28 ޖޫން 2022 - 10:34 0
ޔުއެފާގެ ރައީސް ޗެފެރިން (މ) ވަނީ ލިވަޕޫލްގެ ކޯޗު ކްލޮޕް (ވ) އާއި ސިޓީގެ ކޯޗު ގާޑިއޯލާ (ކ)ގެ ވާހަކަތަކަށް ރައްދުދީފައި.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު
28 ޖޫން 2022 - 10:34 0
ކުޅުންތެރިންގެ ސިއްހަތަށް ބެލުމެއް ނެތި ޔުއެފާ އިން ގިނަ މުބާރާތްތަކެއް ރާވާތީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މީގެ ކުރިން އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެ ވާހަކަތަކަށް ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ވަނީ ނުސީދާކޮށް ރައްދުދެއްވައިފަ އެވެ. ޗެފެރިން ރައްދުދެއްވިއިރު، ދެއްކެވި ވާހަަކަތަކާ މެދު ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކުގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.
ކްލޮޕް މީގެ ކުރިން ވަނީ ތަކުރާރުކޮށް ޔުއެފާ ނޭޝަންސް ލީގަކީ ބޭނުންހުރި މުބާރާތެއް ނޫން ކަމަށް ބުނެފަ އެވެ. އެ ފަދަ މާނައެއް ނެތް މުބާރާތްތަކެއް ކުޅުންތެރިން ލައްވައި ކުޅުވައި ޕްރެޝަރު ދިނުމަކީ ދުރު މުސްތަގުބަލަކަށް ބަލާއިރު ކުޅުންތެރިންގެ ކެރިއަރަށް ދެވޭ ގެއްލުމެއްގެ ގޮތުގައި ކްލޮޕް ވަނީ ބުނެފަ އެވެ.
"ޔުއެފާއާ ބެހޭގޮތުން އަހަރެން ވާހަކަ ދައްކާއިރު މޫޑު ގޯސްވާ ސަބަބަކީ ނޭޝަންސް ލީގު. އަހަރެން އަދިވެސް ދެކޭ ގޮތުގައި ނޭޝަންސް ލީގުގެ ނަމުގައި މުބާރާތެއް ބޭއްވުމަކީ ދުނިޔޭގެ އެންމެ ދެކޮޅު ނުޖެހޭ އެއް ނިންމުން," މިދިޔަ މަހު އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ބަލިކުރި މެޗަށް ފަހު ކްލޮޕް ބުންޏެވެ.
"ކްލަބެއް ފުޓްބޯޅަ ސީޒަނެއްގައި 64 ނޫނީ 65 މެޗު ކުޅެފައި، ދެން ގައުމީ ޓީމުގެ މެޗުތައް އެ ސީޒަން ތެރޭ ކުޅޭނަމަ ޔަގީނުން ވެސް އެ އެރީ 75 މެޗަށް ޖުމްލަ، އަދި އެ ހިސާބުން ނުވެގެން ސީޒަން ނިންމާފައި ނޭޝަންސް ލީގުގެ މެޗުތަކެއް މި ކުޅެން ޖައްސަނީ، އެ ހަތަރެއް ނޫނީ ފަސް މެޗު ކުޅުމުގެ ބަދަލުގައި ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދިނުން މާ ބުއްދިވެރި،"
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ކްލޮޕް (ވ) އާއި ގާޑިއޯލާ (ކ)
މީގެ ކުރިން ކްލޮޕް ވަނީ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓް ބަދަލުކުރާއިރު, މެޗު ގިނަވާ ގޮތަށް ހަދާތީ ޔުއެފާ އިން އެކަން ރިވިއު ކުރަން އެދިފަ އެވެ.
ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ކޮންމެ ބަޔަކު ވެސް ބަލަނީ ފައިސާ ހޯދޭނެ ގޮތެއް ކަމަށެވެ. އަދި އެ ވިސްނުމުގައި މެޗުތަކާއި މުބާރާތްތައް ރާވާއިރު، ކޯޗުންގެ ވަޒީފާ ވަނީ ބުރަ ކަމަށާއި ކުޅުންތެރިންގެ ސިއްހަތަށް ބަލައި، ނަތީޖާ ނެރުމުގެ ޕްރެޝަރާ އެކު މަސައްކަތް ކުރަން ޖެހެނީ ވެސް ކޯޗުން ކަމަށް ގާޑިއޯލާ ވަނީ ފާހަގަކޮށްފަ އެވެ.
"ކަލަންޑަރުގައި މި އޮންނަ 365 ދުވަހަށް ފައްތައިގެން ކްލަބް މުބާރާތްތަކާއި ގައުމީ ޓީމުތަކުގެ މެޗުތައް ވެސް މި އޮތީ. އެންމެނަށް ފެންނަން އޮތް ރަނގަޅު ގޮތަކަށް މި ރާވަނީ. މުޅި ސީޒަނުގައި ކުޅެފައި، ދެ ހަފްތާއެއްހާ ދުވަސް ކުޅުންތެރިންނަށް މި ޗުއްޓީ ލިބެނީ، މާނަ އަކީ އެއީ 14 ނޫނީ ގިނަވެގެން 21 ދުވަހޭ. މިއީ މިކަން ވާން ޖެހޭނެ ގޮތެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
"މީގެ ކުޅުންތެރިންނާއި ކޯޗުން ގުޅިގެން ހަޅުތާލެއް ވެސް ކުރެވިދާނެ. އެފްއޭ، ޔުއެފާ ނޫނީ ފީފާ އެ ކަން ބަލައިގަންނާނެތަ؟ ނޫނީ މިއީ ބްރޯޑްކާސްޓަރުން ރުހޭ ގޮތަކަށް ވެދާނެތަ؟ (ކަންކަން ނިންމަން ތިބި) އެންމެން ވެސް ބޭނުންވަނީ ފައިސާ، އެއްވެސް ބަޔަކު ކުޅުންތެރިންގެ ސިއްހަތަކަށް ނުވިސްނައި،"
ޗެފެރިން ވިދާޅުވީ ކޮންމެ ކޯޗަކަށް ނޫނީ ކޮންމެ ފެޑެރޭޝަނަކަށް ވެސް ޔުއެފާ އަށް ފާޑުކިޔުން މިއީ ވަރަށް ފަސޭހަކަމެއް ކަމަށެވެ. އެކަމަކު، އަސްލު ކަން ހިނގާގޮތަށް ބަލާލައި، އެ އަށް ބިނާކޮށް ވާހަކަ ދައްކާލުން މުހިންމު ކަމަށް ޗެފެރިން ވިދާޅުވި އެވެ.
"މަދުން ކުޅެފިއްޔާ މަދުން ފައިސާ މި ލިބެނީ. އަސްލު ހަގީގަތުގައި އަަހަރެންގެ ނަޒަރުގައި މީގެ ޝަކުވާ ކުރަން ޖެހޭނީ ފެކްޓަރީގައި މަސައްކަތް ކުރާ މީހުން. އެއީ އެ މީހުންނަށް މަހަކު މި ލިބެނީ 1000 ޔޫރޯ،" ސްލޮވީނިއާ މީޑިއާ އަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުން ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ މުސާރަ އާއި ފައިސާ އަށް އިޝާރާތްކޮށް ޗެފެރިން މިސާލެއް ޖެއްސެވުމުގެ ގޮތުން ވިދާޅުވި އެވެ.
"ކޮންމެ ބަޔަކު ވެސް ބޭނުންވޭ ގިނަ މެޗު ކުޅެން ގިނަ މުބާރާތް ކުޅެން. މިސާލަކަށް ކްލަބް ލެވަލްގެ ދިގު ތިން މުބާރާތް ނުބާއްވަން އެކި ގައުމުތަކުން ނުނިންމައި އެބަތިބި، ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގެ ގްރޫޕް ސްޓޭޖުގައި 10 މެޗު ކުޅެން އެއްބައި ކްލަބްތައް ބޭނުންވޭ، އެކަމަކު ޔުއެފާ އިން ނިންމަނީ (ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި) އަށް މެޗަށް، އަހަރެމެން އެބަ އެދެން ބައެއް ގައުމުތަކުގެ ފުރަތަމަ ޑިވިޝަން ލީގުގައި 18 ޓީމު ބާއްވަން، އެ ގޮތް ވެސް ކަމަކު ނުދޭ،"
ޗެފެރިންގެ މި ވާހަކަތަކުގައި މިސާލު ޖެއްސެވިއިރު، ފުޓްބޯޅަ ކުޅުންތެރިންނާއި ފެކްޓަރީގައި މަސައްކަތް ކުރާ މީހުންގެ ވާހަަކަ ދައްކާފައިވާތީ، ގިނަ ޖަމިއްޔާތަކާއި މީޑިއާތަކުން ވަނީ އޭނާ އަށް ފާޑުކިޔައިފަ އެެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ބުނާގޮތުގައި ފެކްޓަރީގައި މަސައްކަތް ކުރާ މީހުންގެ ނަން ހިމަނައިގެން މިއީ ޗެފެރިން ފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އިޓަލީގެ މީޑިއާ އަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް ޔުއެފާ އިން ކުރި މަލާމާތެކެވެ.
Comment