Advertisement

ވޮލީ ރެފްރީ ކުނޑި އަހުމަދު ސަލީމް އޭޝިއާގެ ބޮޑު މުބާރާތަކަށް

20 ޖުލައި 2022 - 07:28 0

ރާއްޖޭގެ ވޮލީ މެޗެއްގެ ތެރެއިން ކުނޑި އަހުމަދު ސަލީމް: އޭނާ އަށް ވަނީ އޭވީސީ ޗެލެންޖް ކަޕްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިފައި.--- ފޮޓޯ: އަދަދު


ވޮލީ ރެފްރީ ކުނޑި އަހުމަދު ސަލީމް އޭޝިއާގެ ބޮޑު މުބާރާތަކަށް

20 ޖުލައި 2022 - 07:28 0

އަންނަ މަހު ކިރްގިސްތާންގައި ކުރިއަށްގެންދާ ތިން ވަނަ އޭވީސީ ޗެލެންޖް ކަޕްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ ތަޖުރިބާކާރު ވޮލީބޯޅަ ރެފްރީ، ކުނޑި އަހުމަދު ސަލީމަށް ލިބިއްޖެ އެވެ.

ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ރެފްރީސް ކޮމިޝަން މެމްބަރު ކަމާއި ޓެކްނިކަލް ކޮމިޝަން މެމްބަރުކަން ފުރަމުން އަންނަ ކުނޑި އަހުމަދު އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ވޮލީބޯޅަ ރެފްރީ އެވެ.

ދާދި ފަހުން މާލޭގައި ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ގިނަ މެޗުތަކެއްގައި ރެފްރީކަން ކުރި ކުނޑި އަހުމަދަކީ ނިމިދިޔަ ވޮލީބޯޅަ ސީޒަނުގައި ވެސް މުހިންމު މެޗުތަކުގައި އިންސާފުކުރި ރެފްރީ އެވެ. ކުނޑި އަހުމަދަށް ފުރުސަތު ލިބިގެންދިޔަ، އޭވީސީ ޗެލެންޖް ކަޕް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހު، 28 އިން ސެޕްޓެމްބަރު ހަތަަރަކަށެވެ. މުބާރާތް ކުރިއަށްދާނީ ކިރްގިސްތާންގެ ޗޮލްޕޯން އާޓާގަ އެވެ.

އޭވީސީ ޗެލެންްޖް ކަޕް އެންމެ ފުރަތަމަ ބޭއްވީ 2018 ވަނަ އަހަރު ސްރީ ލަންކާ އެވެ. އެ ފަހަރު ފައިނަލުގައި އިރާގުން ވަނީ ސައުދީ އަަަރަބިއްޔާ ބަލިކޮށްފަ އެވެ. އަދި ތިން ވަނަ ހޮވި މެޗުގައި ލަންކާ އިން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

ވޮލީބޯޅައިގެ އޭޝިއާ ލެވަލްގެ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށްފައިވާ ކުނޑި އަހުމަދުގެ ތަޖުރިބާ ވަރަށް ބޮޑެވެ. އޭނާ ވޮލީބޯޅަ އަށް މެދުނުކެނޑި ހިދުމަތްކޮށްދޭތާ މިހާރު 25 އަހަރު ވަނީ ފުރިފަ އެވެ.

ކްލަބް ލެގޫންސަށް ނުވަދިހައިގެ އަހަރުތަކުގައި ފުޓްބޯޅަ ކުޅުނު ކުނޑި އަހުމަދު ވަނީ ފުޓްބޯޅައިގެ ޔޫތު ޑިވެލްޕްމަންޓް (ވައިޑީޕީ) ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ގިނަ ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމުގައި އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ކުނޑި އަހުމަދު، ވޮލީ ރެފްރީކަން ފެށީ، 1996 ވަނަ އަހަރު އަސާސީ ކޯހެއްގެ ގޮތުގައި ވޮލީބޯޅަ ރެފްރީކަން ދަސްކޮށްގެންނެވެ. އެ ހިސާބުން ފެށިގެން އޭނާ ވޮލީބޯޅަ ރެފްރީކަން ނުކުރާ ލެވަލެއް ނެތެވެ. ރަށު ފެންވަރު މުބާރާތްތަކުން ފެށިގެން، އޭޝިއާ ލެވަލާ ހަމައަށް ވޮލީބޯޅަ ކޯޓުތަކުގައި ރެފްރީކަން ކުރުމަށް ބަލާއިރު އޭނާގެ ނަން ހިނގަ އެވެ.

ރާއްޖޭގައި ބޭއްވި އެކި އިންވިޓޭޝަނަލް މުބާރާތްތަކާއި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއްގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުނޑި އަހުމަދު ވަނީ ރެފްރީކަން ކޮށްފަ އެވެ. އޭގެ ތެރޭގައި އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގެ މުހިންމު މެޗުތައް ހިމެނެ އެވެ. ސަރަހައްދުގައި ހުރި އެންމެ ޖެހިލުންކުޑަ މަދު ރެފްރީންގެ ތެރޭގައި ކުނޑި އަހުމަދުގެ ނަން ޔަގީނުން ވެސް ހިމެނޭނެ އެވެ.