Advertisement

ޝީލްޑް މެޗުގައި ސިޓީއާ ދެކޮޅަށް އެލިސަން ނުކުޅޭނެ

30 ޖުލައި 2022 - 01:21 0


ޝީލްޑް މެޗުގައި ސިޓީއާ ދެކޮޅަށް އެލިސަން ނުކުޅޭނެ

30 ޖުލައި 2022 - 01:21 0

ލިވަޕޫލް (ޖުލައި 29) - އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ނުކުޅޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މި މަހު 11 ވަނަ ދުވަހު ތައިލެންޑްގެ ބެންކޮކްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އެލިސަން އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރީ ކަނޑައެޅި ވަގުތަށް ވުރެން އަވަހަށެވެ.

އެ މެޗަށް ފަހު ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި އެލިސަންގެ ބަނޑުގެ މަސްގަނޑު ކައިރި އިރައިގެން ގޮސްފައި ހުރުމުން، ލިވަޕޫލްގެ މެޑިކަލް ޓީމުން އެންގީ އެލިސަން މި މަހުގެ ނިޔަލަށް ވާދަވެރި މެޗުތަކުގައި ބޭނުން ނުކުރުމަށެވެ.

އެހެންވެ، މާދަމާ ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު އެލިސަން އަށް ގެއްލޭނެ އެވެ. އެކަމަކު، ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އޮގަސްޓް ހަ ވަނަ ދުވަހު، އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ލިވަޕޫލުން ކުޅޭ މެޗަށް އެލިސަން ފިޓްވާނެ ކަމަށް ބުނެފަ އެވެ.

ރޯމާ ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި އެލިސަން، 29، ނެތި މިދިޔަ ސީޒަނުގައި ލިވަޕޫލުން މެޗުތަކެއް ކުޅުނެވެ. އެ މެޗުތަކުގައި ލިވަޕޫލް ޓީމުގެ ގޯލު ބެލެހެއްޓީ ކޮއިމްހިން ކެލަހާ ނޫނީ އެޑްރިއާން މިހުއެލް އެވެ.

ސިޓީއާ ދެކޮޅަށް ޝީލްޑް މެޗުގައި ލިވަޕޫލްގެ ގޯލު ބަލަހައްޓާނީ އެޑްރިއާން އެވެ. އެޑްރިއާން ވަނީ މީގެ ކުރިން ޔުއެފާ ސުޕަ ކަޕް މެޗެއްގައި ލިވަޕޫލް ގޯލަށް ކުޅެފަ އެވެ.

އެލިސަންގެ އިތުރުން ލިވަޕޫލްގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ ވެސް ހުރީ އަނިޔާގަ އެވެ. އަދި މިދިޔަ ސީޒަން ނިންމާފައި މެންޗެސްޓާ ސިޓީގެ ސްޕެއިން ޑިފެންޑަރު އައިމެރިކް ލަޕޯޓް، ކުރި އޮޕަރޭޝަނަށް ފަހު ކުޅުމަށް އެނބުރި އަންނާނީ މަހެއްހާ ދުވަސް ފަހުންނެވެ. އެހެންވެ، ސިޓީން ސީޒަން ފަށާނީ އޭނާ ނުލަ އެވެ.