19 ޖުލައި 2022 - 12:41 0
19 ޖުލައި 2022 - 12:41 0
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ލ. އަތޮޅު މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ތުނޑި ގޯޅި ސްޕޯޓްސް ކްލަބުން އަންހެން ޑިވިޝަނުގެ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލިއިރު، މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިން ފުރަތަމަ މޮޅު ހޯދައި އުންމީދު ދަމަހައްޓައިފި އެވެ.
އަންހެން ޑިވިޝަނުގައި ތުނޑި ގޯޅި ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުން ވަނީ ފަަހަތުން އަރައި ފޮނަދޫ މެދު އަވަށް ސްޕޯޓްސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ތުނޑި ގޯޅި ސްޕޯޓްސް ކްލަބް މޮޅުވީ އަކިރިކޮޅު ސްޕޯޓްސް ކްލަބް އަތުން ސީދާ ތިން ސެޓުންނެވެ.
ތުނޑި ގޯޅި ސްޕޯޓްސް ކްލަބުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-14، 25-21 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ތުނޑި ގޯޅި ސްޕޯޓްސް ކްލަބަށް ކުޅޭ ގައުމީ ޓީމުގެ މަރިޔަމް އަޒްމާ އެވެ. އަޒްމާ ވަނީ ފުރަތަމަ މެޗުގެ ވެސް މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ.
އަންހެން ޑިވިޝަނުގެ ލީގު ބުރުގެ ފަހު މެޗުގައި ތުނޑި ގޯޅި ސްޕޯޓްސް ކްލަބް ކުޅޭނީ މާމެންދޫ ޔުނައިޓެޑާ އެވެ.
ފިރިހެން ޑިވިޝަނުގައި ފުރަތަމަ ކުޅުނު މެޗުތަކުން، ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާ ބަލިވެފައި އޮތުމުން ރޭގެ މެޗަށް ނުކުތްއިރު، މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅެން ދެ ޓީމަށް ވެސް އޮތީ މުހިންމުވެފަ އެވެ. ރޭގެ މެޗުން މުންޑޫ މޮޅުވީ ފަހަތުން އަރައި 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު ތުނޑީ ޓީމުން ގެންދިޔައީ 25-15 އިންނެވެ. އެކަަމަކު، މުންޑޫ އިން ދެން ކުޅުނު ތިން ސެޓު، 22-25، 22-25 އަދި 18-25 އިން ގެންގޮސް މެޗުން މޮޅުވީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މުންޑޫގެ މުހައްމަދު ތަހުސީން އެވެ.
މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު އަންހެން ޑިވިޝަންގެ މެޗުގައި މާމެންދޫ އާއި ފޮނަދޫ މެދު އަވަށް ސްޕޯޓްސް ކްލަބް ކުޅޭނެ އެވެ. އަދި މިރޭގެ މެޗުގައި ފިރިހެން ޑިވިޝަނުގައި ވެސް ކުޅޭނީ މާމެންދޫ އާއި ފޮނަދޫ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ފޮނަދޫ ބަރާސީލް އަވަށު ވޮލީ ކޯޓުގަ އެވެ.
Comment