Advertisement

ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕް: ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި ފޮނަދޫ ވެސް ފެށީ މޮޅަކުން

18 ޖުލައި 2022 - 10:22 0

ފޮނަދޫ ޓީމުގެ މާއްޓޭ އަށް މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: ލ އަތޮޅު ކައުންސިލް


ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕް: ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި ފޮނަދޫ ވެސް ފެށީ މޮޅަކުން

18 ޖުލައި 2022 - 10:22 0

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު އަންހެން ޑިވިޝަންގައި ކުޅުނު ލ. އަތޮޅު މުބާރާތުގެ މެޗުން ގަމު ތުނޑި ގޯޅި ސްޕޯޓްސް ކްލަބް މޮޅުވިއިރު، ފިރިހެން ޑިވިޝަނުގެ މެޗުން ރޭ ފޮނަދޫ ޒުވާނުންގެ ރޫހުން ކާމިޔާބު ހޯދައިފި އެވެ.

ލ. އަތޮޅު މުބާރާތުގައި އަންހެން އަދި ފިރިހެން ކޮންމެ ޑިވިޝަނެއްގައި ހަތަރު ޓީމު ވާދަކުރާއިރު، ކޮންމެ ޓީމެއް މިހާރު ވަނީ މެޗެއް ކުޅެފަ އެވެ. މެޗުތައް ކުރިއަށްދަނީ ފޮނަދޫ ބަރާސިލް ވޮލީ ކޯޓުގަ އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު އަންހެން ޑިވިޝަނުގެ މެޗުން ތުނޑި ގޯޅި ސްޕޯޓްސް ކްލަބް މޮޅުވީ ފަހަތުން އަރަ އެވެ. ފުރަތަމަ ސެޓު، ފޮނަދޫ މެދު އަވަށް ސްޕޯޓްސް ކްލަބުން ގެންގޮސްފައިވަނިކޮށެވެ. ފުރަތަމަ ސެޓު ފޮނަދޫ ޓީމުން ގެންދިޔައީ 17-25 އިންނެވެ.

ތުނޑި ގޯޅި ސްޕޯޓްސް ކްލަބް އަންހެން ޓީމުގެ އަޒްމާ އަށް މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކުރަނީ


އެކަމަކު، ދެން ކުުޅުނު ތިން ސެޓު ގެންގޮސް، ތުނޑި ގޯޅި ސްޕޯޓްސް ކްލަބް މެޗުން މޮޅުވީ އެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ، 25-15، 25-15 އަދި 25-13 އިންނެެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ތުނޑި ގޯޅި ސްޕޯޓްސް ކްލަބަށް ކުޅޭ ގައުމީ ވޮލީ ޓީމުގައި ހިމެނޭ މަރިޔަމް އަޒްމާ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން ފޮނަދޫ ވަނީ ފަސޭހަކަމާ އެކު މުންޑޫ ޒުވާނުންގެ ޖަމިއްޔާ އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 25-20، 25-19 އަދި 25-21 އިންނެވެ. ފޮނަދޫ ޓީމުން ސެޓުތައް ގެންދިޔައީ ކުރިން ގައުމީ ޓީމަށް ކުޅުމުގެ އިތުރުން ޕޮލިސް ކްލަބާ އެކު ގައުމީ ލެވަލްގެ ގިނަ ކާމިޔާބީތަކެއް ހޯދި ސެޓަރު، އަލީ މައުރޫފް (މާއްޓޭ) އެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި އަންހެން ޑިވިޝަނުގައި ތުނޑި ގޯޅި ސްޕޯޓްސް ކްލަބް ކުޅޭނީ އަކިރިކޮޅު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މިރޭ ކުޅޭ ފިިރިހެން ޑިވިޝަން މެޗުގައި ބައްދަލުކުރާނީ ފުރަތަމަ މެޗުން ބަލިވި، ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާ އެވެ. މި ދެ ޓީމު ވެސް މުބާރާތް ފެށީ ބައްޔަކުންނެވެ.