Advertisement

ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕް: ލ. އަތޮޅުގެ ޗެމްޕިއަންކަން ތުނޑިގޯޅި އާއި މާމެންދޫ ޔުނައިޓެޑަށް

24 ޖުލައި 2022 - 16:04 0

މާމެންދޫ ޔުނައިޓެޑް ޓީމުން ތަށްޓާ އެކު އުފާފާޅުކުރަނީ.--


ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕް: ލ. އަތޮޅުގެ ޗެމްޕިއަންކަން ތުނޑިގޯޅި އާއި މާމެންދޫ ޔުނައިޓެޑަށް

24 ޖުލައި 2022 - 16:04 0

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ލ. އަތޮޅު މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން، ގަމު ތުނޑި ގޯޅި ސްޕޯޓްސް ކްލަބުން ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މާމެންދޫ ޔުނައިޓެޑުން ހޯދައިފި އެވެ.

އިއްޔެ ހަވީރު ފޮނަދޫ ބަރާސީލް ވޮލީ ކޯޓުގައި ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލުން ތުނޑި ގޯޅި ސްޕޯޓްސް ކްލަބް މޮޅުވީ ފުރަތަމަ ދެ ސެޓު، ފޮނަދޫ މެދު އަވަށް ސްޕޯޓްސް ކްލަބުން ގެންގޮސްފައިވަނިކޮށް 3-2 ސެޓުންނެވެ. ރޭ ކުޅުނު މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލު ވެސް ފަސް ސެޓު ކުޅެން ޖެހުނުއިރު، ފޮނަދޫ ޒުވާނުންގެ ރޫހު އަތުން މާމެންދޫ 3-2 ސެޓުން ވަނީ މޮޅުވެފަ އެވެ.

އަންހެން ޑިވިޝަން ފައިނަލުގައި ފުރަތަމަ ދެ ސެޓު ފޮނަދޫ އިން ގެންދިޔައީ 27-25 އާއި 25-18 އިންނެވެ. އެ ޓީމުގެ ހައްވާ ރާޝިދާ (ހައްވަ) އާއި މަރިޔަމް އަޒީފާ (އައްޒަ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ތުނޑި ގޯޅި ސްޕޯޓްސް ކްލަބުން ފައިނަލް ކުޅުނުއިރު، އެ ޓީމުގެ މުހިންމު ކުޅުންތެރިޔާ އައިޝަތު މާޖިދާ ވަނީ ޓީމާ ގުޅިފަ އެވެ. މާޖިދާ އާއި ފާތިމަތު މަޒިއްޔާ އަދި މަރިޔަމް އަޒުމާގެ މޮޅު ކުޅުމާ އެކު ފަހު ތިން ސެޓުން ތުނޑި ގޯޅި ސްޕޯޓްސް ކްލަބް މޮޅުވި އެވެ. ސެޓުތައް ގެންދިޔައީ 22-25، 24-16 އަދި 11-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މާޖިދާ އެވެ.

އަންހެން ޑިވިޝަންގެ މޮޅު ކުޅުންތެރިއަކީ ތުނޑި ގޯޅި ޓީމުގެ އަޒުމާ އެވެ. މޮޅު ކޯޗަކީ ތުނޑި ގޯޅި ސްޕޯޓްސް ކުލަބްގެ އަބްދުލް އަޒީޒް އިބްރާހިމް އެވެ.

ތުނޑި ގޯޅި ސްޕޯޓްސް ކްލަބުން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ދެން.އެމްވީ


ޑްރީމް ޓީމުގައި ހިމެނެނީ ތުނޑި ގޯޅި ޓީމުގެ މަޒިއްޔާ، އަޒުމާ، މަރިޔަމް ޝިޒާނާ، ފޮނަދޫ މެދު އަވަށުގެ، އައްޒަ އާއި ހައްވަ އަދި މާމެންދޫގެ ހައްވާ ސައުޝަން އަދި ލިބަރޯ، އައިމިނަތު ލިފްސާ އެވެ. އެކާވީސް އަހަރުން ދަށުގެ މޮޅު ކުޅުންތެރިއަކީ އަކިރިކޮޅު ސްޕޯޓްސް ކްލަބްގެ އައިޝަތު ޝަހާ ޝަރީފް އެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލުގައި ރޭ ފުރަތަމަ ސެޓު ގެންދިޔައީ ފޮނަދޫ ޒުވާނުންގެ ރޫހުންނެވެ. އަލީ މައުރޫފް (މާއްޓޭ) ހިމެނޭ ފޮނަދޫ ޓީމުން ފުރަތަމަ ސެޓު ގެންދިޔައީ، 25-22 އިންނެވެ. އެކަމަކު، މާމެންދޫން ވަރުގަދަކޮށް އެނބުރި އައިސް ދެން ކުޅުނު ދެ ސެޓު ގެންދިޔަ އެވެ. ގުޑީސް ސްޕޯޓްސް ކްލަބާ އެކު ކާމިޔާބު ސީޒަނެއް ނިންމާލި ހުސެއިން ޔޫސުފް (ޓޯއި) އާއި ދިވެހި ސިފައިންގެ ކްލަބަށް ކުޅޭ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ މާއިދު މުހައްމަދު ހަލީލްގެ މޮޅު ކުޅުމާ އެކު، މާމެންދޫން ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ގެންދިޔައީ 19-25، 26-25 އިންނެވެ. އެކަމަކު، ހަތަރު ވަނަ ސެޓު، 25-17 އިން ގެންގޮސް ފޮނަދޫން ވަނީ މެޗު ފަސް ސެޓަށް ގެންގޮސްފަ އެވެ. މާ ބޮޑު ޕްރެޝަރެއް ނެތި މާމެންދޫން ފަސް ވަނަ ސެޓު، 10-15 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގެ މޮޅު ކުުޅުންތެރިއަކީ މާމެންދޫގެ އަހުމަދު ނާއިލް އެވެ. ޑްރީމް ޓީމުގައި މާއްޓޭ އާއި އަހުމަދު ލަތީފް އަދި ލިބަރޯ، އަދުހަމް އިބްރާހިމްހެ އިތުރުން، މާމެންދޫގެ ނާއިލް އާއި މާއިދު އަދި ޓޯއި ވެސް ހިމެނެ އެވެ. ދެން ހިމެނެނީ މުންޑޫގެ މުހައްމަދު ތަހުސީން އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ތުނޑި ގޯޅި ސްޕޯޓްސް ކްލަބްގެ މުހައްމަދު ސަންވީލް އެވެ.

މިހާތަނަށް ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕްގެ ފ، ގދ، ލ އަދި ދ އަތޮޅު މުބާރާތް ވަނީ ނިމިފަ އެވެ. އެންމެ ފުރަތަމަ ބޭއްވި، ފ. އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބިލެއްދޫން ހޯދިއިރު، އަންހެން ޑިވިޝަން ތަށި ގެންދިޔައީ މަގޫދޫ އިންނެވެ. ގދ. އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވާދޫ (ސޮސައިޓީ ފޯ ވާދޫ ޔޫތު) އިން ހޯދިއިރު، އަންހެން ޑިވިޝަނުގެ ތަށި ފިޔޯރީ (ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް އެމްޕަވާމަންޓް) އިންނެވެ. އަދި ދާދި ފަހުން ނިމުނު ދ. އަތޮޅުގެ މުބާރާތުގައި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހުޅުދެލި އައިލެންޑް ޔޫތު އެސޯސިއޭޝަނެވެ. އަދި އަންހެން ޑިވިޝަނުގެ ތަށި އުފުލާލީ ކުޑަހުވަދޫ ޒުވާނުންގެ ރޫހު ޓީމުންނެވެ.