން ކުރުމާއި ފަންގި ވިނުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން. ބަދިގެ އާއި ގޭގައި ހިފާ ގެންގުޅޭ ތަކެތި ވަކި ތަރުތީބަކުން ގެންގުޅުމުން އުޅޭއިރު ފަސޭހަވާ ކަމަށް ބުނޭ


އެހެންވީމާ، ގެއްލުނު ފެނުން ލިބޭނެކަމުގެ އުންމީދުގައި، އެ ހިތާމާގައި ހިތް މަރާލަން ބޭނުން ނުވާތީ އަވަހަށް އެނބުރިގަތީ މިންވަރުކުރެއްވި މަގުން، މާޔޫސްކަމެއް ނެތި ދިރިއުޅުމާގެން ކުރިއަށް ހިނގައިގަތުމަށެވެ.

އެކަމަކު ފެނުން ގެއްލުނު ދަނޑިވަޅުގައި ހަޔާތުން ލޯބި ބީވެ، އަނިޔާ އާއި ބިކަކަން ލިބުނު ވަގުތު، އެހީތެރިވާނެ އާއިލާއެއް އޮތަސް، އެކަނި ކުޑަ ދަރިފުޅާއެކު އޭނާގެ ކުރިއަށް އޮތީ ޔަގީނުން ވެސް ފަސޭހަ މަގެއް ނޫނެވެ.

"ކުޅަދުންވަންތަ ރަސްކަލާންގެ އެއްވެސް އަޅަކަށް ދެރަ ގޮތެއް މިންވަރު ނުކުރައްވާނެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތް އޮންނާނެ. އޭރުގެ ފިރިމީހާއާ ވަކިވެ، ދިރިއުޅުން ބަދަލުވުމާއެކު، ދެން މަސައްކަތްކުރީ އެ ބަދަލުތަކާ އެކު ދިރިއުޅެން، ދަރިފުޅަށް ހެޔޮ މުސްތަގުބަލެއް އޮތީ އެ އުންމީދުގައި ކަމަށް ވާތީ." ހަދީޖާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އެހާ ހިސާބުން ފަންގި ވިނުމުގެ މަސައްކަތް ފެށީ. އެކަކު ވެސް ހިއެއް ނުކުރޭ ކުރެވޭނެ ކަމަކަށް. އެކަމަކު އެ ފެށި ގޮތަށް، އިހަށް ދުވަހާ ހަމައަށް ދުވާލަކު ތިން ބޮނޑި ވެސް ވިންނަން."

ފެނުން ގެއްލި، 2017 ވަނަ އަހަރު އޭރުގެ ފިރިމީހާއާ ވަކިވި ފަހުން، އާމްދަނީ ހޯދަން އޭނާ ކުރާ މަސައްކަތަކީ އެއީ އެވެ. ފަން ވިޔެގެން ރިސޯޓުތަކަށް ވިއްކަނީ އެވެ.

މި ހިސާބަށް ވާހަކަ ދިޔަތަނާ، ވިޔެ ނިންމާފައި ގޯންޏަށް ލާފައި އަސްކަނީގެ އެއްކޮޅުގައި ބަހައްޓާފައި ހުރި ހުރި ފަން ބޮނޑިތަކަށް އިޝާރާތްކުރަމުން، ޖެހިގެން ހުރި ކުޑަ ގޯނީގައި ހުރި އޮށްކެޔޮ ދައްކާފައި ބުނީ، ލޮލަށް ނުފެނުނަސް، މަދު ފަޅަން ވެސް އެނގޭ ކަމަށެވެ. އަދި ބަދިގޭގައި ކައްކައި، ގޭތެރޭގެ ކަންކަން ވެސް އުނދަގުލެއްނެތި ކުރެވޭ ކަމަށެވެ. ރަށުގައި ތަނަކަށް ދާންޖެހޭ ނަމަ، އެކަނި ވެސް ކައިރި ތަންތަނަށް ގޮސް އުޅޭ ކަމަށެވެ. އެކަނި ދާން އުނދަގޫ ތަންތަނަށް އޭނާ ގެންގޮސްދެނީ އެންމެ ހިތްހެޔޮ ހަތް އަހަރުގެ ދަރިފުޅު ސަލްމާނު ކަމަށެވެ.

"ސަލްމާނަށް މިހާރު އެނގޭ މިރަށުގެ ހުރިހާ މަގެއް. ހުރިހާ ތަނެއް. އެއީ ވަރަށް ފައްކާ ކުއްޖެއް،" ހިނިގަނޑަކާ އެކު ހަދީޖާ ބުންޏެވެ. "މި އަހަރު މީހަކާވެސް އިނދެފިން. މިހާރު އިނދެގެން އުޅޭ މީހާ ވަރަށް ރަނގަޅު. ދަރިފުޅަށް ވެސް ވަރަށް ރަނގަޅު. އިރާދަކުރެއްވިއްޔާ ކަންކަން ހައްތަހާ ފަސޭހަވަމުން އަންނަނީ."

ފަންގިވިޔުމުގެ އިތުރަށް އޭނާ މިހާރު އެންމެ ކުރާހިތުން ކުރަނީ ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތެވެ. އިސްލާމިކް ޔުނިވަސިޓީގެ ހިފްޒު ކުލާހެއްގައި ބައިވެރިވެގެން އެކަމުގައި ވެސް ހިސާބަކަށް މިހާރު އޭނާ އަށް އާދެވިއްޖެ އެވެ.

"ހަތަރު ފޮތެއްހާ ވަރު އަދި މުޅިން ދަސްވީ. ބޭނުމަކީ، ވަޒީފާއަކަށް ތަނަކަށް ނުދިޔަ ނަމަވެސް ދަރިފުޅަށް އަމިއްލަ އަށް ކިޔަވައިދެވޭ ވަރަށް ގާބިލުވުން."

އޭނާ ބުންޏެވެ. މީހަކަށް ހާލެއް ޖައްސަވާއިރު އެ ހާލުން އަރައިގަތުމުގެ ބާރު ވެސް އެމީހަކަށް ދެއްވަ އެވެ. ހިތްވަރާއެކު މަސައްކަތްކުރުމުން ކާމިޔާބު ލިބޭނެ އެވެ. ކިތަންމެ ބޮޑަސް، ކިތަންމެ ކުޑަޔަސް، ދިމާވާ ކަންކަމުގައި އުންމީދާއި ހިތްވަރު ދޫކޮށްގެން ނުވާނެ އެވެ.