14 އޮގަސްޓު 2022 - 11:05 1
މުހައްމަދު އުޝާމް
ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ ދަރިކަނބަލުންނާ އެކު ނަންގަވާފައިވާ ފޮޓޯއެއް
14 އޮގަސްޓު 2022 - 11:05 1
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން 1953 ވަނަ އަހަރު ނިމިގެން ދިޔަ ގޮތާއި އޭގެ ފަހުން ހިނގި ސިޔާސީ ހަމަނުޖެހުންތަކެއްގައި އެމަނިކުފާނަށް އަނިޔާ ދިން މީހުންގެ މައްސަލާގައި ކަންކަން ހިނގާފައި އޮތް ގޮތް ސާފު ކުރަން ބޮޑު މަޝްވަރާއެއް ބޭއްވުމަށް ނިންމައިފި އެވެ.
އަމީނުގެ ވެރިކަން ނިމުނު ގޮތް ސާފުވެފައި ނުވުމާއި އަމީނުގެ މައްޗަށް ދިވެހި ދައުލަތުގެ ފަރާތުން ކުރި ދައުވާތަކުގެ ސީޣާ ސާފުވެފައި ނެތުމާއި އެ ކަމުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީ އާއި އެކަމުގެ ހަގީގަތް ސާފުކުރަން އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އިންތިގާލީ އިންސާފު އޮފީހުގެ ޗީފް އޮބްމަޑްޕާސަން އަބްދުލްސަލާމް އާރިފް "އަދަދު" ނޫހަށް މިއަދު ވިދާޅުވީ އެ މައްސަލައަކީ ކަމުގެ ހަގީގަތް ސާފު ކުރުމަށް ތާރީހީ ބޮޑު ދިރާސާއެއް ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މައްސަލައަކަށްވާތީ އެކަން ކުރުމަށް ޕެނަލް ޑިސްކަޝަންއެއް ބާއްވާނެ ކަމަށެވެ.
"މި މަހު ފަހުކޮޅު، އޮގަސްޓް 29 ނޫނީ 30 ހާ ހިސާބުގައި އޮންނާނެ މި ޕެނަލް ޑިސްކަޝަން،" ސަލާމް ވިދާޅުވި އެވެ.
ސަލާމް ވިދާޅުވި ގޮތުގައި އެ އަޑުއެހުމަށް އާންމުންގެ ބަޔަކަށް ވަދެވޭނެ ފުރުސަތު ދިނުމާއި ވީހާވެސް ގިނަ ރައްޔިތުންނަކަށް އެ އަޑުއެހުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާ ކުރަމުން އެބަ ދެ އެވެ.
"އަދި ވަކި ގޮތްތަކެއް ނުއެއް ނިންމަން، އަޑުއެހުމަށް ވަކި އޯޑިއަންސްއެއް ވަދެ ތިބެފަ، ފޭސްބުކް އިން ލައިވް ކުރަން ވާހަކަ ދެއްކެވުނު، މި ބަލަނީ ވީހާވެސް ގިނަ ރައްޔިތުންނަކަށް އެ ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެހޭތޯ،" އޭނާ ވިދާޅުވި އެވެ.
ޖެނުއަރީ 1، 1953 ގައި އުފެދުނު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަމީނުގެ ވެރިކަން އިންގިލާބުކޮށްލީ އެމަނިކުފާނުގެ ސްރީ ލަންކާގައި ހުންނަވަނިކޮށް ނާއިބް ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިސްކޮށް ހުންނަވައިގައިގެން ރައްޔިތުންތަކެއް އެއްވެ އެ އަހަރުގެ އޮގަސްޓް 21 ގަ އެވެ.
ދުވަސްކޮޅެއް ފަހުން އަމީން ރާއްޖެ ވަޑައިގަތުމުން ދޫނިދޫގައި ބަންދުކުރީ އެވެ. ބަންދުގައި ހުންނަވަނިކޮށް ކަކާގޭ އިބްރާހިމް ހިލްމީ ދީދީގެ ރޭއްވެވުމެއްގެ މަތިން އަލުން ވެރިކަން ހޯއްދަވަން މާލެ ވަޑައިގެން އުޅުއްވަނިކޮށް ހަވަރު އެއްވެ ލާއިންސާނީ އަނިޔާ ދިނީ އެވެ.
ޖެހިގެން އައި ދުވަހު އެމަނިކުފާނުގެ މައްޗަށް ބަޣާވާތްކުރިކަން ސާބިތުވެ އުމުރަށް އަރުވާލުމަށް ލުމަށް ހުކުމްކުރި އެވެ. އަވަހާރަވީ ހާލުބޮޑުވެގެން ވިހަމާނުފުށްޓަށް ގެނެސް އޮއްވަ އެވެ.
މީގެ އިތުރުން އަމީނުގެ މައްޗަށް ދައުވާކޮށް، އޭގެ ޝަރީއަތެއްކޮށް އަމީނަކީ ޚާއިނެއް ކަމަށް ނިންމާފައިވާ ކަމަށް ތުންތުން މަތިން ވާހަކަތައް ދެކެވެމުން ދިއުމާއި އެއްވެސް ރަސްމީ ތާރީހީ ލިޔުމަކުން އޭގެ ސައްހަކަން ކަށަވަރުވެފައެއް ނުވެ އެވެ.
ޝަރީއަތުގެ މަޖިލީހަށް އަމީން ހާޒިރުކުރީ އެމަނިކުފާނަށް ބަޔަކު އަނިޔާކޮށް ފަތްޖެހި އެނދެއްގައި ކަމަށް ވެސް ތާރީހީ ބައެއް ލިޔެކިއުންތަކުގައިވެ އެވެ.
Comment