ރަށު ނޯޓު: ފާނަ މަސްވެރިކަމުގެ ބިލެތްދޫ

13 އޮގަސްޓު 2022 - 08:39 5

އަޒްލިފާ އަބްދުﷲ

އ

ބިލެތްދޫ ބަނދަރު: މިރަށަކީ ޒަމާނުއްސުރެ ވެސް މަސްވެރިކަމަށް މަޝްހޫރު ރަށެއް. -- ފޮޓޯ: ފޭސްބުކް/ބިއުޓިފުލް ބިލެތްދޫ


ރަށު ނޯޓު: ފާނަ މަސްވެރިކަމުގެ ބިލެތްދޫ

13 އޮގަސްޓު 2022 - 08:39 5

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫގައި ހުންނަ އިހުގެ މިސްކަތް، ޒިކުރާ މިސްކިތް ހުރި ސަަރަހައްދު ކޮނުނުއިރު ފެނިފައިވާ ވެވުން، އެއީ ދުވަސްވީ ތާރީހެއް އޮތް ރަށެއްކަން އެނގެ އެވެ. މި ކުޑަކުޑަ ރަށަކީ އެންމެ ކުރިން ފެށިގެން ވެސް މަސްވެރިކަމުގައި، ހާއްސަކޮށް ފަހަކަށް އައިސް ފާނައިގެ މަސްވެރިކަމުގައި އެންމެ ނަން ކިޔާ ރަށެވެ.

މި ރަށަށް ދީފައިވާ އިނގިރޭސި އަކުރަކީ އެލް-3 އެވެ. ބައްތިރީސް ހެކްޓަރުގެ ބިލެތްދޫގެ އާބާދީއަކީ 1343 އެވެ. އެއީ 644 އަންހެނުންނާއި، 699 ފިރިހެނުންނެވެ. މިއީ މި އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށުގެތެރެއިން ދެ ވަނަ އަށް އާބާދީ ބޮޑު ރަށެވެ.

ބިލެތްދޫ މޫދުގައި ކުޑަކުދިންތަކެއް ހަރަކާތްތެރިވަނީ. -- ފޮޓޯ: ބިއުޓީފުލް ބިލެތްދޫ


މަސައްކަތްތެރި މި ރަށުގެ އިގުތިސޯދުގެ މައިގަނޑު ހަރަކާތަކީ މަސްވެރިކަމެވެ. ހަމައެކަނި ފާނައިގެ މަސްވެރިކަމެއް ނޫނެވެ. ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަމުގައި ވެސް މިރަށުގެ ދޯނި ފަހަރާއި މީހުން ހަރަކާތްތެރިވެ އެވެ. ކުރިން މި ރަށުގެ ގިނަ ބަޔަކު ދޮށީގެ މަސްވެރިކަން ކުރި ނަމަވެސް މިހާރު ރަށުގެ ގިނަ މީހުން މަސައްކަތަކީ ފާނައަށް ދިއުމެވެ. ރާއްޖޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރާ ބަޔަކީ މިރަށެވެ. އެހެންވެ، ފާނައިގެ މައުލޫމާތާއި އެ މަސްވެރިކަމުގެ އުކުޅުތައް އެންމެ ބޮޑަށް އެނގޭނެ ބަޔަކީ ވެސް މިރަށުގެ މަސްވެރިންނެވެ.

ފާނަ އަށް ދިއުމަކީ ކުރިން ލަދު ކަމަކަށް ބައެއް މީހުންނަށް ވިޔަސް، އެއީ ބިލަތްދޫގެ ފަހުރެވެ.

"މި މަސްވެރިކަމުގައި މިހާރު ވެސް 30 ދޯނި އުޅޭ، ރަށުގެ 90 ޕަސެންޓް މީހުންގެ މަސައްކަތްކީ މިއީ. އަޅުގަނޑުމެންގެ ފަހުރަކީ ވެސް މިއީ،" ބިލެތްދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވި އެވެ.

ބިލެތްދޫގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ވަޒީފާތަކުން ބައެއް މީހުން އާމްދަނީ ހޯދާއިރު، ފާނައިގެ މަސްވެރިކަމުން ތިޔާގިކަން ހޯދަމުން އަންނަ މި ރަށުގެ އުމްރާނީ މަސައްކަތްތަކުގައި ވެސް، ގިނަ ބަޔަކު ހަރަކާތްތެރިވެ އާމްދަނީ ހޯދަ އެވެ. އަދި އަމިއްލަ ފިހާރަތަކާއި ސައިހޮޓާ ވެސް ހިންގަ އެވެ. އެހެން ރިސޯޓުތަކުގެ ވަޒީފާތަކުގައި އުޅޭ ޒުވާނުން ނިސްބަތުން މެދެވެ.

މިއީ ތަރައްގީއަށް ލޯބިކުރާ ވަޒަންވެރިން އުޅޭ ރަށެކެވެ. ބަނދަރު ހަދާފައިވާއިރު، ކަރަންޓްގެ ހިދުމަތް މި ރަށަށް މިހާރު ސަރުކާރުން ފޯރުކޮށްދެ އެވެ. ނަމަވެސް ކަރަންޓްގެ ހިދުމަތުގެ ފެށުމަކީ ވެސް ރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން އަމިއްލަ އަށް ހިންގަން ފެށި ކުދިކުދި ޖަނަރޭޓަރުތަކެވެ. މިހާރު މި ރަށަށް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދެ އެވެ.

ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒުގެ ފެށުން ގުޅިފައި އޮތީ ދިވެހި ބޭސްވެރިކަމާ އެވެ. ނަމަވެސް މިހާރު މި ރަށުން ލެބޯޓްރީ އާއި އީސީޖީގެ ހިދުމަތް ވެސް ލިބެ އެވެ. ރަށު ސްކޫލުގައި ގްރޭޑް 10 އަކަށް ކިޔަވައިދެ އެވެ.

ބިލެތްދޫގައި ބޭއްވި އީދު އުފާ ހަރަކާތްތަކުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް. -- ފޮޓޯ: ބިއުޓީފުލް ބިލެތްދޫ


މި ރަށަކީ ސަގާފީ ކުޅިވަރުގައި ވެސް ފޯރިގަދަ ރަށެކެވެ. ރަށުގައި މި ވަގުތު ގެސްޓް ހައުސްއެއް ނެތަސް، ލޯކަލް ޓޫރިޒަމް ތައާރަފުވާއިރު، ފާނައިގެ މަސްވެރިކަން ކުރާ ގޮތް ޓޫރިސްޓުންނަށް ދައްކައިގެން ވެސް އާމްދަނީ ހޯދޭނެ އެވެ. އަދި ރަށުގައި ހުރި ވެވަކީ ވެސް ޝައުގުވެރި ތަނަކަށް ވާނެ އެވެ.

އާންމު މައުލޫމާތު


ރަށުގެ ނަން: ބިލެތްދޫ އަތޮޅު: ނިލަންދެއަތޮޅު އުތުރުބުރި (ފ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: އެލް 3 އާބާދީ: 1343 ފިހާރަ: 12 ކެފޭ، ރެސްޓޯރެންޓް، ގާޑިޔާ: 2 ތެޔޮ ވިއްކާ ފިހާރަ: 2 ފާމަސީ: 1 ގެސްޓްހައުސް: ނެތް ކުރިއަށްދާ މަޝްރޫއުތައް: 1. ފެނާއި ނަރުދަމާގެ މަޝްރޫއު 2. ކައުންސިލް އާ އިމާރާތް 3. ފުޓްސަލް ދަނޑު މަރާމާތުކުރުން * މައުލޫމާތު: ބިލެތްދޫ ކައުންސިލްގެ އިދާރާ


100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އޭނަ މީނަ

over 2 years ago

2 ތެޔޮ ފިހާރަ ރަށުގާ އިންއިރު ރަށުގައި ޕެޓްރޯލް ކޮޅެއް ނެތް ރަށުގައި ބޭނުން ކުރާ ގިނަ އެއްގަމު އުޅަނދުތަށް ކަންކަން މަތީގަ ޕާކު ކޮށްފަ ވެލި ނަގަންދާ މީހުން ވެއްޔަށް ނުދެވިފަ ފަރު މަސްވެރިން މަސްވެރިކަން ކުރަން ނުދެވިފަ🤦🏼‍♂️

ބިލެއްދޫ މީހެއް

over 2 years ago

މައުލޫމާތު ގެނެސްދީފައިވާއިރު އުނިކަން ފާހަގަ ކުރެވޭ.. އެއްޗެއް ރަށަކާ ބެހޭގޮތުން ލިޔާއިރު 1 ނުވަތަ 2 މީހެއްގެ ބަހަކުނން ނުފުދޭ... މިސާލަކަށްް ގުރޭޑް 10 ނޫން. 12 އަށް ކިޔަވާދޭތާވެސް 10 ވަރަކަށް އަހަރު މިި ވީ...

އޮއްޓަރު

over 2 years ago

މަސްހޫރުވާން ހަބަރުތެއް ޖެހިޔަކަސް ނުވާވެ. ޕްރޮޖެކްތައް ފެށީމަވީ. 5 އަހަރު ވީއިރު ނަރުދަމާގެ މަސައްކަތް ނުނިމޭ. އަދަދު ނޫހުންވެސް ނޭގެ ރައްޔިތުން ހަގީގަތް ހާމަކުރާ ކޮމެންޓްތައް ބަޕްލިސްކުރާކަށް. ދޮގެއް ވެއްޖިއް ހާމަކޮށްލާނެ ހިސާރިއަވަހަށް

ހަދިޔާ

over 2 years ago

ރަނގަޅު ވާހަކަ އެއް. ބަދަރެއް ހަދާފައިވަނީ. އެކަމު ހިތާމަޔަކީ ބަދަރުގެ ބޭރުތޮށި ވެއްޓިފައިވާ ކަމަށާއި ނެރު ބައްތި ވެއްޓިފައިވާތާ 1 އަހަރަށް ވުރެން ގިނަ ދުވަސްވެގެން ދިޔައިރު އެކަން ހައްލު ނުކުރެވިވާކަން ނޫހަށް ހިއްސާ ކޮއްނުލީމަ

ސަރީ

over 2 years ago

ޙަބޭސް ރަށެއްތީ