14 ޖުލައި 2022 - 08:17 0
ފާތިމަތު އަޖްފާން
ފެހެންދޫ ސެޓްލައިޓް ސްކޫލުގައި ކިޔަވައިދެނީ: މި ސްކޫލުގައި ކިޔަވަނީ 27 ދަރިވަރުން-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
14 ޖުލައި 2022 - 08:17 0
ޒަމާނުއްސުރެ ދިވެހީންނަކީ ތައުލީމަށް އިސްކަން ދިން ބައެކެވެ. އެމީހުންގެ ދަރީން މާލެއަށް ފޮނުވައިގެން ކިޔަވައިދެމުން އައި ބައެކެވެ. ފުދުންތެރި މީހެެއްނަމަ ދަރިން ރަށުގައި ބަހައްޓައިގެން ކިޔަވައެއް ނުދެ އެވެ. މިއީ މިހާރުގެ ވެސް ހާލަތެވެ.
ކިތަންމެ ބޮޑު ހަރަދެއް ކޮށްގެން ނަމަވެސް ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދޭން މަސައްކަތް ކުރެ އެވެ. ހާއްސަކޮށް އުފަން ރަށުގައި ފުދޭ މިނަވްރެއްގެ ތައުލީމު ނެތް ނަމަ އެވެ. ނުވަތަ ރަނގަޅު ތައުލީމެއް ދެވޭނެ ފެންވަރު ނެތް ކަމަށް ގަބޫލު ކުރެވޭ ނަމަ އެހެން ރަށްރަށަށް ފޮނުވަ އެވެ. ނުވަތަ އާއިލާއެއްކޮށް އެންމެން ރަށުން ހިޖުރަ ކުރެ އެވެ.
ބ. ފެހެންދޫ އާއި ވ. ތިނަދޫގެ ތައުލީމުގައި ސިއްކަ ޖަހާ ނިންމާލަން ޖެހުނީ މީގެ 15 އަހަރު ކުރިންނެވެ.
ގާތްގަނޑަކަށް 300 މީހުން ދިރިއުޅޭ ފެހެންދޫގެ އާބާދީ މަދުވުމުން 2008 ވަނަ އަހަރު އެރަށު ސްކޫލު ބަންދު ކުރި އެވެ. ސްކޫލަށް ދާން ހުރަސް ކުރަން ޖެހެނީ ފެހެންދޫއާ އެއް ފަޅެއްގައި އޮންނަ ގޮއިދޫ ސްކޫލަށެވެ.
ފުރަތަމަ ދަތުރު ކުރަމުން ދިޔައީ ކުޑަ ޑިންގީއެއްގަ އެވެ. ގާތްގަނޑަކަށް ހަތް މިނެޓު ދަތުރަށް ނެގި ނަމަވެސް ތުއްތު ކުދިންތަކަކަށް ކޮންމެ ދުވަހަކު ފަޅެއް ހުރަސްކޮށް ދަތުރު ކުރުން އެއީ ފަސޭހަ ކަމަކަށް ނުވާނެކަން ޔަގީނެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު އެ ކުދިން ކިޔެވުމަށް ކުރާ ދަތުރަށް ވެސް ބަދަލު އާދެ އެވެ. ވާރޭ ވެހި ކަނޑު ގަދަ ދުވަސްތަކުގައި ސްކޫލަށް ދާން ޖެހެނީ ބިޔަ ރާޅުތަކުތެރޭ ތެމި ފޯވެގެންނެވެ.
އާބާދީގައި ގާތްގަނޑަކަށް 200 މީހުން ދިރިއުޅޭ ތިނަދޫގެ ހާލަކީ ވެސް މިއީ އެވެ. އެ ރަށުގައި އެންމެ ފަހުން ކިޔަވައިދީފައި ވަނީ މީގެ 15 އަހަރު ކުރިން 2006 ގަ އެވެ. އެންމެ ތިން ކުދިންނާއެކު ކިޔެވުން ކުރިއަށް ނުގެންދެވިގެންނެވެ. ކަން މިހެން އޮތްއިރު އެއްވެސް އަސާސީ ހިދުމަތެއް ލިބޭނެ ފަދަ ވެސް އެ ރަށުގައި އޭރު ނެތުމުން އެހެން ރަށްރަށަށް މީހުން ހިޖުރަކުރީ އެވެ.
ނަމަވެސް 15 އަހަރަށްފަހު އުފަން ރަށުގައި، މައިންބަފައިން ކައިރީ ތިބެ ކިޔަވަން ލިބުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟ އަމިއްލަ ރަށުގައި ހުރި ސްކޫލަކުން ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ނެރެ މޮޅު މީހަކަށް ވާން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟
ރަށުގައި ހުރެ ހުރިހާ ހިދުމަތެއް އެއް ތަނަކުން ބޭނުން ނުވާނެ މީހަކު ނޫޅޭނެކަން ޔަގީނެވެ. ނަމަވެސް ރާއްޖޭގެ އާބާދީ މަދު ރަށްތަކަށް ހުރިހާ ކަމެއްގައި ހުރަހެވެ.
ހެލްތް ސެންޓަރެއް ހުރި ނަމަވެސް ވިހަން ދާން ޖެހެނީ ކައިރި ރަށަކަށެވެ. ތަނަކަށް ތަދުވެ، ބިންދައިގެން ގޮސްގެން ނޫނީ ހުން އައިސްގެން ވިޔަސް ދާން ޖެހެނީ ކައިރީ އޮންނަ ރަށަށެވެ. ރައްޔިތުން ކުރިމަތިލާންޖެހޭ ހަގީގަތަކީ ކަމެއްވެގެން ސެންޓަރަށްދާއިރު އެތަނުގައި ހިދުމަތް ދޭނެ އާލާތްތައް ނެތުމެވެ.
އާބާދީ މަދު ރަށްރަށުގައި ސަރުކާރުން ކަންކަން ހިންގުމާއި ހިދުމަތްތައް ފޯރުކޮށްދިނުމަކީ ބައެއްފަހަރު ދަތިކަމެކެވެ. ތައުލީމީ ދާއިރާގެ ކަންކަން ވެސް އޮތީ މިހެންނެވެ.
ތައުލީމު ގާނޫނުގެ ތިން ވަނަ މާއްދާގައި ބަޔާންކުރާ އުނގެނުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން ހުރިހާ ކުދިން ޝާމިލުވާނެ ގޮތެއްގެ މަތިން ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ ވަސީލަތްތަކާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ދައުލަތުގެ ވާޖިބެކެވެ.
އެ ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭނެ އެވެ.
ފެހެންދޫ އާއި ތިނަދޫން އެހެން ރަށްތަކަށް ތައުލީމަށް ހިޖުރަކުރި މީހުން ދިރިއުޅެމުން ދިޔައީ ކައިރި ރަށްރަށުގަ އާއި މާލޭގައި ކުއްޔަށެވެ. ކޮވިޑާ ގުޅިގެން އާމްދަނީ ލިބުން ދަތިވެ ރަށަށް ބަދަލުވާން މަޖުބޫރުވީ އެވެ. އެއާއެކު އަނެއްކާ ވެސް އެ ރަށްރަށުގައި ސްކޫލު ހުޅުވާ ކިޔަވައިދޭން ސަރުކާރަށް މަޖުބޫރުވީ އެވެ.
ތައުލީމުގެ އެއްވެސް ކަމެއް ނެތް ވ. ތިނަދޫ އާއި ބ. ފެހެންދޫގެ ބެލެނިވެރިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީ މިދިޔަ ދިރާސީ އަހަރާ އެކު ހަމަޖެހިގެން ރަށުގައި ކިޔެވޭނެ ކަމުގެ އުއްމީދެކެވެ. ތައުލީމަށް ކުރާ 15 އަހަރުވީ ބުރަ ދަތުރަށް ނިމުން އައީ ކަމުގެ ހިތްހަމަޖެހުމެވެ.
ސެޓެލައިޓް ސްކޫލުގައި ކިޔަވައިދޭނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް ކޮންމެ ކްލާސް ރޫމެއްގައި ވެސް މުދައްރިސުން ހާޒިރުވެ ތިބޭނެ އެވެ. އަދި ރެކޯޑިން ސެޝަންތަކުގެ އިތުރުން ވަގުތުން ފޮނުވާ ސެސަންޝައްތައް ދަރިވަރުންނަށް ނެގޭނެ އެވެ.
ސެޓެލައިޓް ސްކޫލްތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ މުދައްރިސުންނެވެ. ސެޓެލައިޓް ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ކޮމްޕިއުޓަރު އަދި އިންޓަނެޓުގެ ހިދުމަތް ހަމަޖައްސާނީ ސަރުކާރުންނެވެ.
ތިނަދޫ ސްކޫލުގައި ކިޔަވައިދޭން ފެށީ އެންމެ ކުއްޖަކާއެކު އެވެ. ނަމަވެސް މިހާރު ވަނީ އެ އަދަދު ހަތަރަކަށް އިތުރުވެފަ އެވެ. ސްކޫލަށް ކުދިން ވަނުން މަދުވި ސަބަބެއް ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް، ޝިފާގް ހުސެއިން ވިދާޅުވި ޓާމެއްގެ މެދުތެރެއިން ކިޔަވައިދޭން ފެށުން ކަމަށެވެ.
"ސެޓްލައިޓް ސްކޫލެއްގަ ކިޔަވައިދޭނެ ގޮތެއް ބެލެނިވެރިންނަކަށް ނޭނގެ. އެއީ ކިހިނެތް ކުރާ ކަމެއްކަން ތަޖުރިބާ ކުރުމަށްފަހު އެ މީހުންގެ ކުދިން ގެންނަން ބޭނުންވެގެން ވެސް ބައެއް ބެލެނިވެރިން ތިބި،" އޭނާ ވިދާޅުވި އެވެ.
ދެން އޮތީ ފެހެންދޫ އެވެ. ދިގު ދަތުރުގައި އެ ރަށުގެ 19 ކުއްޖަކު އެ އަތޮޅު ގޮއިދުއަށް ކިޔަވަންދެ އެވެ. ނަމަވެސް ސެޓްލައިޓް ސްކޫލެއް އެ ރަށުގައި ހުޅުވުމުން މާލެ އާއި ކައިރި ރަށްރަށުގައި ތިބި އާއިލާތައް ވެސް ރަށަށް ބަދަލުވެ އެ ސްކޫލުގައި ކިޔަވާ އަދަދު 27 އަށް އެރި އެވެ.
ސެޓަލައިޓް ސްކޫލު ހިންގުމަށް ސަރުކާރުން ވަނީ ބޮޑު ހަރަދެއްކޮށްފަ އެވެ. އެ ސްކޫލުގައި ކިޔަވާ 31 ދަރިވަރުންނަށް ކިޔަވައިދޭން ފެށުމުގެ ކުރިން ސްކޫލުގެ މަރާމާތަށް އެކަނި ވެސް 3،626،948ރ. ހަރަދުވި އެވެ. މިއީ އެންމެ ދެ ސްކޫލުގެ މަރާމާތެވެ.
- ފޮޓޯ ކޮޕީ މެޝިން އަދި ސްކޭނާ 94،467ރ. - ޓީވީ 96،245ރ. - ކޮމްޕިއުޓާ ސިސްޓަމް 61،650ރ. - ކްރޯމްބުކްސް 854،140ރ. - ދިދަ ޕްރިންޓް ކުރުން 7،950ރ. - ފަރުނީޗަރު 201،248ރ. - އެއާކޮންޑިޝަނާ 29،400ރ.
މިނިސްޓްރީން މިއީ ކިހާ އަދަދެއްގެ އެއްޗިއްސެއް ކަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ތަފާސްހިސާބުތަކުން ކްރޯމްބުކްސް އަށް ބަލާ ނަމަ ކޮންމެ ކުއްޖެއްގެ ލެޕްޓޮޕަށް 27،552ރ. ވަނީ ސަރުކާރުން ހަރަދުކޮށްފަ އެވެ.
ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގް ވިދާޅުވީ އެ ސްކޫލުގައި ދެ ކްލާސްރޫމާއި އޮފީހަކާއި ނުކުޅެދޭ ކުދިންނަށް ހާއްސަ ފާހާނާއެއްގެ އިތުރުން އަންހެން އަދި ފިރިހެން ފާހާނާއަކާއި ގުދަނެއް ހުރި ކަމަށެވެ. ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ހުންނަ ކަމަށާއި ނަމަވެސް މިނިސްޓްރީން އެ ބުނާވަރުގެ ހަރަދެއް ދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރިންސިޕަލް ޓީޗަރުން ކަރަންޓު/ފެން މަސައްކަތު މީހެއް ސެކިއުރިޓީން ނާސްތާ ޕްރޮގްރާމް
ތިން މިލިއަން ރުފިޔާއަކީ އިގްތިސާދު ދަށްވަމުންދާ ދަނޑިވަޅެއްގައި ބޮޑު ހަރަދަކަށްވެދާނެ އެވެ. އެހެންވެ، ހަރަދު ކުރި ފައިސާގެ ނަތީޖާ ރަނގަޅަށް ހޯދަންޖެހެ އެވެ. ގަތް ކްރޯމްބުކްސްތައް ރަނގަޅަށް ބޭނުން ކުރަންޖެހެ އެވެ. ތިން މިލިއަން ރުފިޔާއަކީ ލިބެމުންދާ ތައުލީމާ އަޅާާބަލާއިރު ކުޑަ ހަރަދަކަށް ހަދަންޖެހެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment