Advertisement

"ރުފިޔަލެއް" ގޯސްވެފައި "ރިޔަލެއް" ރަނގަޅު ވަނީީ ކީއްވެ؟

އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


"ރުފިޔަލެއް" ގޯސްވެފައި "ރިޔަލެއް" ރަނގަޅު ވަނީީ ކީއްވެ؟

"ރިޔަލެއް" އެއީ ބަހުގެ ހަމައަށް ފެތޭ ލަފުޒަކަށް ވާއިރު، "ރުފިޔަލެއް" ނުވަތަ "ބަޖިޔަލެއް" އެއީ ބަހުގެ ހަމަތަކާ ހިލާފު ގޮތަކަށް ވަނީ ކޮން ހަމައަކުން ހެއްޔެވެ؟

ސާނަވީ ކުލާހެއްގައި ވަރަށް ފޯރީގައި ކިޔަވައިދީދީ ހުއްޓާ ދަރިވަރަކު އަތް ހިއްލައިލުމަށްފަހު ކޮށްލީ އެ ސުވާލެވެ. ވަރަށް އާދައިގެ ގޮތަކަށް ދަރިވަރަށް ޖަވާބު ކިޔައިދިނީމެވެ. ސަބަބުތައް ބުނެދިނީމެވެ. އެހައި ހިސާބުން ދަރިވަރުގެ މޫނަށް ދެތިން ރޫ އެރި މަންޒަރު ފެނުނެވެ. ދެވުނު ޖަވާބަކީ ރަނގަޅު ޖަވާބު ނޫންބާއޭ ހިތަށް ވެސް އެރީ ދަރިވަރުގެ މޫނުގެ ކުލަވަރު ބަދަލުވީމަ އެވެ.

ލަފުޒުގައި ނުވެސް ނެތް "ލާމެއް" ލަފުޒަށް އިތުރުވީ ކީއްވެ ހެއްޔެވެ؟

ދަރިވަރުގެ މޫނުމަތީގައި ކުރެހުނު ސުވާލު ސާފުވިއެވެ. އާއެކެވެ. ހަގީގަތުގައި ވެސް މިއީ ފިކުރު ހިންގައިލަން ޖެހޭ ސުވާލެއް ކަމަށް ވިސްނުނެވެ. މި ޖީލުގެ ދަރީންނަށް މިއީ ފަހުމުކުރާން ނޭނގިދާނެ މަފުހޫމެއް ކަމަށް ގަބޫލުކުރާން ޖެހުނެވެ. ދަރިވަރުގެ މޫނަށް އަރަމުންދިޔަ ކުލަވަރާއެކު ބޭރުވަމުން ދިޔަ ޝަކުވާގެ ސުވާލުތަކުންނެވެ. އެހައި ހިސާބުން އަސްލު ސުވާލަކީ ކޮބައިތޯ ވެސް ވިސްނައިލަން ޖެހުނެވެ. އާއެކެވެ. ދަރިވަރުގެ ސުވާލުގެ "މަންމަ" ސުވާލަކީ ކޮބައިތޯއެވެ. ދަރިވަރު ކުރީ "މަންމަ" ސުވާލެއް ނޫނެވެ. އެ ސުވާލު މިއޮތީ އެވެ.

ދިވެހިބަހުގައި ނަން އާއްމުކުރާއިރު ލާމެއް އިތުރުވަނީ ކޮން ހަމައަކުން؟

ސުވާލުގެ ޖަވާބަށް ދިޔުމުގެ ކުރިން ދިވެހިބަހުގައި އެކަށައަޅާފައިވާ ގަވާއިދު ފޮތްތަކަށް ނަޒަރެއް ދޫކޮށްލާން ޖެހެ އެވެ. ބައެއް ވާހަކަތައް ފަހުމު ކުރާށެވެ. ފޮތްތަކުގައިވާ މުހިއްމު ވާހަކަތަކަށް ފާޑުކިޔުމުގެ ނަޒަރަކުން ވިސްނައިލަމާ ހިންގަވާށެވެ. މަލާމާތުގެ ނަޒަރަކުން ނޫނެވެ. ވިސްނުމުގެ މީޒާން އިސްކޮށްގެންނެވެ.

އެންމެ ފުރަތަމަ ބަލައިލަން ޖެހެނީ ދިވެހިބަހުގައި ނަން އާއްމުކުރުން މާނަކުރަނީ ކޮން ގޮތަކަށްތޯ އެވެ. މިކަން ދެނެގަތުމަށް އިލްމީ ލެންސު އަމާޒުކޮށްލަން ޖެހެނީ ދިވެހިބަހުން އެކަށައަޅައިފައިވާ ގަވާއިދު ފޮތްތަކަށެވެ. އިނގިލިން ގުނައިލެވޭހާ މަދު ފޮތްތަކެއް ދިވެހިބަހާ ގުޅޭ ގޮތުން، އެއް ޒަމާނެއްގައި ނެރެފައި ހުރި ނަމަވެސް، އެ ހުރިހާ ފޮތެއްގައި ވެސް ނަމުގެ ތައާރަފުގައިވަނީ "އިއްތިފާގަކުން" އެއް އިބާރާތެއް ލިޔެވިފަ އެވެ.

އެ ފޮތްތަކުން ބުރުހާނުކޮށްދެނީ ދިވެހިބަހުގައި ނަން އާންމުކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ، އެ ނަމެއް ބުނުމުން ދޭހަވާ ބާވަތުގެ މީހުން ނުވަތަ ތަކެތީގެ ތެރެއިން ވަކި މީހަކަށް ނުވަތަ ވަކި އެއްޗަކަށް ރައްދު ނުވެ، އެ ބާވަތުގެ ކޮންމެ މީހަކަށް ނުވަތަ އެއްޗަކަށް ރައްދުވާ ގޮތުގައި ހުރުމަށެވެ.

ނަން އާންމުކުރާއިރު މެހޭ އަކުރުތަކާއި ފިލިތަކަކީ ކޮބާ؟

ދިވެހިބަހުގައި ނަން އާންމުކުރުމުގައި ތަފާތު ތަކެއް ހުންނަކަން ފާހަގަކުރެވެއެވެ. ނަމަވެސް، ނަން އާންމު ކުރުމަށް ޓަކައި ބޭނުންކުރާނީ ލަފުޒުގެ ފަހަތަށް ދެ އަކުރެއް ގުޅުވާލައިގެން ނުވަތަ މަހައިލައިގެންނެވެ. އެ ދެ އަކުރަކީ 'އެއް' އަދި 'އަކު' އެވެ. ބައެއް ނަންނަން އާންމުކުރާއިރު ނަމުގެ ބައެއް އަކުރުތަކަށާއި ބައެއް ފިލިތަކަށް ބަދަލު އާދެ އެވެ. ފިޔަވަޅުގެ ނަމުގައި ދިވެހިބަހުގެ ގަވާއިދު ފޮތްތައް އެކުލަވާލެއްވި ދިވެހިބަހުގެ އުސްތާޒުލް ޖީލު، މަރުހޫމު މުހައްމަދު ޖަމީލު ވިދާޅުވެފައި ވަނީ ހ، ށ، ނ، ފ، ދ، ތ، ލ، އ މިއިން އަކުރެއް އިބިފިއްޔަށް ނިމިއްޖެނަމަ، 'އެއް' މަހާއިރު، އަލިފު ކެނޑި ('އެއް'ގައި ހިމެނޭ 'އެ' ކެނޑި) ބަދަލުވެގެން އަންނަ އަކުރުގައި ޖެހޭނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ދައްކަވާފައިވަނީ މެހި؛ މެއްސެއް، ތޮފި؛ ތޮތްޕެއް އެވެ. ބަހަވީ ސައިންސުގެ ދުރުމިން މި ބަދަލު ބަލާ ތައްގަނޑު އެއްހަމަ ކުރާނަމަ މި ހަމަ ފެތެނީ މޯފޯފޮނޮލޮޖިކަލް ބަދަލުތަކުގެ ތެރެއަށެވެ.

ދިވެހިބަހުގެ މޯފޯފޮނޮލިޖީއަކީ ކޮބާ؟

މަޝްހޫރު ބަސްވާރު ޑޭވިޑް ކުރިސްޓަލް ބަޔާންކުރައްވަނީ މޯފޯނޯނޮލޮޖީއަކީ ބަހަވީ ބަހާއެއްގެ (ލިންގުއިސްޓިކް ޔުނިޓެއްގެ) ތެރެއަށް މެހިގެންދާ މާނަ ތަފާތުކޮށްދޭ އެންމެ ކުޑަ އަޑު ނުވަތަ މޯފީމެއްގެ ސަބަބުން އަޑުތައް ގެތި ހިމުންވުމަށް އަންނަ ބަދަލު ނުވަތަ ފޮނޮލޮޖިކަލް ބަދަލުތަކާމެދު ދިރާސާކުރާ އިލްމު ކަމަށެވެ. ދިވެހިބަސް ދިރާސާކުރެއްވުމަށްފަހު، 2017 ވަނަ އަހަރު، "ދިވެހި، ދަ ލޭންގުއޭޖް އޮފް މޯލްޑިވްސް"ގެ ނަމުގައި ދިވެހިބަހާ ބެހޭ ގޮތުން އިނގިރޭސި ބަހުން ފޮތެއް އާއްމުކޮށްފައިވާ ދިރާސާވެރިއެއް ކަމަށްވާ އަމާލިއާ އީ. ޏަނަސަނައިކެދެސިކަން ވިދާޅު ވަނީ ދިވެހި ބަހުން ފާހަގަކުރެވޭ މޯފޯފޮނޮލޮޖިކަލް ބަދަލުތައް ފާހަގަކުރެވެނީ ލަފުޒަށް އަކުރުތައް މެހިގެންދާއިރު ކަމަށެވެ. މިގޮތުން، ފާހަގަކުރެވޭ މޯފޯފޮނޮލޮޖިކަލް ބަދަލުތައް މައިގަނޑު 4 ބަޔަކަށް ބަހައިލެވޭ ކަމަށެވެ. އެއީ

(1) ސީނުގެ އަޑު 'ހާ' އަކަށް ބަދަލުވުން (s- lenition)

(2) އުބުފިލީގެ އަޑު އުނިވުން (U-deletion)

(3) ދެމޭފިލީގެ ފަހަތަށް ލާމު އިތުރުވުން

(4) ތަކުރާރު ސުކުން އަޑު (ޖެމިނޭޓް ކޮންސަނަންޓް)

މި ބަދަލުތަކާއެކު ދިވެހިބަހުގައި ހިމެނޭ މޯފޯފޮނޮލޮޖިކަލް ބަދަލުތަކުން ފާހަގަވާ އެއް ކަމަކީ ބައެއް ހާލަތުގައި ލަފުޒުގެ ނިމުމުގައި ހިމެނޭ ދެމޭފިލިތައް ކުރުފިއްޔަށް ބަދަލުވެގެންދާ ހިނދު 'ލެއް' އިތުރުވާ ކަމަށް ވެސް އެ ފޮތުގައި ބަޔާންކޮށްފައިވެ އެވެ. މިސާލެއްގެ ގޮތުގައި ދައްކައިފައިވަނީ 'ވެލާ' މި ލަފުޒެވެ. 'ވެލާ' މި ލަފުޒަށް 'އެއް' މެހޭހިނދު 'ވެލައެއް' ކިޔަނީ އެހެންވުމުން ކަމަށެވެ. އަދިވެސް ސުވާލުގެ ޖަވާބާ ހަމައަށް ނުދެވޭތާ އެވެ.

ނަންނަން އާންމު ކުރާއިރު 'ލެއް' އިތުރުވަނީ ކިހިނެއް؟

ދިވެހިބަހުގައި ނަން އާންމު ކުރާއިރު، މެހޭ 'އެއް'، ބައެއް ހާލަތްތަކުގައި 'ލެއް'އަށް ބަދަލުވެއެވެ. ދިވެހިބަހުގެ އުސްތާދު އަބުދުﷲ ސޯދިގުގެ ބަހުގެ ހަމައިގެ އަތްމަތީ ފޮތުގައި ބަޔާންކުރައްވާފައި ވަނީ 'މާ'، 'ޅާ'، 'ފޫ'، 'ކޫ'، 'ޔޮ'، 'ބޯ'، 'ޅޯ' މި އަކުރުތަކަށް ނިމިފައި ހުންނަ ނަންނަން އާންމު ކުރުމަށް އެކަހެރި ކުރާއިރު، 'އެއް' ގުޅޭއިރު 'ލެއް'އަށް ބަދަލު ވެގެންދާނެ ކަމަށެވެ.

މި މިސާލުތަކަށް ބަހަވީ ނަޒަރަކުން ވިސްނައިލުމުން ފެންނަނީ ނަމުގެ ތެރެއަށް އެއް މެހޭ އިރު 'ލެއް' ފެންނަ އިރު ދެމޭފިލިތައް އުނިވެ އެ މަގާމަށް ކުރުފިލިތައް އިތުރުވާ ކަމަށެވެ. މިސާލަކަށް،

ހ) މަލެއް = މާ + އެއް (މަ + (ލ) + ެއް)

ށ) ބުޅަލެއް = ބުޅާ + އެއް (ބުޅަ + (ލ) +ެއް)

ނ) ފުފުލެއް = ފުފޫ + އެއް (ފުފު + (ލ) +ެއް)

ރ) ކަކުލެއް = ކަކޫ + އެއް (ކަކު + (ލ) +ެއް)

ބ) ތެލެއް = ތެޔޮ + އެއް (ތެ + (ލ) +ެއް)

ޅ) ބޮލެއް = ބޯ + އެއް (ބޮ + (ލ) +ެއް)

މި މިސާލުތަކަށް ބަލާއިރު، ކޮންމެ ލަފުޒަކަށް ވެސް ލ އިތުރުވެގެންދާއިރު "އެއް"ގައި ހިމެނޭ ފުރަތަމަ އަލިފު ގެއްލިގެން ދެއެވެ. މިއީ އަމާލިޔާ ޏަނަދެސިކަން ވިދާޅުވާ ގޮތަށް އަލިފު ގެއްލުމެއް ނުވަތަ އަލިފު ޑިލީޝަން އެކެވެ. ދެން މި ލަފުޒުތަކަށް އަންނަ އަނެއް ބަދަލަކީ ލަފުޒުގެ ފަހު އަކުރުގައި އޮންނަ ފިލި ގެއްލުމެވެ. ދެމޭ ފިލީގެ ބަދަލުގައި ކުރުފިއްޔެއް އައުމެވެ. ނަމަވެސް، 'ޔޮ' އަށް ނިމިފައިވާ ލަފުޒުން "ޔ" ގެއްލޭކަން ފާހަގަވެ އެވެ. ދިވެހިބަހާ ގުޅޭގޮތުން 2000 ވަނަ އަހަރު ދިރާސާކުރެއްވި ބުރޫސް ޑުވައިން ކެއިން އަދި 2001 ވަނަ އަހަރު ދިރާސާ ކުރެއްވި ސޮންޔާ ފްރިޒް ވިދާޅުވަނީ، މި ގޮތަށް ބަދަލު އަންނަނީ ދިވެހިބަހުގައި "ޔ"ގެ އަޑަކީ އަލިފުގެ އަޑުގެ ބައިކުޅަ ބައި ހިމެނޭ (ސެމީ ވަވަލް) އަޑެއް ކަމަށްވާތީ އެވެ.

ދިވެހިބަހުގައި ހިމެނޭ މެހޭ އަކުރުތައް ނަން ނަމަށް މެހިގެންދާއިރު އެކި ހާލަތުގައި އެކި ބަދަލު އަންނަކަން ފާހަގަކުރެވެ އެވެ. މިގޮތުން، އޫބޫފިއްޔަށް ނިމޭ ނަންނަމާ މެހޭ އަކުރުތައް ގުޅުވާނަމަ ފަހު އަކުރުން އެއްފިލި ކެނޑި ގުޅުވައިލެވޭ އަކުރުގެ އަލިފު ލާމަކަށް ބަދަލުވާ ކަމަށް މުޙައްމަދު ޖަމީލުގެ 'ފިޔަވަޅު' ފޮތް ސިލްސިލާގައި ބަޔާންކޮށްފައިވެ އެވެ. މިސާލަކަށް، 'ކިނބޫ؛ ކިނބުލަށް، ކިނބުލެއް، ކިނބުލަކީ'، 'ނިގޫ؛ ނިގުލާއި، ނިގުލަކީ' ފަދަ ލަފުޒުތައް ފާހަގަކޮށްލެވެ އެވެ. ބައެއް ނަންނަމާ ގުޅޭ އަކުރުގެ ސަބަބުން، ނަމުގެ ފަހު އަކުރުގެ ފިލި ނުދެމޭ ފިއްޔަކަށް ބަދަލުވެފައި ގުޅައިލެވޭ އަކުރު އިތުރުވާއިރު، އަނެއްބައި ލަފުޒުގައި އަލިފު އުނިވެ ލާމެއް އިތުރުވާ ކަމަށް ފާހަގަކޮށް މިސާލު ދައްކަވަނީ 'ފުރޯ؛ ފުރޮއެއް'، 'ލުނބޯ؛ ލުނބޮއެއް' ފާހަގަކޮށްލެވެ އެވެ. މި މިސާލުތަކުގައި ލަފުޒަށް 'އެއް' މެހޭއިރު ދެމޭފިލި ކުރުފިއްޔަކަށް ބަދަލުވެ އެވެ. ނަމަވެސް، 'މޯ؛ މޯލެއް، މޯލާއި' މި މިސާލުތަކުގައި މެހިގެންދާ 'އެއް'ގައި އޮންނަ އަލިފު އުނިވެ އެ އަކުރު އޮންނަ މަގާމަށް ލާމެއް އިތުރުވެ އެވެ. އެހެންކަމުން، މެހޭ އަކުރުގެ ގޮތުގައި 'ލެއް' އިތުރުވެގެންދާ ކޮންމެ ފަހަރަކު 'ލެއް' އިތުރުވަނީ މެހޭ އަކުރުގެ ކުރިއަށް ދެމޭފިއްޔެއް އަންނާތީ ނޫންކަން މި މިސާލުތަކުން ކަށަވަރުކޮށްދެ އެވެ. އަދި 'އެއް' މެހުމުން އުފެދޭ 'ލެއް' އެކި ގޮތްގޮތަށް ފުރޮޅިގެންދާކަން ވެސް ސާބިތުކުރެވެ އެވެ.

ނަން އާންމުކުރުމުގައި އައުބައުފިއްޔަށް ނިމިފައި ހުންނަ ލަފުޒުތަކަށް، 'އެއް' މެހޭއިރު 'ލެއް' ގުޅިގެންދާ ކަމަށް މުޙައްމަދު ޖަމީލު ވިދާޅުވެ އެވެ. މިސާލު ދައްކަވަމުން ބަޔާންކޮށްފައިވަނީ، 'ވައު؛ ވަލެއް'، 'ގައު؛ ގަލެއް'، 'މީދައު؛ މީދަލެއް'، 'ދައު؛ ދަލެއް' ކަމުގަ އެވެ. މިއީ ދިވެހިބަހުގައި ހިމެނޭ، އައުބައުފިއްޔަށް ނިމޭ ލަފުޒުތަކެވެ. މި ލަފުޒުތަކުގެ އަސްލު އުފެދިފައި ވަނީ މި ގޮތަށް ކަމަށާއި ނަމަވެސް ފަހުގެ ތާރީޚުގައި އައުބައުފިލީގެ ބަދަލުގައި އާބާފިލި ބޭނުން ކުރާކަމަށް ދިވެހިބަހުގެ ގަވާއިދުތަކަށް އާއްމު އަހުލުވެރި ކުރެވުމުގައި އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވާއިވާ ދިވެހިބަހުގެ އުސްތާޛު އަބުދުﷲ ޞާދިޤުގެ ބަހުގެ ހަމައިގެ އަތްމަތީ ފޮތުގައި ބަޔާންކުރައްވަ އެވެ. މިއީ ހަމައެއް ކަމަށްވާނަމަ، 'ރިޔާ'، 'ތެޔޮ'، 'ވެޔޮ' މި ލަފުޒުތަކުގެ އަސްލަކީ 'ރިޔައު'، 'ތެއު'، 'ވެއު' ބަސްފޮތުން ސާބިތުވެ އެވެ. އެހެންކަމުން، މި ލަފުޒުތަކަށް 'އެއް' މެހޭއިރު 'ލެއް'އަށް ބަދަލުވަނީ މި ދެންނެވި ހަމައިންނެވެ.

ދިވެހިބަހުގައި ހިމެނޭ ކަމުގެ ނަން ނުވަތަ މަސްދަރު ތެރެއަށް 'ލެއް' މެހިގެންދާ ކަމަށް ފާހަގަކުރެވެ އެވެ. މިގޮތުން، ކަންކުރި ގޮތް ބަޔާންކޮށްދިނުމަށް 'ލެއް' އިތުރުވާ ކަމަށް އަމާލިއާ ޏަނަދެސިކަން ހާމަކުރައްވަ އެވެ. މިސާލެއް ގޮތަށް ދައްކަވާފައި ވަނީ 'ކުރާލެއް" އެވެ. އެއީ، 'ކުރުން' މި ލަފުޒަށް މަހައިފައިވާ 'އެއް' ކަމަށެވެ. އެހެން މިސާލަކަށް ބަލާއިރު، 'ދުއްވާލެއް ބާރެވެ" މި ޖުމުލައިގައި 'ދުއްވާލެއް' އެއީ ކަމުގެ ނަންކަމަށްވާ 'ދުއްވުން+އެއް' މެހިގެން އުފެދިފައިވާ ކަމެކެވެ. މި މިސާލުގައި ވެސް ހާމަކޮށްދީފައި ވަނީ ކަންކުރި ގޮތެވެ.

އެނގުނީ ކޮންކަމެއް؟

ދަރިވަރުގެ ސުވާލަށް ފުރިހަމަ ޖަވާބެއް ދިނުމަށް ޓަކައި ގަވާއިދު ފޮތްތައް މުރާޖާކުރުމުގެ އިތުރުން، ދިވެހިބަހުން ބައެއް މިސާލުތައް އެއްކޮށްގެން މޭޒުކައިރީ އިނދެކުރި ދިރާސާއިން ހާމަވީ ދިވެހިބަހުގައި ހިމެނޭ ނަންނަން އާންމުކުރާއިރު އެކަހެރި ކުރުމަށް ޓަކައި 'އެއް' މަހާއަކުރު 'ލެއް'އަށް ބަދަލުވާ ހާލަތްތަކެއް ހުރިކަމެވެ. މިގޮތުން، "އެއް" މަހައިލުމުން "ލެއް" ފެންނަން ހަމަތަކަކީ:

  • އިހުގައި އައުބައުފިއްޔަށް ނިމިފައި، މިހާރު އާބާފިލި ބޭނުންކުރާ ލަފުޒުތަކަށް 'އެއް' މަހާއިރު 'ލެއް' ފެންނަން އޮންނަކަން (މިސާލު: މައު (މާ) – މަލެއް)
  • އޫބޫފިއްޔަށް ނިމިފައިވާ ލަފުޒުތަކުގެ ތެރެއިން ހާއްސަ ނަންނަން ފިޔަވައިފައި ދެން ހިމެނޭ ދިވެހި ނަންނަމަށް 'އެއް' މެހުމުން 'ލެއް' އިތުރުވާކަން (މިސާލު: ބިޗޫ – ބިޗުލެއް)
  • ބަހުރުވަތަކާއި އެހެނިހެން ބަސްބަހުން ދިވެހިބަހަށް ވަދެފައިވާ ލަފުޒުތަކުގެ ފަހު އަޑުތަކުން ލާމު ފާޅުވާނަމަ ވެސް 'ލެއް' އިތުރުވާކަން ފާހަގަކުރެވޭކަން
  • ކަމުގެ ނަން ކަންހިނގިގޮތް ބަޔާންކުރުމަށް އެކަހެރި ކުރާއިރު އަދި ނަފީކުރާ ހިނދު 'ލެއް' އިތުރުވާކަން (ކުރުން – ކުރާލެއް)
  • މަސްދަރުގެ ގޮތުގައި ހިމެނޭ 'ން'އަށް ނިމިފައި ހުންނަ ލަފުޒަކަށް 'އެއް' މަހާއިރު، 'ލެއް'ގެ ކުރިއަށް ދެމޭ ފިއްޔެއް އައުން (މިސާލު: ކިޔެވުން – ކިޔަވާލެއް / ދުވުން – ދުވާލެއް / ވިސްނުން – ވިސްނާލެއް)

ހުލާސާއަކީ ކޮބާ؟

ދިވެހިބަހުގެ ގަވާއިދު ފޮތްތަކާއި ލަފުޒުތަކަށް އަންނަ ބަހަވީ ބަދަލުތައް ދިރާސާކޮށް ބެލިބެލުމުން އެނގުނީ ދިވެހިބަހުގައި ހިމެނޭ ނަންނަން އާންމު ކުރާއިރު، 'ލެއް' މެހިގެންދަނީ ލަފުޒުގެ އަސްލު ހާލަތުގައި އޮންނަ އިރު އެ ލަފުޒުގެ މައިގަނޑުގައި ހިމެނޭ ސުކުން (ކޮންސަނަންޓް) އަޑަށް ބިނާވެގެންނާއި، ލަފުޒުގެ ނިމުގައި އޮންނަ ފިއްޔަށް ބަރޯސާވެގެންކަމަށެވެ.

ވިސްނަންވީ ކޮންކަމަކާ؟

ދިވެހިބަހުގެ ތަބީއަތުގައި ހުރި މުއްސަނދި ގަވާއިދުތައް ދޫކޮށްލައި ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތާ މެދު ވިސްނާން ޖެހޭކަން ދަރިވަރުގެ ސުވާލަށް ދޭނެ ޖަވާބެއް ހޯދުމަށް ކުރި މި މަސައްކަތުން ފަހުވި އެވެ. ވަކީން ހާއްސަކޮށް މިއަދު ދިވެހިބަހުން ގެއްލިގެން ގޮސްފައިވާ އައުބައުފިލީގެ އަޑު އަލުން އަނބުރާ ދިވެހިބަހަށް ރުޖޫއަކޮށްގެން ނޫނީ ދިވެހިބަހުގެ ނަންތައް އާއްމުކުރާއިރު ލަފުޒުގެ ތެރެއިން "ލެއް" ފެންނަނީ ކީއްވެތޯ ކުރާ ސުވާލަށް ޖަވާބު ދިނަސް ފަހުގެ ޖީލަށް މިކަން މޭރުން ނުވާނެ އެވެ. އަދި އަންނާންތިބި ދަރީންނަށާއި ދަރީންގެ ދަރިންނަށް އެ ހަމަތައް ދޭހައެއް ނުވާނެ އެވެ. މި ހަމަތައް ދިވެހިބަހުގެ ތެރޭގައި ދިރުވާ އާލާކުރާން ޖެހެ އެވެ. އެހެންނޫނީ، "ރިޔަލެއް" ރަނގަޅުވެފައި "ފިޔަލެއް" ނުވަތަ "ޖަނގިޔަލެއް" ރަނގަޅު ނުވަނީ ކީއްވެކަން ކިޔައިދިނަސް ފަހުމެއް ނުވާނެ އެވެ. އޭރުން، މުނިދަރީން ބުނާނީ ދިވެހިބަހުގައި ހަރުދަނާ އެއްވެސް އުސޫލެއް ނެތް ކަމަށެވެ. އެ ފުރުސަތު އެ ދަރީންނަށް ލިބިއްޖެ ނަމަ، ދިވެހިބަހަށް އިހުމާލު މި ވެވެނީ އަޅުގަނޑުމެންނަށް ކަމަށް ދައުވާ ކުރާނެ ބަޔަކު ވެސް މި ފަސްގަނޑަށް ވުޖޫދުވެދާނެ އެވެ.