Advertisement

ރަހިމުގައި އަންހެނުންނާއި ފިރިހެނުންގެ ސިކުނޑި އުފެދޭ ގޮތް ތަފާތު

about 2 hours 0


ރަހިމުގައި އަންހެނުންނާއި ފިރިހެނުންގެ ސިކުނޑި އުފެދޭ ގޮތް ތަފާތު

about 2 hours 0

މައިމީހާގެ ރަހިމުގައި ތުއްތު ދަރިފުޅު އުފެދިގެން އަންނަ އިރު، އެކުއްޖާގެ މައިންބަފައިން އެންމެ ބޮޑަށް އިންތިޒާރުކުރާނީ، އެއީ ކޮން ޖިންސެއްގެ ކުއްޖެއްކަން ދެނެގަތުމަށެވެ. އެއީ އެ ދެމަފިރިންގެ އުންމީދަކާ ގުޅިފައި އޮތް އިންތިޒާރަކަށް ވެސް ވެދާނެއެވެ. ނަމަވެސް ޑޮކްޓަރުންނަށް ވެސް ތުއްތު ކުއްޖާގެ ޖިންސު ދެނެގަނެވެނީ ވަކިވަރަކަށް އެ ކުއްޖާގެ ގުނަވަންތައް ފާޅުވާން ފެށުމުންނެވެ.

ރަހިމުގައި އެ ދަރިފުޅު ގަރުބަގަންނަ ހިނދުން ފެށިގެން، އެ ކުއްޖާ އުފެދި ބޮޑުވަމުން އަންނާނީ އެ ކުއްޖެއްގެ ޖިންސާ އެކަށޭނަ ގޮތަށްކަން ބުއްދީގެ ހަމަތަކުން ގަބޫލުކުރަންޖެހެއެވެ. އެ ގޮތުން އެ ކުއްޖެއްގެ ގުނަވަންތަކުގައި ސިފަ ޖެހި ހަށިގަނޑަށް ބައްޓަމާއި ކިއްސަރު އަންނަމުން ދާނީ، އެ ކުއްޖެއްގެ ޖިންސާ އެކަށޭނަ ގޮތަށެވެ. އެތެރެ ހަށީގެ ގުނަވަންތައް ވެސް ހަމަ އެފަދައެވެ.

ސައެންސްވެރިން ދާދި ފަހުން ކުރި ދިރާސާއަކުން ކަށަވަރު ކުރެވުނީ، މައިމީހާގެ ރަހިމުގައި ދަރިފުޅު އުފެދިގެން އަންނަ މަރުހަލާގައި ސިކުނޑި އުފެދެން ފަށާއިރު ވެސް، އަންހެން ކުދިންގެ ސިކުނޑި އާއި ފިރިހެން ކުދިންގެ ސިކުނޑި އުފެދުމުގައި ތަފާތުތަކެއް ހުންނަ ކަމެވެ. ސައެންސްވެރިން މި ދިރާސާ ކުރީ، ބަނޑަށް 4-5 މަހުން ފެށިގެން އުފަންވެ އެއް މަސް ފުރުމާ ހަމައަށް، އެކުދިންގެ ސިކުނޑިއަށް އަންނަ ބަދަލުތައް އަޅާކިޔައިގެންނެވެ.

ކޭމްބްރިޖް ޔުނިވަސިޓީގެ ސައެންސްވެރިން ކުރި މި ދިރާސާގައި، މައިމީހާގެ ރަހިމުގައި ތުއްތު ދަރިފުޅަށް ހަ މަހާއި ފަސް މަހުގައި، އެ ކުދިންގެ ސިކުނޑީގެ ސްކޭން ހަދަން ފަށައެވެ. އެ ދުވަސްވަރުން ފެށިގެން ކަނޑައެޅިފައިވާ ވަކި މުއްދަތުތަކަކުން ސްކޭން ހަދަމުން އައިސް، އުފަންވެ އެއް މަސް ފުރުމާ ހަމައަށް ސިކުނޑީގެ ސްކޭން ހަދައެވެ.

ސައެންސްވެރިން ބުނި ގޮތުގައި، ބަނޑަށް ހަތަރު މަސް ނުވަތަ ފަސް މަހުގައި ވެސް، ދެ ޖިންސުގެ ކުދިންގެ ސިކުނޑީގައި ތަފާތުތަކެއް ހުންނަކަން ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކުރެވެއެވެ. ތުއްތު ކުދިންގެ ޖިންސުގެ ތަފާތުން އެކުދިންގެ ސިކުނޑީގައި ހުންނަ ތަފާތުތައް ފާޅުވާން ފަށާ ދުވަސްވަރަކާ މެދު ސައެންސްވެރިންގެ މެދުގައި ވަރަށް ފުޅާކޮށް ބަހުސް ކުރަމުން އަންނަތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ.

މިކަން ދެނެގަތުމަށް މީގެ ކުރިން ކުރި ދިރާސާތަކުގައި ތުއްތު ކުއްޖާގެ ސިކުނޑީގެ ސްކޭން ހަދަމުން އައީ، އާންމު ގޮތެއްގައި ގުނަވަންތައް ފާޅުވާން ފަށާ އުމުރުގައި ނުވަތަ ބަނޑަށް އަށް ހަފުތާ އާއި 10 ހަފުތާއާ ދެމެދުގައެވެ. ނުވަތަ ތުއްތު ކުއްޖާ އުފަންވުމާ އެކުގައެވެ. ނަމަވެސް މި ދިރާސާތަކުގައި، ބަނޑަށް 10 ހަފުތާއިން ފެށިގެން އުފަންވުމާ ދެމެދުގައި މުއްދަތުގައި އެއްވެސް ސްކޭނެއް ނުހަދާތީ، އެ މުއްދަތުގައި ތުއްތު ކުއްޖާގެ ސިކުނޑިއަށް އަންނަ ބަދަލުތަކެއް ނޭނގެއެވެ.

ކޭމްބްރިޖްގެ ސައެންސްވެރިން މި ދިރާސާ ހެދުމަށްޓަކައި، ތުއްތު ކުއްޖާ މައިމީހާގެ ރަހިމުގައި އޮންނަ މަރުހަލާގެ 800 ސްކޭނާއި އުފަންވުމަށް ފަހުގެ 800 ސްކޭން ހަދައިގެން، ދެ ޖިންސުގެ ކުދިންގެ ސިކުނޑި އުފެދުމުގައި ހުންނަ ތަފާތުތައް ދެނެގަތެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ތުއްތު ކުއްޖާގެ ސިކުނޑިއަށް އެންމެ އަވަސް އަދި ގިނަ ބަދަލުތައް އަންނަނީ އުފަންވުމަށް ތައްޔާރުވަމުން އަންނަ ދުވަސްވަރާއި، އުފަންވާތާ ކުޑަ މުއްދަތެއްގެ ތެރޭގައެވެ.

އެހެން ނަމަވެސް، އެ މަރުހަލާގައި ތުއްތު ކުއްޖާގެ ސިކުނޑިއަށް އެހާ އަވަސް އަދި ގިނަ ބަދަލުތަކެއް އެ އަންނަނީ ކިހިނެއްކަން ދެނެނުގަނެވޭ ކަމަށް ސައެންސްވެރިން ބުނެއެވެ. އަދި ސިކުނޑި އުފެދުމުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ތަފާތުތަކެއް ހުންނަނީ ކީއްވެގެން ކަން ވެސް އަދި ނޭނގެއެވެ.