Advertisement

ހަ އަހަރަށް ފަހު ބްރިޓްނީގެ އާ ލަވައެއް ނެރެފި

27 އޮގަސްޓު 2022 - 10:49 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒް. -- ފޮޓޯ: ފޮކްސް އެންޓަޓެއިންމަންޓް ނިއުސް


ހަ އަހަރަށް ފަހު ބްރިޓްނީގެ އާ ލަވައެއް ނެރެފި

27 އޮގަސްޓު 2022 - 10:49 2

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެމެރިކާގެ ޕޮޕް ތަރި ބްރިޓްނީ ސްޕިއާޒްގެ މުޅިން އާ ލަވައެއް ހުކުރު ދުވަހު ނެރެފި އެވެ.

"ހޯލްޑް މީ ކްލޯޒާ" އަކީ ބްރިޓްނީ އާއި އިނގިރޭސި އާޓިސްޓް އެލްޓަން ޖޯންގެ ޑުއޭ ލަވައެކެވެ. ބްރިޓްނީ ބުނީ އެލްޓަންއާ އެކު ލަވައެއް ކިޔުމަކީ "ވަރަށް ކޫލް" ކަމެއް ކަމަށެވެ.

"އަހަރެން މި ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. މިއީ އަހަންނަށް ވަރަށް ބޮޑު ކަމެއް،" ލަވަ ރިލީޒް ކުރުމުގެ ކުރިން ބްރިޓްނީ ބުންޏެވެ.

"ހޯލްޑް މީ ކްލޯޒާ" ގައި އެލްޓަން ޖޯންގެ ކްލެސިކް ހިޓް ލަވަތަކުގެ ތެރެއިން ތިން ލަވައެއްގެ ބަައިތައް ހިމެނެ އެވެ. އެއީ "ޓައިނީ ޑާންސާ"، "ދަ ވަން" އަދި "ޑޯންޓް ގޯ ބްރޭކިން މައި ހާޓް" އެވެ.

"އެންމެން ވެސް ބުނީ ބްރިޓްނީއަށް ދެން ލަވަ ކިޔޭނެހެން ހިޔެއް ނުވެއޭ. އެކަމަކު އަހަރެން ބުނިން ބްރިޓްނީ ލަވަ ކިޔަން ފެށިއިރު ވެސް ވަރަށް މޮޅޭ، އޭނާއަށް މިކަަން ވާނެއޭ،" އެލްޓަން ޖޯން ބުންޏެވެ.

ބްރިޓްނީ ފާއިތުވި 13 އަހަރު ހޭދަކުރީ "ކޮންޒަވޭޓާޝިޕް"ގެ ދަށުން އޭނާގެ ބައްޕަގެ ބެލުމުގެ ދަށުންނެވެ. އެއީ ނަފްސާނީ މައްސަލަތަކެއް ދިމާވުމުން ކޯޓުން ހެދި ގޮތެކެވެ.

ނަމަވެސް ބްރިޓްނީ ބުނީ "ކޮންޒަވޭޓާޝިޕް"ގެ ސަބަބުން އޭނާއަށް އެއްވެސް އަމިއްލަ މިނިވަންކަމެއް ނެތް ކަމަށާއި ނަފްސާނީ ގޮތުން ސިއްހަތު ރަނގަޅުވި ނަމަވެސް ދިރިއުޅުމުގެ އުފަލެއް ނެތް ކަމަށެވެ.

އެ މައްސަލަ ކޯޓަށް ގެންގޮސްގެން، ބްރިޓްނީއަށް ކާމިޔާބުވީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. އެއާއެކު ބްރިޓްނީގެ މާލީ ކަންކަމާއި ކެރިއަރު އަދި އަމިއްލަ ދިރިއުޅުން މިހާރު ކޮންޓްރޯލް ކުރަނީ އޭނާ އަމިއްލައަށެވެ.

މިޔުޒިކް އިންޑަސްޓްރީގައި ދިމާވެފައި ހުރި ހިތްދަތި ކަންކަމުގެ ސަބަބުން އެނބުރި އަންނަން ފަސްޖެހޭ ކަމަށް މިދިޔަ އަހަރު ބްރިޓްނީ ބުންޏެވެ.

އެލްޓަން ޖޯންއާ އެކު ބްރިޓްނީގެ އާ ލަވަ ނެރިފައިވާ އިރު، އެލްޓަން މީގެ ކުރިން ވެސް ވަނީ ޕްރޮފެޝަލް އަދި އަމިއްލަ ހަޔާތުގައި ގޮންޖެހުން ދިމާވަމުން ދިޔަ ބައެއް އެހެން އާޓިސްޓުން އެނބުރި އިންޑަސްޓްރީއަށް ވަންނަން އެހީވެފަ އެވެ. އޭގެ ތެރޭގައި ރޮބީ ވިލިއަމްސް އަދި އެމިނެމް ހިމެނެ އެވެ.