Advertisement

"މި ކުޑަކުޑަ ލޯބި ނާނާޔަށް" އޭރު ތަސައްވަރު ކުރެއްވި ފަހި މާދަމާ

12 އޮގަސްޓު 2022 - 13:46 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


"މި ކުޑަކުޑަ ލޯބި ނާނާޔަށް" އޭރު ތަސައްވަރު ކުރެއްވި ފަހި މާދަމާ

12 އޮގަސްޓު 2022 - 13:46 2

ގުނަމުން ދަނީ ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކެވެ. އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް އަޅުވެތިވެފައި ތިބި ގައުމުތައް ތެދުވާން ފަށައިފި އެވެ. ނަސްލީ އިމްތިޔާޒުތަކުގެ ޝިކާރައަކަށްވެފައިވާ އާބާދީތައް ހައްގަށް އެދި އަޑުއުފުލަން ފަށައިފި އެވެ. އިންސާނާގެ ބާރު މި ދުނިޔެއިން ބޭރަށް ފޯރުވުމުގެ ރޭހުގެ ވާދަވެރިކަން، ބާރުގަދަ ގައުމުތަކުން ކުރަން ފަށައިފި އެވެ. އެއީ ޖޯން.އެފް ކެނެޑީ އާއި މާޓިން ލޫދަރ ކިންގު ޖޫނިޔަރ ދުނިޔެއަށް ވިދާލުމާއެކުއެކީގައިހެން އެ ދެ ޝަހުސިއްޔަތުވެސް ގެއްލި ދިޔަ ޒަމާނެވެ. އޭރު، ކުޑަކުޑަ މި ރާއްޖެއިންވެސް ބަދަލުގެ އޮއިގައި ޖެހިފައިވާކަމުގެ ކުލަވަރު ފެންނަން ފަށައިފި އެވެ.

ގުނަމުންދަނީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކެކެވެ. ދިވެހިން މިނިވަންކަމަށް އެދެމުންދިޔައީ "ހިމާޔަތް" ދީފައިވާ ބޭރުގެ ބާރުތަކުގެ ކިބައިން އެކަންޏެއް ނޫނެވެ. ވެރިކަމުގެ ނިޒާމުގައިވެސް ޒަމާނީ ކުލަވަރު ޖެހެން ބޭނުންވާކަން ދިވެހި ޖައްވުން ފެންނަމުންދިޔަ ކަހަލަ އެވެ. އާ ޖީލަށް ހޯދައިދޭން ބޭނުންވީ އޭރަށްވުރެ ފަހި މުސްތަގުބަލެކެވެ. ހެޔޮ ހާލަތަކެވެ. ލަފާ ދުނިޔެއެކެވެ. ދުޅަހެޔޮ ސިއްޙަތަކާއި ބުއްދިއެކެވެ. ދުނިޔޭގައި އުފެދި ފޯދެމުންދާ އިލްމާއި ތަރައްގީގެ ރޭހުގައި ފައިހަމަ ކުރެވޭނޭ ގާބިލިއްޔަތެވެ.

އެ އުއްމީދުތައް އެންމެ ބޮޑަށް ސިފަވާ އެއް އަދަބީ ތަރިކައަކީ، ޖޭމު ދޮންކަމަނަގެ ޖާޒުބީ އަޑުން ކިޔައި، ހާޖަރާގެ އަސަރުހުރި އެކްޓިން ފެންނަ، އޭރުގެ ރީތި ނާނާއަކުންނެވެ. ޅެންވެރިޔާއަކީ ކޮބައިކަމާމެދު ހިލާފުތަކެއް އުފެދިފައިވާ މި ޅެމުގެ މައްސަލައިގައި އަދަބިއްޔާތުގެ ގިނަ ދާރިސުން އިއްތިފާގުވެވަޑައިގަންނަވަނީ އެ ޅެމުން ފެންނަނީ އަބްދުﷲ ޖަލާލުއްދީންގެ ގަލަންކޮޅުގެ މިއުޒިކު ކަމުގައެވެ. މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ވިދާޅުވީ، ތޮއްޑޫ މީހުން ބުނެއުޅޭ ގޮތުގައި، އެ ރަށުގެ މަޝްހޫރު ޝަޚްސިއްޔަތެއްކަމުގައިވާ މުބާރިކު ކުޑަ އިރު، އޭނާގެ މަންމަ ކިޔާ ލަވައެއް އަޑުއައްސަވާފައި "މާދަމާ އަޞުރުފަހުން ދީދިބޭމެން ގެއަށް އައިސްބަލާށޭ" ވިދާޅުވުމުން އެ ދިޔަ ދިއުމުގައި ދަރިފުޅު ނިންދަވާން ކިޔާނޭ ނާނާއެއްގެ ގޮތުގައި އެ ޅެން ދެއްވީ އެވެ.

"ޅެމުގެ ބައްޓަމާއި، ކޮންޓެންޓާއި އުސްލޫބު ޖަލާލުއްދީނާ އެއްވެސް ތަފާތެއް ނުފެނެ އެވެ." އާމިރު ވިދާޅުވި އެވެ. ޢަބްދުﷲ ރަޝީދުގެ ރައުޔު ތަފާތު ވަނީ އެންމެ ލަފުޒެއްގެ މައްސަލައިގަ އެވެ. ވިދާޅުވެފައިވެ އެވެ.

މި ޅެމަކީ ތޮއްޑޫ މުބާރަކަށް، ޖަލާލުއްދީ އެރަށުގައި އަރުވާލައްވާފައި ހުންނެވި ދުވަސްވަރު ހައްދަވައި ދެއްވި ޅެމެއްކަމަށް، ބައެއް އަދީބުން އަމިއްލަ ފުޅަށް ވިދާޅުވެފައި ވެސް އެބަ ހުއްޓެވެ. ނަމަވެސް ޅެމުގެ 10 ވަނަ ބައިތުގެ އަޖުޒުގައި އޮތް "މުނިޔާފުޅު" މި ބަހުން އެއީ، ފިރިހެން ޖިންސަށް ދިވެހީން ބޭނުންކުރާ ނަމެއް ނޫންކަން އެނގެއެވެ."

ކޮންމެއަކަސް، ކޮންމެ ބޭފުޅެއްގެ ގެއްތެވުމެއްކަމުގައިވިޔަސް، މި ނާނާއަކީ އެ ޒަމާނުގެ އުއްމީދުތައް ސިފަކޮށްދޭ ރީތި ޅެމެކެވެ. ފެށުން ވަރަށް ސާދާ އެވެ. ކުޑަ ދަރިފުޅަށް ފަހި މުސްތަގުބަލެއް އެދޭ ވާހަކަ އެވެ. ބާއްޖަވެރި ހަޔާތެއް ލިބުމަށް ކުރެވޭ އުއްމީދުތަކުގެ ވާހަކަ އެވެ. ބަލިމަޑުކަމާ ދުރު، އުފާވެރި، ދިގު އުމުރެއް ދެއްވުމަށް ކުރާ އުއްމީދުގެ ވާހަކަ އެވެ. އެންމެންގެ ލޯބި ލިބިގެން ބޮޑުވާ ކުއްޖަކަށް ވޭތޯ ކުރެވޭ އުއްމީދުގެ ވާހަކަ އެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ޝައުގުވެރިކަން ދަމައިގަންނަނީ އެ "ކުޑަކުޑަ ލޯބި ނާނާ" އުފަންވެފައިވާ ދުނިޔެ ސިފަކުރަން ފަށާ ހިސާބުންނެވެ.

"ނުބައި ނުލަފާވި ހެއްލުންތެރި ނުރައްކާ ދުޝްމަނުން ކިބައިން

ތުނބާހަމައަށް އަރަންދެން ރޫޙު ރައްކާތެރިކަމޭ އެދެނީ

ނުރައްކާ އަދި ނުބައި ނުލަފާ ނުފުއްދުންތެރި އަޚުން ކިބައިން

ދުރަށްޖެހިފޭވެ އުޅެވޭ ފަދަ ރަނގަޅު ހެޔޮ ވިސްނުމޭ އެދެނީ"

މަންމަ އަކު މި އެދެނީ ނުބައި ނުލަފާ ދުޝްމަނުންނާއި އަޚުންގެ ކިބައިން އެ ދަރިފުޅަށް ރައްކާތެރިކަން ލިބުމަށެވެ. އެ ފަދަ ނުރައްކާ ތަކާ ކުރިމަތިލާނޭ ހެޔޮ ވިސްނުން ދަރފުޅަށް ލިބިފައި ވުމަށެވެ. ޅެންވެރިޔާ މި ސިފަކުރައްވަނީ އޭރުގެ ހާލަތެވެ. ފަސްދޮޅަހުގެ އަހަރުތަކުގެ ހާލަތެވެ. އެހެންނަމަވެސް މިއަދު މި ލަވަ އަޑުއިވޭ މީހަކަށްވެސް މިއަދުގެ ދުނިޔެ އަދި މިއަދުގެ ރާއްޖެ ސިފަވެގެންދެ އެވެ. މިއަދު ޚުދު މި ދިވެހި މުޖުތަމައުގައި ފެންނަ އެކި ކަންކަން ސިފަވެގެން ދާ ކަހަލައެވެ.

އޭރުވެސް، މިހާރުވެސް މި ދުނިޔެ ދައުރުވަނީ ނުބައި މީހުންނާއި، ނުބައި ކަންތައްތަކުން ގިރިސްލެވިގެންނެވެ. އޭރުގެ މައެއްވެސް، މިއަދުގެ މައެއްވެސް، ތުއްތު ދަރިފުޅާމެދު ކުރަނީ އެއް އުއްމީދުތަކެކެވެ. "ސުލޫކުގެ ރިވެތި ގަހަނާ" އިން ޒީނަތްތެރިވެފައިހުރި، އިލްމީ، ކެރޭ، ދީންވެރި، ހިދުމަތްތެރި ރައްޔިތަކަށް ތިމާގެ ދަރިފުޅުވުމެވެ. މަންމަގެ އުނގުން ފައިބާ، އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލާ ހިނދު، އެ ދަރިފުޅަށް ލިބޭނޭ ހުރިހާ ނުބައި ދަޢުވަތުތަކަކަށް "ނޫން" ބުނާނޭ ބުއްދި އާއި ހިތްވަރު އެ ދަރިފުޅަށް ލިބިފައިވުމެވެ.

މިއީ ދިވެހިން އެކަނި ގެންގުޅޭ ހިޔާލެއް ނޫނެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭ އައިރިޝް ޅެންވެރިޔާ ލުއީ މެކްނީސް ލިޔުއްވާފައިވާ މަޝްހޫރު ޅެން "ޕްރޭޔަރ ބިފޯ ބަރތު"ގައި މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ދުނިޔޭގެ ކިބައިން އެދެނީ، ދުނިޔެއަށް އައުމަށްފަހު، ދުނިޔޭގެ އެކި ނުފޫޒުތަކަށް ހެއްލި އޭނާއަށް ކުރެވިދާނެ ނުބައި ކަންތައްތަކަށް ޓަކައި މައާފުކުރުމަށެވެ. މައިމީހާގެ ރަހިމުގެ ރައްކާތެރިކަމުން ބޭރުވާ ހިނދު އެ ތުއްތު ކުއްޖާ ކުރިމަތިލާންޖެހޭނޭ ކަންތައްތަކުގު ނުބައި ކަމާއި، އެ ކަންތައްތަކަށް ހެއްލި ހެދިދާނޭ ގޯސްތަކުން ރައްކާތެރިވުމަށް ތައްޔާރުކޮށްދިނުމަށެވެ. ކުޑަ ތަންކޮޅެއް މިތާ ތަރުޖަމާކުރެވޭތޯ މަސައްކަތްކުރާނަމެވެ.

"އަހަރެން އަދި އުފަން ނުވެއެވެ. އަހަރެން މަސަލަސްކޮށްދޭށެވެ.

އިންސާނުން އުސް ފާރުތަކެއްގެ ތެރޭ އަހަރެން ބަންދުކޮށްފާނޭތީ އަހަރެން ބިރުގަނެއެވެ.

ބާރުގަދަ ޑުރަގުތަކަކުން މަސްތުކޮށްލާ، ބުއްދިވެރި ދޮގުތަކަކުން ހައްލާލަފާނޭތީ ބިރުގަނެއެވެ.

އަނިޔާވެރި އަދަބުތައް ދީ، ލޭގެ ކޯރުތަކުން އަހަރެން ތެންމަފާނޭތީ ބިރުގަނެއެވެ."

މި ޅެމުންވެސް ފެންނަނީ ހާލަތުގެ ކުރިމަތީ، އިންސާނާ ގޮތްހުސްވެފައިވާ މިންވަރެވެ. "މި ކުޑަކުޑަ ލޯބި ނާނާޔަށް" އޭނާގެ މަންމަ މި އެދެނީ އެފަދަ ހުރިހާ ނުބައި ކަންތައްތަކާ ދުރުހެލިވުމުގެ ހިތްވަރަށެވެ. އެ ކަންތައްތަކާ ފެއަށް ހިނގާނޭ ހިކުމަތަށެވެ. ތެދުމަގުގެ ދައްކައިދޭނޭ ދަންމަރަކަށެވެ.

މިއިން ކޮންމެ ޅެމެއްގައިވެސް ޅެންވެރިން ފާޅުކުރަނީ އަދަށް ވުރެ ފަހި މާދަމާއެއްގެ އުއްމީދެވެ. ދުނިޔޭގެ ނުބައި ކަމާއި އިންސާނުންގެ ނުލަފާކަމުން ރައްކާތެރިކަން ލިބިފައިވާ ދުނިޔެއެއްގައި ތިމާގެ ދަރިފުޅު ބޮޑުކުރެވިދާނެކަމުގެ އުއްމީދެވެ. އެހެންނަމަވެސް މިއަދު، އޭރުގެ މުސްތަގުބަލު މިއަދުގެ ހަގީގަތަށްވެފައިވާއިރުވެސް، ދިވެހި ނޫސްތަކުގެ ފަލަ ސުރުހީތައް ކިޔާލާ ކޮންމެ މަޔަކަށްވެސް، އޭނާގެ ދަރިފުޅަށް "މި ނޫން ދުނިޔެއެއް" ދައްކަވާތޯ، ނުވަތަ މި ދުނިޔެއާ ކުރިމަތިލުމުގެ ހިތްވަރު ދެއްވާތޯ ދުޢާކުރެވެއެވެ. ހަމަ މި ނާނާގައި އެ މަންމަ އެދޭ ފަދައިންނެވެ.

" ކަރަށް ނުމެހޭ ނުބައިމަޅިތައް، ގަރަންޓީ އަޖަލު ހަމަވާންދެން

ވަރަށް ދިގު އަދި ވަރަށް ހަމަ ހާއުފާވެރި ޢުމުރެކޭ އެދެނީ"

މި ފަދަ ޅެންވެރިކަމުގެ އަސަރު ފޯރާ ހިނދު ދުނިޔެއާ މެދު އަދި މުސްތަގުބަލާމެދު ފުންކޮށް ވިސްނާލަން މަޖުބޫރުކުރުވަ އެވެ. މިފަދަ އަނދިރި ދުނިއެއްގައި އަލިކަމެއް ހޯދަން އުފުލަން ޖެހޭނެ ބުރަ މަސްއޫލިއްޔަތު ހިތަށްއަރާ ހިތްމަރުވާ ގޮތް ވެއެވެ. އެހެންނަމަވެސް ހަނދާންބަހައްޓަންޖެހޭ ހަގީގަތަކީ މި އަނދިރި ދުނިޔޭގައިވެސް ހެޔޮކަމާއި މީރުކަން ވާކަމެވެ. އަދި އެ މަންޒިލަށް ވާޞިލުވާން އެދޭ މީހަކަށް ކާމިޔާބު ލިބޭނޭ ކަމެވެ. ޖަލާލުއްދީން ރޫމީ ވިދާޅެވަފައިވާ ފަދައިން، "ތިބާ ހިފަން އެދޭ މަންޒިލުން ދަނީ ތިބާ ހޯދަމުންނެވެ."