Advertisement

ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕް: ލ. އަތޮޅުގެ ފުރަތަމަ މޮޅު އަކިރިކޮޅާއި މާމެންދޫ އަށް

17 ޖުލައި 2022 - 15:52 0


ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕް: ލ. އަތޮޅުގެ ފުރަތަމަ މޮޅު އަކިރިކޮޅާއި މާމެންދޫ އަށް

17 ޖުލައި 2022 - 15:52 0

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ލ. އަތޮޅު މުބާރާތް ފޮނަދޫގައި އިއްޔެ ހަވީރު ފެށިއިރު، އަންހެން ޑިވިޝަނުގެ ފުރަތަމަ މޮޅު އަކިރިކޮޅު ސްޕޯޓްސް ކްލަބުން ހޯދިއިރު، ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުން މާމެންދޫ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

މުބާރާތުގައި އަންހެން ޑިވިޝަނުން ހަތަރު ޓީމު ބައިވެރިވިއިރު، ފިރިހެން ޑިވިޝަނުން ވެސް ވަނީ ހަތަރު ޓީމު ބައިވެރިވެފަ އެވެ.

ފޮނަދޫ ބަރާސިލް އަވަށު ކޯޓުގައި ކުރިއަށްދާ މި މުބާރާތް އިއްޔެ ހަވީރު ފެށިއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ.

އިއްޔެ ހަވީރު ކުޅުނީ އަންހެން ޑިވިޝަނުގައި އަކިރިކޮޅު ސްޕޯޓްސް ކްލަބާއި މާމެންދޫ ޔުނައިޓެޑް މެޗުންނެވެ. ފޯރިގަދަ ކުޅުމަކަށް ފަހު މި މެޗު 3-2 ސެޓުން ކާމިޔާބުކުރީ އަކިރިކޮޅު ސްޕޯޓްސް ކްލަބުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 17-25، 25-15، 21-25، 25-16 އަދި 13-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަކިރިކޮޅު ޓީމުގެ ޒުލޭހާ އެވެ.

މުބާރާތުގައި ރޭ ކުޅުނީ ފިރިހެން ޑިވިޝަނުގެ މެޗެކެވެ. ތުނޑި ގޯޅި ސްޕޯޓްސް ކްލަބް އަތުން މާމެންދޫ ޔުނައިޓެޑް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މާމެންދޫ ޓީމުން ސެޓުތައް ގެންދިޔައީ، 25-16، 25-10 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކްލަބަށް މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ކުޅުނު، ގައުމީ ޓީމުގައި ވެސް ހިމެނޭ މާމެންދޫގެ މާއިދު މުހައްމަދު ހަލީލް އެވެ.

މާމެންދޫ ޓީމުގެ މާއިދު (ކ)އާ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކުރަނީ.


ލީގު އުސޫލުން އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ކުރިއަށްދާއިރު، އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއް ކޮންމެ ޑިވިޝަނަކުން ފައިނަލަށްދާނެ އެވެ. އަންހެން ޑިވިޝަނުގައި އަކިރިކޮޅާއި މާމެންދޫ ޔުނައިޓެޑްގެ އިތުރުން ދެން ހިމެނެނީ ތުނޑި ގޯޅި ސްޕޯޓްސް ކްލަބް އަދި ފޮނަދޫ މެދު އަވަށް ސްޕޯޓްސް ކްލަބް އެވެ. ފިރިހެން ޑިވިޝަނުގައި މާމެންދޫ އާއި ތުނޑި ގޯޅީ ސްޕޯޓްސް ކްލަބްގެ އިތުރުން ދެން އޮތީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި ފޮނަދޫ ޒުވާނުންގެ ރޫހު އެވެ.

ލ. އަތޮޅަކީ ގައުމީ ލެވަލްގެ ގިނަ އަަދަދެއްގެ ވޮލީ ކުޅުުންތެރިން ނެރޭ ރަށްތަކެއް ހިމެނޭ އަތޮޅެކެވެ. އަތޮޅު ފެންވަރުގަޔާއި ރަށު ފެންވަރުގައި އަހަރެއްގެ މައްޗަށް ލ. އަތޮޅުގައި ގިނަ މުބާރާތްތަކެއް ކުރިއަށްދެ އެވެ.

ވީއޭއެމުން ނިންމާފައި އޮތީ, ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާުތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ. އެ ގޮތުން ފުރުސަތު އޮތް އަތޮޅުތަކުން އަންހެން އަދި ފިރިހެން ދެ ޑިވިޝަން ވެސް ކުޅެންވީ އެވެ.

އަތޮޅު މުބާރާތް ނިމުމަށް ފަހު ދެން އޮންނާނީ ހަތް ޒޯން މުބާރާތެވެ. ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ތިނެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

އަތޮޅު މުބާރާތް އަލުން ކުރިއަށްދާއިރު، ފެންނާނެ އެންމެ ބޮޑު ބަދަލަކީ މި މުބާރާތުގެ ތެރެއިން ހުޅުވިފައި އޮތް ފުރުސަތެވެ. އެ ގޮތުން އަތޮޅު މުބާރާތުގެ ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ހަތް ޒޯން ޗެމްޕިއަނުން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުުރުގައި ކުޅެގެންނެވެ. މި ފަހަރުގެ ޒޯން ޗެމްޕިއަނުން އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕަށް ކޮލިފައިވާނެ އެވެ.

މިހާތަނަށް ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ މުބާރާތާއި ގދ. އަތޮޅުގެ މުބާރާތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ލ. އަތޮޅު މުބާރާތުގެ އިތުރުން ދ އަތޮޅުގެ މުބާރާތް ވެސް މި ވަގުތު ކުރިއަށް އެބަދެ އެވެ.