20 ޖުލައި 2022 - 11:22 1
ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މާމެންދޫ ޓީމުގެ ޓޯއި.
20 ޖުލައި 2022 - 11:22 1
މިހާރު ކުރިއަށްދާ ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕްގެ ލ. އަތޮޅު މުބާރާތުގެ އަންހެން ޑިވިޝަނުގައި ފޮނަދޫ މެދު އަވަށް ސްޕޯޓްސް ކްލަބް މޮޅުވިއިރު، ފިރިހެން ޑިވިޝަނުގައި ވާދަކުރާ މާމެންދޫ ޔުނައިޓެޑް ޓީމުން ވަނީ ދެ ވަނަ މޮޅު ހޯދައިފި އެވެ.
ފޮނަދޫ މެދު އަވަށް އަންހެން ޑިވިޝަނުގައި ކުުޅުުނު ފުރަތަމަ މެޗުން ބަލިވީ ގަމު ތުނޑި ގޯޅި ސްޕޯޓްސް ކްލަބް އަތުންނެވެ. އެކަމަކު، އިއްޔެ ހަވީރު ވަނީ ސީދާ ތިން ސެޓުން މާމެންދޫ ޔުނައިޓެޑް ބަލިކޮށްފަ އެވެ.
ފޮނަދޫ ބަރާސިލް ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ މާމެންދޫ އަތުން ފޮނަދޫ މެދު އަވަށް މޮޅުކޮށްދޭން އެންމެ އިސް ރޯލެއް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިޔާ، މަރިޔަމް އަޒީފާ (އައްޒަ) އާއި ހައްވާ ރާޝިދާ (ހައްވަ) އެވެ. ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހައްވަގެ އިތުރުން އައްޒަ ވަނީ މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ރަަނަރަޕް ހޯދި ޕޮލިސް ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ފޮނަދޫ މެދު އަވަށް ޓީމުން ސެޓުތައް ގެންދިޔައީ 25-13، 25-16 އަދި 25-12 އިންނެވެ. މާމެންދޫން ވަނީ ފުރަތަމަ މެޗުގައި ތުނޑި ގޯޅި ސްޕޯޓްސް ކްލަބް ބަލިކުރީ ސީދާ ތިން ސެޓުންނެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުން މާމެންދޫ ފިރިހެން ޓީމު ވަނީ 3-2 ސެޓުން ފޮނަދޫ މެދު އަވަށް ޓީމު ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-17، 21-25، 25-22 އަދި 25-15 އިންނެެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ، މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ތިން ތަށި ކާމިޔާބުކުރި ގުޑީސް ސްޕޯޓްސް ޓީމުގެ ކުޅުންތެރިޔާ ހުސެއިން ޔޫސުފް (ޓޯއި) އެވެ.
ލީގު އުސޫލުން އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ކުރިއަށްދާއިރު، އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއް ކޮންމެ ޑިވިޝަނަކުން ފައިނަލަށްދާނެ އެވެ.
މުބާރާތުގައި މިއަދު އޮތީ، އަންހެން ޑިވިޝަނުގައި އަކިރިކޮޅު ސްޕޯޓްސް ކްލަބާއި ފޮނަދޫ މެދު އަވަށް ކުޅޭ މެޗާއި ފިރިހެން ޑިވިޝަނުގައި ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި ފޮނަދޫ ޒުވާނުންގެ ރޫހު ކުޅޭ މެޗެވެ.
Comment