Advertisement

އިގްތިސާދީ ކާރިސާއަކަށް ނުގޮސް ގައުމު ސަލާމަތްކުރަން މަސައްކަތްކުރިން: ގޮތަބަޔަ

17 ޖުލައި 2022 - 09:57 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އިގްތިސާދީ ކާރިސާއަކަށް ނުގޮސް ގައުމު ސަލާމަތްކުރަން މަސައްކަތްކުރިން: ގޮތަބަޔަ

17 ޖުލައި 2022 - 09:57 0

އިގްތިސާދީ ކާރިސާއަކަށް ނުގޮސް ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވި ކަމަށް އިސްތިއުފާ ދެއްވި ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށް ރައީސް އިސްތިއުފާ ދިނުމަށް ޑިމާންޑު ކުރަމުންދަނިކޮށް އެގައުމުން ފިއްލަވަން ގޮތަބަޔަ ވަޑައިގަތީ ރާއްޖެއަށެވެ. އަދި، އެއަށްފަހު ސިންގަޕޫރަށް ވަޑައިގެން އިސްތިއުފާ ސިޓީ ހުށަހެޅުއްވި އެވެ.

އިސްތިއުފާ ސިޓީގައި ގޮތަބަޔަ ވަނީ ލަންކާގެ ކާރިސާއަކީ އެމަނިކުފާނުގެ ވެރިކަމުގެ ކުރިން ފެށިގެން ވެސް ބޯމަތިވަމުން އައި ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި، ކޮވިޑް-19 އާ ގުޅިގެން ބޭރުގެ އާމްދަނީ އެއްކޮށް ބަންދުވުމަކީ ވެސް މައިގަނޑު ސަބަބެއް ކަމަށް ފާހަގަކުރެއްވި އެވެ.

ކާރިސާއިން ސަލާމަތްކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ގޮތަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ވެސް ހުށަހެޅުއްވި ކަމަށް އެމަނިކުފާނުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަންނަ އަންގާރަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި އާ ރައީސެއް ހޮވުމުގެ މަސައްކަތް ފަށާނެ އެވެ. އަދި، ބުދަ ދުވަހު މަޖިލީހުގައި ވޯޓު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ އަދި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދަސާ ވަނީ ވާދަކުރައްވާނެކަން ހާމަކުރައްވާފަ އެވެ. އޭގެ ތެރެއިން ރާޖަޕަކްސާގެ ޕާޓީން ތާއީދުކުރަނީ ރަނިލްއަށެވެ.

ގާތްގަނޑަކަށް 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގެ އިންފްލޭޝަން ރޭޓު ހުރީ 54.6 ޕަސެންޓުގަ އެވެ. އެގައުމުން ތެޔޮ ހުސްވިތާ ތިން ހަފްތާ ވަނީ ވެފަ އެވެ. ނަމަވެސް، މިއަދު ވަނީ ޑީސަލް ލިބިފަ އެވެ. އަދި، ފެށޭ ހަފްތާގެ ތެރޭގައި އިތުރު ތެޔޮ ޝިޕްމަންޓުތައް އެގައުމަށް ލިބޭނެ އެވެ.