27 އޮގަސްޓު 2022 - 11:09 1
ފާތިމަތު ސާޔާ އަހުމަދު
ކޮނުމުގެ މަސައްކަތުގައި އުޅޭ ޕެލިއޮންޓޮލޮޖިސްޓުންގެ ޓީމު. -- ފޮޓޯ: ލިޒްބަން ޔުނިވާސިޓީ
27 އޮގަސްޓު 2022 - 11:09 1
ޕޯޗުގަލްގެ ޕޮމްބާލް ސިޓީގައި ގެޔެއް ހެދުމަށް ގޯތިތެރެ ކޮންނަނިކޮށް ބޮޑު ޑައިނަސޯ ކަށިގަނޑެއް ފެނިއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިއީ މިހާތަނަށް ޔޫރަޕުން ފެނުނު އެންމެ ބޮޑު ޑައިނަސޯ ކަށިގަނޑަށް ވުން އެކަށީގެންވެ އެވެ.
ޑައިނަސޯގެ ބާވަތެއް ކަމުގައިވާ ސޯރޮޕޮޑްގެ ކަށިގަނޑުގެ ބައިތައް ފެންނަން ފެށީ ގެ ހެދުމުގެ މަަސައްކަތަށް ކޮންނަނިކޮށް 2017 ގަ އެވެ.
ސޯރޮޕޮޑްއަކީ ޑައިނަސޯތަކުގެ ތެރެއިން އެންމެ ބޮޑު ބާވަތެވެ. އަދި އެއީ މިހާތަނަށް އެއްގަމުގައި އުޅުނު އެންމެ ބޮޑު ޖަނަވާރު ކަމަށް ސައިންސްވެރިން ބުނެ އެވެ.
ދިގު ކަރަކާއި ނިގުލެއް ހުންނަ ސޯރޮޕޮޑް ހިނގުމަށް ހަތަރު ފައި ހުރެ އެވެ. އެ ޑައިނަސޯ ކައި އުޅުނީ ގަހުގެ ބާވަތްތައް ކަމަށް ބެލެވެ އެވެ.
މި މަހުގެ ކުރީކޮޅު ސްޕެއިން އާއި ޕޯޗުގަލްގެ ޕެލިއޮންޓޮލޮޖިސްޓުންގެ މަސައްކަތުން ވަނީ މޭކަށިގަނޑާއި މައިބަދައިގެ ބައިތަކާ ހަމައަށް ކޮނެފަ އެވެ.
ބެލެވޭ ގޮތުގައި އެއީ ބްރިކިއޮސޯރިޑް ސޯރޮޕޮޑް އެކެވެ. އެއީ 12 މީޓަރު ދިގު އަދި 25 މީޓަަރު ފުޅާ އެއްޗެކެވެ.
ކޮންނަމުންދާ އިރު ފެންނަ ގާތަކާއި ފަސްގަނޑަށް ބަލާ އިރު އެއީ 150 މިލިއަން އަހަރު ކުރިން ދިރިއުޅުނު ޑައިނަސޯއެއް ކަމަށް ބެލެވެ އެވެ.
Comment