24 އޮގަސްޓު 2022 - 23:11 0
ގޯލު ޖެހުމަށް ފަހު ދަ ގްރާންޑޭގެ ހޫގޯ އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ/ ނައުޝަމް ވަހީދު
24 އޮގަސްޓު 2022 - 23:11 0
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މިރޭ ކުޅުނު މެޗުން ދެ ވަނަ ޑިވިޝަންގެ ރަނަރަޕް، ކްލަބް ޓީނޭޖުން ފަހަތުން އަރައި 2-2 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފި އެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބް ވަނީ މިއަދު ހަވީރު ކުޅުނު ކޮލިފިކޭޝަން ފުރަތަމަ ޑިވިޝަނުގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-0 އިން ބަލިވެފަ އެވެ. މިރޭ ޓީނޭޖުން ދިވެހި ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގެ އެންމެ ފުލަށް ދިޔަ ދަ ގްރާންޑޭއާ މި ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. ސަސް، ދަ ގްރާންޑޭ، ބުރު އަދި ޓީނޭޖް މެދުގައި ކުޅެވޭ ލީގު ބުރަށް ފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.
ވިއްސާރައިގެ ސަަބަބުން ދަ ގްރާންޑޭ އާއި ޓީނޭޖް މިރޭ ކުޅުނު މެޗުގައި ދަނޑުގެ ހާލަތު އޮތްގޮތުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫވި އެވެ. މަޑުމަޑުން ދަނޑުގެ ހާލަތަށް ހޭނިގެން ކުޅެން ފަށައި، ދެ ޓީމުން ވެސް އެޓޭކް ކުރެވޭތޯ ބަލަން ފެށި އެވެ.
ދަ ގްރާންޑޭ އަށް ލީޑުނަގައިދޭން ފުރަތަމަ އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 31 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ މުފްރިހު މޫސާ އަރިމަތިން ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރެއިން އެ ޓީމުގެ މުހައްމަދު ޝާރިހު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އެކަމަކު، މެޗުގެ 39 ވަނަ މިނިޓްގައި މުފްރިހު ނެގި ހުރަހުގެ ބޭނުންހިފައި، ގްރާންޑޭ އިން ލީޑުނެގި އެވެ. ގްރާންޑޭގެ މި ގޯލު ޖެހީ އާޖެންޓީނާގެ ފޯވާޑް ހޫގޯ ރެޓަމާލް އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ޓީނޭޖްގެ ބިދޭސީ ކީޕަރު މުހައްމަދު ހަސަން އަތުގައި ޖެހިފަ އެވެ.
ޓީނޭޖްގެ ތިން ކުޅުންތެރިން ކައިރިން ދަ ގްރާންޑޭގެ ޖުނައިދު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ/ ނައުޝަމް ވަހީދު
ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޓީނޭޖްގެ މިސްރު މިޑްފީލްޑަރު، އަހުމަދު މަހުމޫދު އޭރިއާބޭރުން ޖެހި ބާރު ބޯޅަ ގްރާންޑޭގެ ލެބަނަން ކީޕަރު، މުހައްމަދު ތަހާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 52 ވަނަ މިނިޓްގައި ގްރާންޑޭގެ ޝާރިހު ހިލޭ ޖެހުމަކުން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 62 ވަނަ މިނިޓްގައި ޝާރިހު ވަނީ ގްރާންޑޭގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ގްރާންޑޭގެ އިބްރާހިމް އުސާމާ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ.
ގްރާންޑޭ އިން ދެ ވަނަ ގޯލު ޖެހިތާ މިނިޓެއް ފަހުން، ޓީނޭޖުން ގޯލެއް ޖަހައި މެޗުގެ ތެރެއަށް އަލުން ވަންނަން އުންމީދެއް ހޯދި އެވެ. މިއީ އެ ޓީމުގެ މިސްރު ފޯވާޑް، އަލީ އަފީފީ ހުސްކޮށްލާފައި ނަގައިދިން ހުރަހަކުން ގޯލު ކުރިމަތިން ބަހުޖަތު އަބްދުލް އަޒީޒް ޖެހި ގޯލެކެވެ. ބަދަލަކަށް ކުޅެން އެރި ބަހުޖަތު ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ޓީނޭޖުން އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި މެޗުގެ 85 ވަނަ މިނިޓްގައި ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ގޮތުން ޕެނަލްޓީ އަކުން ޓީނޭޖްގެ އަފީފީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މިއީ ޓީނޭޖްގެ ހުރަހެއް ދިފާއުުކުރަން އުޅުމުގެ ތެރޭގައި ދަ ގްރާންޑޭގެ ހުސެއިން ނަވީން އަތުގައި ބޯޅަ ޖެހުމުން ރެފްރީ މުހައްމަދު ޖާވިޒް ދިން ޕެނަލްޓީ އެކެވެ.
ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް އަފީފީ ވަނީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޓީނޭޖަށް އެއްވަރުކޮށްދީފަ އެވެ. ދަ ގްރާންޑޭ އޭރިއާތެރެއިން އެ ޓީމުގެ ކޮލަމްބިއާގެ ޑިފެންޑަރު ޖޯޖް އިވާން ސައެސޭޑޯ ބޯމަތިން އައި ބޯޅަ އަފީފީ ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން ބާކީ އޮތް ވަގުުތުގައި އިތުރު ގޯލެއް ޖަހައި ޓީނޭޖުން މޮޅުވާން ކުރި މަސައްކަތުގައި އެ ޓީމުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ޖާވިޒް ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ދެން މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހަވީރުގެ މެޗުގައި ޓީނޭޖުން ކުޅޭނީ ސަސްއާ އެވެ. އެރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ އިން ބުރު ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment