29 އޮގަސްޓު 2022 - 00:07 0
އަލިފުށްޓާއި އުނގޫފާރު މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)
29 އޮގަސްޓު 2022 - 00:07 0
އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުން ހޯސްޓް، ރ. އަލިފުށި 1-0 އިން ބަލިކޮށް ރ. އުނގޫފާރުން ގްރޫޕްގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ތިން ޓީމު ވާދަކުރާ ރ. އަތޮޅުގެ ގްރޫޕްގައި ފުރަތަމަ މެޗުން އަލިފުށްޓާއި ދުވާފަރު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި ދުވާފަރާއި އުނގޫފާރުގެ މެޗު ވެސް ނިމުނީ 2-2 އިންނެވެ. ތިން ވަނަ މެޗުގައި މިއަދު އަލިފުށި ބަލިކޮށް އުނގޫފާރުން މި ވަނީ ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދުމާ ގާތަށް ޖެހިލައިފަ އެވެ.
އަލިފުށީ ޓާފް ދަނޑުގައި މިއަދު ކުޅުނު މެޗުގެ ހަމައެކަނި ގޯލު މެޗުގެ 16 ވަނަ މިނިޓްގައި އުނގޫފާރު ޓީމަށް ޖަހައިދިނީ އެ ޓީމަށް ކުޅޭ އުޒްބެކިސްތާންގެ މިޑްފީލްޑަރު، އުމަރުޔޯނޯފް އަހްރޯރް އެވެ. އަލިފުށީ ކުޅުންތެރިއަކު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރި ވަގުތެއްގައި އެ ޓީމުގެ ހާފުގެ ތެރެއިން އޭނާ އަތުން ބޯޅަ ގެއްލުމުން އެ ބޯޅަ ހޯދީ އަހްރޯރް އެވެ. ކުރިން ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ އަށް ކުޅުނު އަހްރޯރް، ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުވިއިރު، އަލިފުށީގެ ގޯލްކީޕަރު އަބްދުއްސައްދާދު އާދަމް އަށް އެ ބޯޅަ ނުހުއްޓުވުނެވެ.
މެޗުގެ ބާކީ ބައިގައި އަލިފުށިން ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅޭ އުނގޫފާރު ޓީމުން ވަނީ އަލިފުށީގެ އެޓޭކްތައް ހުއްޓުވުމުގައި ރަނގަޅަށް ޑިފެންސްކޮށް މޮޅެއް ހޯދައިފަ އެވެ.
ނޯތު ލީގު ދެ ވަނަ ޑިވިޝަން ގްރޫޕް ޑީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، އެއް ވަނައިގައި އުނގޫފާރު އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ދެ ޕޮއިންޓާ އެކު ދުވާފަރު އޮތްއިރު، ތިން ވަނައިގައި އޮތް އަލިފުށްޓަށް ލިބުނީ އެއް ޕޮއިންޓެވެ. މި ގްރޫޕްގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އަދި އެއް ފަހަރު ކުޅޭނެ އެވެ. އެ އަށް ފަހު އެންމެ ކުރީގައި ނިންމާ ދެ ޓީމެއް ކޮލިފައިވާނީ ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނަށެވެ.
މި ގްރޫޕްގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު، އުނގޫފާރު ކުޅޭނީ އަލިފުށްޓާ އެވެ.
Comment