17 އޮގަސްޓު 2022 - 08:08 0
ިސިޓީން މި ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު ގުންޑޮގާން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
17 އޮގަސްޓު 2022 - 08:08 0
މެންޗެސްޓާ (އޮގަސްޓް 17) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެންގުމާ އެއްގޮތަށް އެ ކްލަބްގެ މެނޭޖްމަންޓުން އެ ޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އަށް އާ ކޮންޓްރެކްޓެއް ދޭން ނިންމައިފި އެވެ.
ގުންޑޮގާން، 31، މި ވަގުތު ސިޓީއާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސިޓީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގުންޑޮގާން ދޫކޮށްލާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ.
ކޮވިޑް-19ގެ ވެކްސިންގެ ފުރިހަމަ މައުލޫމާތު ނުދޭތީ އާއި އެކި ސަބަބުތަކާ ހުރެ މިދިޔަ މަހު ސިޓީން އެމެރިކާގައި ބޭއްވި ޕްރީ ސީޒަން ޓުއާގައި ބައިވެރިނުވެވޭ ކުޅުންތެރިންގެ ލިސްޓުގައި ގުންޑޮގާންގެ ނަން އޮތުމުން ސިޓީގައި އޭނާގެ މުސްތަގުބަލާ މެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވުނެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން ފެށިގެން ފުރަތަމަ ދެ މެޗުން ވެސް ސިޓީ މޮޅުވިއިރު، ގުންޑޮގާން ވަނީ ކުޅެފަ އެެވެ. ސިޓީން އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތު ކޮޅަށް ގުންޑޮގާން ގޯލު ޖެހިއިރު، ލީގުގައި ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި ވެސް ގުންޑޮގާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސީޒަން ފަށައިގެން ގުންޑޮގާން ރަނގަޅު ފޯމެއްގައި ހުރުމުން ގާޑިއޯލާ އެ ކްލަބްގެ މެނޭޖްމަންޓަށް އަންގާފައިވަނީ ގުންޑޮގާންގެ އެއްބަސްވުން އާ ކުރުމަށެވެ. ކުރިން ޑޯޓްމަންޑަށް ކުޅުނު ގުންޑޮގާން އަށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ސިޓީން ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔޫތު ކެރިއަރުގައި ހެސްލާ 06 އަށް ކުޅުމަށް ފަހު ގުންޑޮގާން ބޯކުމް އަށް ބަދަލުވީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން ނިއުރެންބާގަށް ވެސް ކުޅުނު ގުންޑޮގާން ބޮޑަށް ފާހަގަވާން ފެށީ 2011 ވަނަ އަހަރު ޔާގެން ކްލޮޕް ކޯޗުކޮށްދިން ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި ފަހުންނެވެ.
މެންޗެސްޓާ ސިޓީ ކޯޗުކަމާ 2016 ވަަނަ އަހަރު ގާޑިއޯލާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ސޮއިކުރި ކުޅުންތެރިއަކީ ގުންޑޮގާން އެވެ. ތުރުކީ ދަރިކޮޅަށް އުފަން ގުންޑޮގާނަށް ކެރިއަރުގައި މިހާތަނަށް ސީރިއަސް އަނިޔާގެ މައްސަަލަތަކެއް ކުރިމަތިވި ނަމަވެސް ކޮންމެ ފަހަރަކު ރަނގަޅަށް ރިކަވާވެގެން އައިސް މޮޅަށް ކުޅެ އެވެ.
ސިޓީއާ އެކު ގުންޑޮގާން ވަނީ ނުވަ ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ހަަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުން ހިމެނެ އެެވެ.
Comment