Advertisement

ޚާންޖީ ރެސްޓޯރަންޓުގެ ވެއިޓަރު މަރާލި މައްސަލާގައި އާބީދުގެ މައްޗަށް މީހަކު މެރުމުގެ ދައުވާކޮށްފި

16 ޖޫން 2022 - 12:48 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޚާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އާބިދު - ފޮޓޯ: ސޯޝަލް މީޑިއާ


ޚާންޖީ ރެސްޓޯރަންޓުގެ ވެއިޓަރު މަރާލި މައްސަލާގައި އާބީދުގެ މައްޗަށް މީހަކު މެރުމުގެ ދައުވާކޮށްފި

16 ޖޫން 2022 - 12:48 0

ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރަންޓުގައި ވެއިޓަރަކަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި އެތަނުގައި މަސައްކަތްކުރި ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ދައުވާކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ހައްޔަރު ކުރި އާބިދުގެ މައްޗަށް އުފުލި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

އޭނާއަށް ކުރާ ދައުވާގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާހިނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތުކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދީގެންނެވެ.

ޝާހިންގެ ހަށިގަނޑު މިހާރު ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ. ފުލުހުން ބުނި ގޮތުގައި އެމްޑީ ޝާހިންގެ ހަށިގަނޑު ފޮނުވާލީ އާއިލާއިން އެ ކަމަށް އެދުމުންނާއި ކުރަން ޖެހޭ ތަހުލީލުތައް ކުރުމަށް ފަހު އެވެ.